ރޭ ކުޅުނު މެޗުތައް ކާމިޔާބުކޮށް، ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރަށް ރެއާލް މެޑްރިޑާއި، ބަޔާން މިއުނިކް އަދި ޔުވެންޓަސް ދަތުރުކޮށްފިއެވެ.

މުބާރާތުގެ ދެވަނަ ބުރަށް ރެއާލް ދަތުރުކުރީ ރޭ ރޯމާއާ ބައްދަލުކޮށް 2-0 އިން މޮޅުވެގެންނެވެ.

މި މޮޅާއެކު ބާކީ އެއް މެޗު އޮއްވާ ރެއާލް އަށް ގްރޫޕްގެ އެއްވަނަ ވެސް ކަށަވަރުވެފައިވާއިރު، އެޓީމު އެއްވަނައިގައި އޮތީ 12 ޕޮއިންޓާ އެކުއެވެ. ރެއާލްއާއެކު މި ގްރޫޕުން ދެން ދެވަނަ ބުރަށް ދަތުރުކުރީ ރޯމާއެވެ. ގްރޫޕްގެ ދެވަނައިގައި އެޓީމު އޮތީ 9 ޕޮއިންޓާ އެކުއެވެ. މި ގްރޫޕްގައި ދެން ހިމެނޭ ވިކްޓޯރިއާ ޕްލެޒެން އަދި ސީއެސްކޭއޭ މޮސްކޯ އަށް ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ.

ރެއާލް އާއި ރޯމާ ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: ރެއާލް މެޑްރިޑް

ރޯމާގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައި ނުވި ނަމަވެސް ގޯލްޖަހާނެ މުޅިން ހުސް ފުރުސަތެއް ރޯމާގެ ސެންގިޒް އުންޑާ އަށް ވަނީ ލިބިގެން ގޮސްފައެވެ. ނަމަވެސް ރެއާލްގެ ގޯލު ކުރިމަތީ މުޅިން ހުހަށް ހުރެ އުންޑާ ފޮނުވާލި އެ ހަމަލާ ދިޔައީ ގޯލުގެ ހުރަސް ދަނޑި މަތިން ބޭރަށެވެ.

އެ ފުރުސަތުގެ ބޭނުން ރޯމާއަށް ނުހިފުނުއިރު ދެވަނަ ހާފްގެ ކުރީކޮޅު ގެރެތް ބޭލް ވަނީ ރެއާލް އަށް ލީޑު ނަގާދީފައެވެ. އަދި މެޗުގެ 59 ވަނަ މިނެޓްގައި ލޫކަސް ވަޒްކުއޭޒް ވަނީ ރެއާލްގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީ އެޓީމަށް މި މެޗުން ތިން ޕޮއިންޓު ކަށަވަރުކޮށްދީފައެވެ.

ޖަރުމަނުގެ ބަޔާން މިއުނިކް ދެވަނަ ބުރަށް ދަތުރުކުރީ އަމިއްލަ ދަނޑުގައި ރޭ ބެންފީކާ އާއި ދެކޮޅަށް ކުޅުނު މެޗު 1-5 އިން ކާމިޔާބުކޮށްގެންނެވެ. މި މެޗުގައި ބަޔާން އިން ކާމިޔާބުކުރި ފަސް ގޯލުގެ ތެރެއިން އާރެޔަން ރޮބެން އާއި ރޮބަޓް ލެވެންޑޯސްކީ، މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ ދެ ގޯލު ކާމިޔާބުކޮށްފައެވެ. ބަޔާންގެ އަނެއް ގޯލު ކާމިޔާބުކޮށްދިނީ ރިބެރީއެވެ. ބެންފީކާގެ ހަމައެކަނި ގޯލު ކާމިޔާބުކޮށްދިނީ ފާނަންޑޭސްއެވެ.

ގޯލަކަށްފަހު ރޮބެން އުފާފާޅުކުރަނީ

މުބާރާތުގެ ދެވަނަ ބުރަށް ބަޔާން ދަތުރުކޮށްފައިވާއިރު، އެޓީމު އޮތީ ގްރޫޕް އީގެ އެއްވަނައިގައި 13 ޕޮއިންޓާ އެކުއެވެ. ބަޔާން އާއެކު މި ގްރޫޕުން ދެން ދެވަނަ ބުރަށް ދަތުރުކުރީ އަޔެކްސްއެވެ. ގްރޫޕްގެ ދެވަނައިގައި އެޓީމު އޮތީ 11 ޕޮއިންޓާ އެކުއެވެ. ގްރޫޕްގެ ތިންވަނައިގައި ހަތަރު ޕޮއިންޓާ އެކު ބެންފީކާ އޮތްއިރު ގްރޫޕްގެ ފުލުގައި އޮތް އޭއީކޭ އެތަންސް އަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

އިޓަލީގެ ޔުވެންޓަސް ދެވަނަ ބުރުގެ ޖާގައެއް ރޭ ކަށަވަރުކުރީ ސްޕެއިންގެ ވެލެންސިޔާގެ މައްޗަށް 1-0 އިން ކުރި ހޯދައިގެންނެވެ. ޔުވެންޓަސްގެ ދަނޑުގައި ކުޅުނު މި މެޗުގެ ހަމައެކަނި ގޯލު ރޮނާލްޑޯ ދިން ޕާހަކުން މެޗުގެ 59 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ މާރިއޯ މަންޒުކިޗްއެވެ. މި ގޯލަށްފަހު ވެސް ދެވަނަ ހާފްގައި ގޯލްޖަހާނެ އިތުރު ފުރުސަތުތަކެއް ޔުވެންޓަސް ލިބިފައިވެއެވެ.

މާރިއޯ މަންޒުކިޗް

މި މޮޅާއެކު ޔުވެންޓަސް އޮތީ ގްރޫޕް އެޗްގެ އެއްވަނައިގައި 12 ޕޮއިންޓާ އެކުއެވެ. މި ގްރޫޕުން ދެން ދެވަނަ ބުރަށް ދަތުރުކުރީ މެންޗެސްޓަރ ޔުނައިޓެޑެވެ. ގްރޫޕްގެ ދެވަނައިގައި އެޓީމު އޮތީ 10 ޕޮއިންޓާ އެކުއެވެ. ގްރޫޕްގެ ތިންވަނައިގައި ފަސް ޕޮއިންޓާ އެކު ވެެލެންސިޔާ އޮތްއިރު ގްރޫޕްގެ ފުލުގައި އޮތް ޔަންގް ބޯއީސް އަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.