ފަހު ވަގުތުގެ ލަނޑުތަކާއެކު، ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުން މެންޗެސްޓަރ ސިޓީ އާއި މެންޗެސްޓަރ ޔުނައިޓެޑް ޖާގަ ހޯދައިފިއެވެ.

މެންޗެސްޓަރ ސިޓީ މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކުރީ ރޭ ފްރާންސްގެ ލިޔޯން އާއި ބައްދަލުކުރި މެޗު 2-2 އިން އެއްވަރުކޮށްގެންނެވެ.

މި ނަތީޖާއާއެކު މުބާރާތުގެ ދެވަނަ ބުރަށް ސިޓީ ދަތުރުކުރިއިރު، އެޓީމު އޮތީ 10 ޕޮއިންޓާ އެކު ގްރޫޕްގެ އެއްވަނައިގައެވެ. ދެވަނައިގައި ހަތް ޕޮއިންޓާ އެކު ލިޔޯން އޮތްއިރު ފަސް ޕޮއިންޓާ އެކު ގްރޫޕްގެ ތިންވަނައިގައި އޮތީ ޝަހްތަރު ޑޮނެޓްސްކްއެވެ. ގްރޫޕްގެ ފުލުގައި ތިން ޕޮއިންޓާ އެކު އޮތީ ހޮފެންހެއިމްއެވެ.

އަގުއެރޯ ސިޓީ އަށް ނަތީޖާ އެއްވަރުކޮށްދިނީ

ލިޔޯންގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައިނުވާއިރު، މެޗުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށް ލީޑު ނެގީ މޮޅު ކުޅުމެއް ދެއްކި ލިޔޯން އިންނެވެ. މެޗުގެ 55 ވަނަ މިނެޓްގައި މި ގޯލު ލިޔޯން އަށް ކާމިޔާބުކޮށްދިނީ ކޯނެޓްއެވެ. ނަމަވެސް މެޗުގެ 62 ވަނަ މިނެޓްގައި ސިޓީގެ ޑިފެންޑަރު ލަޕޯޓް ވަނީ އެޓީމަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

މި ގޯލަށްފަހު ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ 81 ވަނަ މިނެޓްގައި ކޯނެޓް ވަނީ ލިޔޯން އަށް ދެވަނަ ފަހަރަށް ލީޑު ނަގާދީފައެވެ. ނަމަވެސް މި ލީޑު ލިޔޯން އަށް ހިފަހައްޓާލެވުނީ އެންމެ ދެ މިނެޓަށެވެ. އެގޮތުން މެޗުގެ 83 ވަނަ މިނެޓްގައި ސާޖިއޯ އަގުއެރޯ ވަނީ ސިޓީ އަށް ނަަތީޖާ އެއްވަރުކޮށްދީ މި މެޗުން މުހިއްމު ޕޮއިންޓެއް އެޓީމަށް ކަށަވަރުކޮށްދީފައެވެ.

ސިޓީ އާއި ވާދަވެރި މެންޗެސްޓަރ ޔުނައިޓެޑް ދެވަނަ ބުރަށް ދަތުރުކުރީ ރޭ އަމިއްލަ ދަނޑުގައި ބެލްޖިއަމްގެ ޔަންގް ބޯއީސް އާއި ބައްދަލުކޮށް 1-0 އިންނެވެ.

ޔުނައިޓެޑްގެ ފަރާތުން އާދައިގެ ކުޅުމެއް މި މެޗުގައި ފެނިގެންދިޔައިރު ފުރަތަމަ ހާފްގައި އެޓީމުގެ މާކަސް ރަޝްފޯޑް އަށް ވަނީ ލީޑު ނަގަން ރަނގަޅު ފުރުސަތެއް ލިބިގެން ގޮސްފައެވެ. ނަމަވެސް ފުދޭވަރަކަށް ހުހަށް ހުރެ ރަޝްފޯޑް ފޮނުވާލި އެ ހަމަލާ ދިޔައީ ގޯލުގެ ކުޑަތަންކޮޅެއް މަތިން ބޭރަށެވެ.

ފެލައިނީ ޔުނައިޓެޑްގެ ގޯލު ކާމިޔާބުކޮށްދެނީ

މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު މެޗުގެ 90 މިނެޓް ހަމަވެގެން ކުޅުނު ތިން މިނެޓްގެ ތެރެއިން ފުރަތަމަ މިނެޓްގައި ކާމިޔާބުކޮށްދިނީ ފެލައިނީއެވެ.

މުބާރާތުގެ ދެވަނަ ބުރަށް ޔުނައިޓެޑް ދަތުރުކުރިއިރު، އެޓީމު އޮތީ ގްރޫޕް އެޗްގެ ދެވަނައިގައި 10 ޕޮއިންޓާ އެކުއެވެ. ގްރޫޕްގެ އެއްވަނައިގައި 12 ޕޮއިންޓާ އެކު އޮތީ ޔުވެންޓަސްއެވެ. ޔުނައިޓެޑާއެކު މި ގްރޫޕުން ދެވަނަ ބުރަށް ދެން ދަތުރުކުރީ ވެސް ޔުވެންޓަސްއެވެ.