ދިރާގު ދިވެހި ޕްރިމިއާ ލީގު 2018ގައި ކުޅުނު އެންމެ ފަހު މެޗުގައި ކްލަބު އީގަލްސްއާ އެއްވަރުކޮށް، ޓީސީ ސްޕޯޓްސް ކްލަބުން ލީގުގެ އައްޑަނަ އުފުލާލައިފިއެވެ.

މިރޭ ގައުމީ ދަނޑުގައި ކުޅުނު މެޗު ނިމުނީ 4-4ގެ ނަތީޖާއަކުން އެއްވަރު ވެގެންނެވެ.

މިރޭގެ މެޗަށް ނުކުތް އިރުވެސް ޓީސީއަށް އޮތީ ލީގު ޗެމްޕިއަންކަން ޔަގީންވެފައެވެ. މިއަދު ހަވީރު މާޒިޔާއާއި ނިއު ރޭޑިއަންޓް ކުޅުނު މެޗު އެއްވަރުވުމުން މާޒިޔާއިން ލީގަށް ކުރަމުންދާ އުންމީދަށް ނިމުމެއް އައިސްފައިވާ އިރު، މިރޭގެ މެޗުން މޮޅުވެ އީގަލްސް ވަނީ ތިންވަނައިގައޮ ލީގު ނިންމާލާފައެވެ.

މާޒިޔާއިން ދެވަނައިގައި ސީޒަން ނިންމާލި އިރު، މިއީ ޓީސީން ރާއްޖޭގެ ފުރަތަމަ ޑިވިޝަން، ދިވެހި ޕްރިމިއާ ލީގުގެ ތަށި އުފުލާލި ފުރަތަމަ ފަހަރެވެ. ކްލަބުގެ އުމުރުން ހަގު ނަމަވެސް އެޓީމުން ކުރިއަރަމުން އައިސް، ރާއްޖޭގެ ފުރަތަމަ ޑިވިޝަން އުފުލާލުމަކީ ގިނަ ބަޔަކަށް އުންމީދު ކުރެވުނު މަންޒަރެކެވެ.

މީގެ ފަސް އަހަރު ކުރިން ތިންވަނަ ޑިވިޝަންގައި ވާދަކުރި ޓީސީން ފުރަތަމަ ފަހަރަށް ފުރަތަމަ ޑިވިޝަން ކުޅެފައި ވަނީ 2015 ވަނަ އަހަރުގައެވެ. އެޓީމުން ފުރަތަމަ ޑިވިޝަނަށް ކޮލިފައިވީ 2014 ވަނަ އަހަރު ދެވަނަ ޑިވިޝަންގެ ތަށި ހޯދާ، ޕްލޭ އޮފް ކުޅެގެންނެވެ. މިއަދާ ހަމައަށްވެސް ކޯޗު ކަމުގައި ހުރީ އޭރުވެސް ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ)އެވެ.

މިދިޔަ ދެ އަހަރަށް ބަލާ އިރުވެސް، ޓީސީ ފެނުނީ ލީގަށް އެންމެ ވާދަކުރި ޓީމުގެ ގޮތުގައެވެ. އަދި މިދިޔަ ދެ އަހަރުވެސް ޓީސީ ވަނީ ޑޮމެސްޓިކް ގިނަ މުބާރާތްތަކެއްގެ ފައިނަލް ކުޅެފައެވެ. މި ސީޒަނަށް ޓީސީ ވަރަށް ބޮޑަށް ތައްޔާރުވި އިރު، ޓީސީއަށް ޕްރިމިއާ ލީގު ހޯދުމަށް އެންމެ ބޮޑު އެހީއަކަށްވީ ޕްރިމިއާ ލީގަށް، އިތުބާރު ފޯވަޑް، އަލީ އަޝްފާގު (ދަގަނޑޭ) ޓީމާ ގުޅުމެވެ. އޭނާ ވަނީ ޕްރިމިއާ ލީގުގެ ޓޮޕް ސްކޯރާ ހޯދާ ޓީސީއަށް މޮޅު ކުޅުމެއް ދައްކާފައެވެ.

މިއީ ޓީސީ ކޯޗު، ނިޒާމްބެއަށްވެސް ކޯޗެއްގެ ގޮތުގައި ރާއްޖޭގެ ފަސްޓް ޑިވިޝަންގެ ތަށި އުފުލާލި ފުރަތަމަ ފަހަރެވެ. ނިޒާމްބެ ފާހަގަކޮށްލެވެނީ އަބަދުވެސް ޓީސީއަށް ކުރިއެރުންތަކެއް ގެންނަ، ހުނަރުވެރި ކުޅުންތެރިންތަކެއް ޓީސީން ނެރެދޭ ކޯޗެއްގެ ގޮތުގައެވެ.

މިރޭގެ މެޗަށް ޓީސީން ނުކުތީވެސް ޗެމްޕިއަނުންގެ ލަގަބާއެކުގައެވެ. އެޓީމުން ވަނީ މެޗުގެ 20 ވަނަ މިނެޓުގައި މެޗުގެ ލީޑު ނަގައިފައެވެ. އީގަލްސްގެ އޭރިއާ ބޭރުން އިބްރާހީމް ވަހީދު (އިއްބެ) ފޮނުވާލި ބާރު ހަމަލާ ގޯލަށް ވައްދާލީ އީގަލްސްގެ ގޯލްކީޕަރު ސުޖަން ޕެރޭރާގެ ބޯ މަތިންނެވެ.

