ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ރޭ ފްރާންސްގެ ޕީއެސްޖީ އަތުން 1-2 އިން ބަލިވެ، ލިވަޕޫލް ހާސްކަމުގެ ތެރެއަށް ވެއްޓިއްޖެއެވެ.

ގްރޫޕް ސްޓޭޖުގައި ކޮންމެ ޓީމަކަށް ވެސް ބާކީ އެއް މެޗު އޮތްއިރު، މި ނަތީޖާއާއެކު ލިވަޕޫލް މިހާރު އޮތީ ހަ ޕޮއިންޓާ އެކު ގްރޫޕް ސީގެ ތިންވަނައިގައެވެ. ގްރޫޕްގެ ދެވަނައިގައި 8 ޕޮއިންޓާ އެކު ޕީއެސްޖީ އޮތްއިރު އެއްވަނައިގައި ނުވަ ޕޮއިންޓާ އެކު އޮތީ ނަޕޯލީއެވެ. އަދި ގްރޫޕްގެ ފުލުގައި ހަތަރު ޕޮއިންޓާ އެކު އޮތީ ރެޑް ސްޓާ ބެލްގްރޭޑްއެވެ.

މުބާރާތުގެ ދެވަނަ ބުރަށް ދިޔުމަށް ޕީއެސްޖީ އަށް ބޭނުންވަނީ އެންމެ މޮޅެއް ކަމަށްވާއިރު، ދެވަނަ ބުރުން ޖާގައެއް ހޯދުމަށް ކުރިއަށް އޮތް މެޗުން މޮޅުވުން ލިވަޕޫލަށް ވެސް މިހާރު ވަނީ މަޖުބޫރުވެފައެވެ. ގްރޫޕްގެ ފަހު މެޗުގައި ލިވަޕޫލް ނިކުންނާނީ ނަޕޯލީއާ ދެކޮޅަށެވެ.

ފްރާންސްގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި ޕީއެސްޖީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު މެޗުގެ 13 ވަނަ މިނެޓްގައި ހުއާން ބާނެޓް ވަނީ އެޓީމަށް ލީޑު ނަގާދީފައެވެ. އަދި މެޗުގެ 37 ވަނަ މިނެޓްގައި ޕީއެސްޖީން އުފެއްދި ކައުންޓަ އެޓޭކެއްގައި ނޭމާ ވަނީ އެޓީމުގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ.

ދެ ގޯލުގެ ލީޑަކާއެކު ފުރަތަމަ ހާފް ނިންމާލުމާ ގާތަށް ޕީއެސްޖީން ޖެހުނު ނަމަވެސް ހާފްގެ ފަހު މިނެޓްގައި ލިބުނު ޕެނަލްޓީ އަކުން ޖޭމްސް މިލްނާ ވަނީ ލިވަޕޫލް އަށް ނަތީޖާގެ ފަރަގު ކުޑަކޮށްދީފައެވެ. މިއީ މުޅި މެޗުގައި ވެސް ޕީއެސްޖީގެ ގޯލާއި އަމާޒުކޮށް ލިވަޕޫލަށް ފޮނުވާލި ހަމަލާކަން ފާހަގަކޮށްލެވެއެވެ.

މެޗުގެ ދެވަނަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައިނުވާއިރު، ގޯލްޖަހާނެ މާ ރަނގަޅު ފުރުސަތުތަކެއް މި ހާފުގައި ދެ ޓީމުން ކުރެ ޓީމަކަށް ތަނަވަސްކުރެވިފައެއް ނުވެއެވެ.

ލިވަޕޫލް އަކީ މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ރަނަރަޕް ޓީމު ކަމަށްވާއިރު، ގްރޫޕްގެ ފަހު މެޗުގައި ނަޕޯލީއާ ދެކޮޅަށް ލިވަޕޫލް ނިކުންނާނީ އަންނަ މަހުގެ 11 ވަނަ ދުވަހުގެ ރެއެވެ.