ޗެމްޕިއަންސް ލީގުގެ ފެވަރިޓުންނަކީ ބާސެލޯނާ ކަމަށް ޔުވެންޓަސްގެ ކޯޗު މަސިމިލިއާނޯ އެލެގްރީ ބުނެފިއެވެ.

މިވަގުތު ރަނގަޅު ފޯމެއްގައި އޮތް ބާސާ އަށް އެންމެފަހުން ޗެމްޕިއަންސް ލީގު ކާމިޔާބު ކުރެވިފައިވަނީ 2015 ވަނަ އަހަރުއެވެ. އޭގަފަހުން ބާސާ އަށް މުބާރާތުގެ ސެމީފައިނަލާއި ހިސާބަށް މިހާތަނަށް ދަތުރުކުރެވިފައެއް ނުވެއެވެ.

ޗެމްޕިއަންސް ލީގު ހޯދުމަށް ބާސާގެ ކުޅުންތެރިން ވެސް މިފަހަރު ހާއްސަ އިސްކަމެއް ދޭއިރު، އެލެގްރީ ބުނީ މިދިޔަ ސީޒަނުގައި ޗެމްޕިއަންސް ލީގުގެ ފެވަރިޓުންނަށް ވާނެ ކަމަށް ބުނީ ރެއާލް މެޑްރިޑް ކަމަށާއި މިފަހަރުގެ ފެވަރިޓުންނަކީ ބާސާ ކަމަށް ގަބޫލުކުރާ ކަމަށެވެ. އަދި އުއްމީދަކީ މިފަހަރު އޭނާ ބުނާގޮތް ދިމާނުވުން ކަމަށްވެސް އެލެގްރީ ބުންޏެވެ.

"އަހަރެން ގަބޫލުކުރާ ގޮތުގައި، މި މުބާރާތުގެ މިފަހަރުގެ ފެވަރިޓުންނަކީ ބާސާ. ދެން އަހަރުމެން ވެސް ހިމެނޭހެން ބާކީ ހުރި ޓީމުތަކަކީ މުބާރާތް ކާމިޔާބު ކުރުމުގެ އަޒުމުގައި ތިބި ޓީމުތައް. އަހަރުމެން ކޮންމެ އަހަރެއްގައި ވެސް ނިކުންނަނީ އެ އަޒުމުގައި" އެލެގްރީ ބުންޏެވެ.

ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި މިރޭ ވެލެންސިޔާއާ ދެކޮޅަށް ޔުވެންޓަސް އިން ނިކުންނައިރު މި ގްރޫޕްގައި އެންމެފަހުން މެންޗެސްޓަރ ޔުނައިޓެޑާއި ބައްދަލުކުރި މެޗުން ޔުވެންޓަސް ވަނީ 1-2 އިން ބަލިވެފައެވެ. ފަހަތުން އަރާ ޔުވެންޓަސްގެ މައްޗަށް ޔުނައިޓެޑުން ކުރި ހޯދީ މެޗުގެ ފަހު 10 މިނެޓްތެރޭ ކާމިޔާބުކުރި ގޯލުތަކުންނެވެ.

އެލެގްރީ ބުނީ މި މެޗަށް ނިކުންނައިރު ކުރީ މެޗުގައި ހެދުނު ގޯސްތައް ހަނދާނުގައި ބަހައްޓަންޖެހޭ ކަމަށާއި އުއްމީދަކީ މުޅި ޓީމުގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔުން ކަމަށެވެ. މިރޭގެ މެޗުން މޮޅުވެއްޖެނަމަ މުބާރާތުގެ ދެވަނަ ބުރަށް ޔުވެންޓަސް ދަތުރުކުރާނެއެވެ. އެޓީމު މިވަގުތު އޮތީ 9 ޕޮއިންޓާ އެކު ގްރޫޕް އެޗްގެ އެއްވަނައިގައެވެ.

ޔުވެންޓަސް އާއި ވެލެންސިޔާ ބައްދަލުކުރާ މެޗު ފަށާނީ މިރޭ ރާއްޖެގަޑިން 1 ޖަހާއިރުއެވެ.