މިނިވަން ޗެމްޕިއަންސިޕްގެ މ.އަތޮޅު ބުރުގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން ފަސޭހަ ކަމާއެކު މ.މުލި ފައިނަލައް ހިގައްޖެއެވެ.

މުލި އިން ފައިނަލްގެ ޖާގަ ޔަގީން ކޮއްފައިމިވަނީ އިއްޔެ ހަވީރު މ. މުލި ފުޓްބޯޅަ ދަނޑުގައި މަޑުއްވަރީއާއި ކުޅުނު މެޗް 2 - 1 ގެ ނަތީޖާ އަކުން ކާމިޔާބް ކޮށްގެނެއެވެ.

މެޗްގެ ފުރަތަމަ ހާފްގައި މޮޅަށް ކުޅެ މަޑުއްވަރީއިން ލީޑް ނެގި ނަމަވެސް ފަހު ހާފްގައި މުލި އިން ވަނީ ކުޅުން ވަރުގަދަ ކޮށް ދެ ގޯލް ޖަހާ މެޗް ކާމިޔާބް ކޮށްފައެވެ. މަޑުއްވަރީ ޓީމް އަށް ފުރަތަމަ ހާފް ނިމެން ކައިރި ވެފައި ވަނިކޮށް ޖަހައިދިން ލަނޑު ޖަހާދީފައިވަނީ މިގުދާދު ސައީދެވެ. މުލި ޓީމްގެ ފުތަރަމަ ލަނޑު 65 ވަނަ މިނިޓްގައި ހަސަން ޖައިލަމް ކާމިޔާބް ކޮށްދިން އިރު ލީޑް ނަގައިދިން ލަނޑު ޖަހާދިނީ 82 ވަނަ މިނިޓްގައި މުޙައްމަދު ފަޒީލެވެ.

މިނިވަން ޗެމްޕިއަންސިޕްގެ މ.އަތޮޅު މުބާރާތުގެ ފައިނަލްގެ އެއް ޖާގަ މުލި ހޯދާފައިވާއިރު ފައިނަލްގައި ކުޅޭ އަނެއް ޖާގަ ކަށަވަރުވާނީ ވޭވަށާއި މުލަށް ބައްދަލުކުރާ މެޗަށް ފަހުގައެވެ. މަޑުއްވަރީ ވަނީ ކުޅުނު ހުރިހާ މެޗަކުން ބަލިވެ މުބާރާތުން ކަޓައިފައެވެ.

މި މުބާރާތުގެ މ.އަތޮޅު ބުރުގައި އެ އަތޮޅުން ބައިވެރި ވެދައިވަނީ ޖުމްލަ ހަތަރު ޓީމެއެވެ. އެއީ މުލަކާއި، މަޑުއްވަރީ އާއި، ވޭވައް އަދި މުލި އެވެ.