އަނިޔާގެ ސަބަބުން މެންޗެސްޓަރ ޔުނައިޓެޑަށް ކުޅެމުން އަންނަ ޗިލީގެ ވިންގާ އެލެކްސިސް ސަންޗޭޒް ހަ ހަފްތާ އަށް ކުޅުމާ ދުރުގައި ހުންނަން ޖެހިއްޖެއެވެ.

ސަންޗޭޒްގެ ފައިގެ ފަލަމަސްގަނޑަށް އަނިޔާވެފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ޔުނައިޓެޑުން ކުރިއަށް ގެންދިޔަ ފަރިތަކުރުންތަކުގައި ބައިވެރިވަމުން ދަނިކޮށެވެ. މި އަނިޔާއާ ގުޅިގެން އިތުރު ޓެސްޓުތަކެއް ސަންޗޭޒް އަދި ހަދާފައި ނުވާއިރު ރިޕޯޓުތައް ބުނާގޮތުން އޭނާ ގާތްގަނޑަކަށް ހަ ހަފްތާ އަށް ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ ކަމަށް ބެލެވެއެވެ.

ސަންޗޭޒަށް ލިބުނު މި އަނިޔާއާ ގުޅޭގޮތުން ވާހަކަދައްކަމުން ޔުނައިޓެޑްގެ ކޯޗު ހޯޒޭ މޮރީނިއޯ ބުނީ ސަންޗޭޒަށް ލިބިފައިވަނީ ހަފްތާއަކުން ނުވަތަ 10 ވަރަކަށް ދުވަހުން ރަނގަޅުވާނެ ފަދަ އަނިޔާއެއް ނޫން ކަމަށާއި ގިނަ ދުވަސްތަކަކަށް ސަންޗޭޒް ކުޅުމާ ދުރުގައި ހުންނަންޖެހޭނެ ކަމަށް ބެލެވޭ ކަމަށެވެ.

"އަހަރެންެގެ ތަޖުރިބާ އާއި އެ އަނިޔާ ލިބުމުން ސަންޗޭޒަށް ވީގޮތުން، އޭނާ ދިގު މުއްދަތަކަށް ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ ކަމަށް ބެލެވޭ" މޮރީނިއޯ ބުންޏެވެ.

ސަންޗޭޒަށް އަނިޔާވެފައިވާއިރު އޭނާ ޔުނައިޓެޑަށް ބަދަލުވީ މިއަހަރުގެ ޖެނުއަރީ މަހު އާސެނަލް އިންނެވެ. ނަމަވެސް ޔުނައިޓެޑްގައި ރަނގަޅު ކުޅުމެއް ސަންޗޭޒަށް ދެއްކޭގޮތް ވެފައިނުވާއިރު އޭނާ އަށް މި ސީޒަނުގައި މިހާތަނަށް ކާމިޔާބުކުރެވުނީ އެންމެ ގޯލެކެވެ. އެ ގޯލު ސަންޗޭޒް ކާމިޔާބުކުރީ މިދިޔަ މަހުގެ ކުރީކޮޅު ޕްރިމިއާ ލީގުގައި ނިއުކާސަލް ޔުނައިޓެޑާއި ދެކޮޅަށް ކުޅުނު މެޗުގައެވެ.

ސަންޗޭޒްގެ އިތުރުން މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ޔުނައިޓެޑްގެ ޑިފެންޑަރު ވިކްޓަ ލިންޑެލޮފް ވެސް މިވަގުތު ހުރީ އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައެވެ.

ލީގުގެ ހަތްވަނައިގައި އޮތް ޔުނައިޓެޑުން މިރޭ ސައުތްހެމްޓަންއާ ދެކޮޅަށް ނިކުންނާނެއެވެ. އެ މެޗު ފަށާނީ މިރޭ ރާއްޖެގަޑިން 10:30 ގައެވެ.