ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި މިރޭ ލިވަޕޫލް އާއި ދެކޮޅަށް ކުޅޭ މެޗަށް ޕީއެސްޖީގެ މުހިއްމު ދެ ކުޅުންތެރިން ކަމަށްވާ ނޭމާ އާއި ކިލިއަން އެމްބާޕޭ ފިޓުވެފައިވާ ކަމަށް އެޓީމުގެ ކޯޗު ތޯމަސް ޓުޗެލް ބުނެފިއެވެ.

ނޭމާ އާއި އެމްބާޕޭ އަށް ވެސް އަނިޔާވެފައިވަނީ މިދިޔަ ހަފްތާގައި ގައުމީ ޓީމުތަކާއެކު ދެ ކުޅުންތެރިން ކުޅުނު މެޗުތަކުގައެވެ. އެ އަނިޔާގެ ސަބަބުން ފްރެންޗް ލީގުގައި އެންމެފަހުން ޕީއެސްޖީން ކުޅުނު މެޗުގައި މި ދެ ކުޅުންތެރިން ކުޅެފައެއް ނުވެއެވެ. ނަމަވެސް ފާއިތުވި ދެ ދުވަހު ޕީއެސްޖީން ކުރިއަށްގެންދިޔަ ފަރިތަކުރުންތަކުގައި ނޭމާ އާއި އެބްމާޕޭ ވަނީ ބައިވެރިވެފައެވެ.

"ނޭމާ އާއި އެމްބާޕޭ ފިޓު ވެއްޖެ. ދެ ކުޅުންތެރިން ވެސް މިރޭގެ މެޗުގެ ފުރަތަމަ އެގާރައިން ފެންނާނެ" ޓުޗެލް ބުންޏެވެ.

މިރޭގެ މެޗަށް ނިކުންނައިރު ޕީއެސްޖީ މިވަގުތު އޮތީ ފަސް ޕޮއިންޓާ އެކު ގްރޫޕް ސީގެ ތިންވަނައިގައެވެ. ގްރޫޕްގެ ދެވަނައިގައި ހަ ޕޮއިންޓާ އެކު ލިވަޕޫލް އޮތްއިރު އެއްވަނައިގައި އޮތް ނަޕޯލީ އަށް ވެސް ލިބިފައިވަނީ ހަ ޕޮއިންޓެވެ. ނަޕޯލީ އަށް ކުރި ލިބެނީ ހެޑް ޓު ހެޑް އިން ކުރި ލިބޭތީއެވެ.

މިރޭގެ މެޗާއި ގުޅޭގޮތުން ވާހަކަދައްކަމުން ޓުޗެލް ބުނީ ލިވަޕޫލްގެ ކުރިއަށް ކުޅޭ ތިން ކުޅުންތެރިންނާއި ދެކޮޅަށް ވަރަށް ރަނގަޅަށް ޑިފެންސް ކުރަންޖެހޭނެ ކަމަށާއި ނަމަވެސް އެއީ ކުރަން ވަރަށް އުނދަގޫ ކަމެއް ކަމަށެވެ.

"އެޓޭކް ކުރުމަށް ހާއްސަ އިސްކަމެއް މިރޭގެ މެޗުގައި ދޭންޖެހޭ. އަހަރުމެންގެ ވިސްނުން ހުންނަންވާނީ ހަމައެކަނި މޮޅުވުމަށް. ބަލިވެދާނެތީ ބިރު ގަންނާކަށް ނުޖެހޭ" ޓުޗެލް ބުންޏެވެ.

ލިވަޕޫލް އާއި ޕީއެސްޖީ ގްރޫޕް ސްޓޭޖުގައި ބައްދަލުކުރި ފުރަތަމަ މެޗުގެ 3-2 އިން ކާމިޔާބުކުރީ ލިވަޕޫލް އިންނެވެ.

ޕީއެސްޖީގެ ދަނޑުގައި ކުޅޭ މި މެޗު ފަށާނީ މިރޭ ރާއްޖެގަޑިން 1 ޖަހާއިރުއެވެ.