އޭގެ އިރުކޮޅެއް ފަހުން ޓީސީން ލީޑު ފުޅާކުރިއެވެ. ދަގަނޑޭގެ ގޯލާއެކު ޓީސީން ލީޑު ފުޅާކުރި އިރު، ހާފް ނިމުމުގެ ކުރިން އީގަލްސްގެ މުހައްމަދު ނާއިމް ވަނީ ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. އޭގެ އިތުރުންވެސް ނާއިމްއަށް ވަނީ ހާފްގައި ހުސް ފުރުސަތެއް ލިބިފައެވެ. އަހުމަދު ރިޒުވާން (ރިޒޭ) ފޮނުވާލި ބޯޅަ ޓީސީ ގޯލްކީޕަރު ކިރަން ދިފާއުކުރި އިރު، ރީބައުންސް ބޯޅަ ނާއިމްއަށް ހުސްކޮށް ލިބި، އޭނާ ބޭކާރު ކޮށްލިއެވެ.

ދެވަނަ ހާފް ފެށިގެން މާ ގިނަ އިރެއް ނުވެ، ރިޒޭގެ ރީތި ގޯލާއެކު އީގަލްސްއިން ނަތީޖާ ހަމަހަމަ ކުރިއެވެ. އޭގެ ފަހުން އީގަލްސްއަށް ފުލުފުލުގައި ލިބުނު ދެ ޕެނެލްޓީއާއެކު ރިޒޭ އޭނާގެ ހެޓްރިކް ފުރިހަމަކޮށް، އީގަލްސްއަށް ދެ ގޯލްގެ ލީޑެއް ނަގައިދިނެވެ.

ޓީސީން މެޗަށް އަނބުރާ އައުމަށް ކުރި މަސައްކަތުގައި ޓީސީން ނަތީޖާގެ ފަރަގު ކުރީ މެޗުގެ 74 ވަނަ މިނެޓުގައެވެ، މުހައްމަދު ސާމިރު ނެގި ކޯނަރު، އީގަލްސްގެ ގޯލްކީޕަރު ސުޖަން އަތުގައި ޖެހިފައި އޭރިއާ ތެރެއަށް ވެއްޓުމުން ގޯލް ތެރެއަށް ބޯޅަ ވައްދާލީ ޑިފެންޑަރު މަގުރަބީއެވެ.

މެޗުގެ ފަހު މިނެޓްގައި ޓީސީން ނަތީޖާ ހަމަހަމަ ކުރިއެވެ. އިބްރާހީމް މަހުދީ (ފޭދޫ އިއްބެ) ތަނަވަސްކޮށްދިން ބޯޅައިން ޓީސީއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ އާދަމް އިޝާން (ސައްޓު) އެވެ.

މިރޭގެ މެޗަށްފަހު ލީގުގެ ރަން މެޑަލް ޓީސީއަށް ދީފައިވާ އިރު، ލީގުގެ ފެއާ ޕްލޭ ޓީމާއި އެންމެ މޮޅު ގޯލްކީޕަރުވެސް ވަނީ ހޮވާފައެވެ. ލީގުގެ ފެއާ ޕްލޭ ޓީމަށް ގްރީން ސްޓްރީޓްސް ހޮވިފައިވާ އިރު، އެންމެ މޮޅު ގޯލްކީޕަރަކަށް ހޮވުނީ ޓީސީގެ ނޭޕާލް ގޯލްކީޕަރު ލިމްބޫ ކިރަން ކުމާރެވެ.

މިރޭގެ ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ޓޫރިޒަމް މިނިސްޓަރު، ކުރީގެ ނިއު ރޭޑިއަންޓްގެ ޗެއާމަން އަލީ ވަހީދެވެ. އެ ރަސްމިއްޔާތުގައި ދިރާގުގެ ފަރާތުން މުހައްމަދު ފާހިރު އަދި އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސައިން ޖަވާޒުވެސް ބައިވެރިވެލެއްވިއެވެ.

ޕްރިމިއާ ލީގު ރަސްމީކޮށް ތައާރަފް ކުރީ 2000 ވަނަ އަހަރުގައެވެ. ޓީސީއަށް މިރޭ ވެފައި ވަނީ ލީގު ތަށި އުފުލާލި މަދު ޓީމުތަކުގެ ތެރޭގައި އެޓީމުގެ ނަން ލިޔެލެވުނު ރެއަށެވެ.

ދިވެހި ލީގު ފުރަތަމަ އުފުލާލި ކްލަބަކަށް ވިކްޓަރީ ސްޕޯޓްސް ކްލަބު ވެފައިވާ އިރު، އެޓީމުގެ އިތުރުން ދެން ލީގު ކާމިޔާބުކޮށްފައި ވަނީ ވީބީ އައްޑޫ އެފްސީ، ވެލެންސިއާގެ އިތުރުން ނިއު އަދި މާޒިޔާއެވެ.