ރާއްޖޭގެ އެންމެ ބޮޑު ލީގު އުފުލާލެވުމަކީ ބޮޑުު ޝަރަފެކެވެ. ފުޓުބޯޅަ ކްލަބެއްގެ ތާރީހުގައި، ގައުމީ ފެންވަރުގަ ލިބޭނެ އެންމެ ބޮޑު ކާމިޔާބީއެވެ. ހަލުވިކަމާއެކު ދިވެހި ފުޓުބޯޅައަށް ފައްކާވަމުން އަންނަ ޓީސީ ސްޕޯޓްސް ކްލަބަށް ރޭ ވެގެންދިޔައީ ކްލަބު ތާރީހުގައި ބޮޑު ރެއަކަށެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުގެ އައްޑަނަ އުފުލާލައި، ރާއްޖޭގެ ފުޓުބޯޅައިގެ ތާރީހުގައި ކްލަބުގެ ނަން ލިޔެލެވުނެވެ. އެތައް ދުވަހެއްގެ އިންތިޒާރެވެ. އަމާޒެއް ހާސިލް ކުރުމަށް، ގަދައަޅާ ކުރި ބުރަ މަސައްކަތުގެ ފޮނި މީރުކަން ލިބިގެންދިޔުމުގެ އިހުސާސް ހުރިހާ ކުޅުންތެރިންނާއި، ކްލަބު ދެކެ އިންތިހާއަށް ލޯބިވާ ކޯޗު، މުހައްމަދު ނިޒާމް (ނިޒާމްބެ)ގެ މޫނު މަތިންވެސް ފެނުނެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގު 2018ގައި ޓީސީ އާއި އީގަލްސް ބައްދަލުކުރި މެޗް - ވަގުތު އިމޭޖްސް: އަޝްހާދު އަބްދުﷲ

ކާމިޔާބީގެ ފަހަތުގައި އެތައްބައެއް ހިއްސާވާއިރު، މަގުމަތީގެ "ގޭންގް"އެއްގެ ގޮތުގައި ދެކެވެމުން އައި ޓީސީއަކީ މިއަދު ގައުމީ ފުޓުބޯޅަ ޗެމްޕިއަނުންނެވެ. ފަސް އަހަރު ކުރިން ރާއްޖޭގެ ތިންވަނަ ޑިވިޝަންގައި ކުޅުނު ޓީސީ، ފުޓުބޯޅައިގެ ބާރަކާ ހަމައަށް އައުމަށް ކުރި މަސައްކަތުގެ ވިސްނުމާ ފިލޯސަފީ "ވަގުތު"އަށް ހިއްސާކުރެއްވީ ކްލަބުގެ ބާނީ އަހުމަދު ނާޝިދު (ޑޭވް)އެވެ.

ޑޭވް ވިދާޅުވީ މަގުމަތީ "ގޭންގް"އެއްގެ ގޮތުގައި 1990ގެ އަހަރުތަކުގައި ޓީސީ އޮތް އޮތުން ބަދަލުކޮށް، ޓީސީއަކީ ކުޅިވަރުގެ ކްލަބަކަށް ހެދުމަކީ އަބަދުވެސް ދެކެމުން އައި ހުވަފެނެއް ކަމަށެވެ. ބައިބަލާއާއި ބައެއް ކުދިކުދި އެހެން ކުޅިވަރިތަކުގައި ޓީސީން ވާދަކުރަން ފެށީވެސް އެ ވިސްނުމުގައި ކަމަށާއި، ފުޓުބޯޅައިގެ ޗެމްޕިއަނުންނަށް ވުމާއެކު އެ ވިސްނުމަށް ބޮޑެތި ބަދަލުތަކެއް ގެނުވައިފި ކަމަށެވެ.

" ގޭންގެއްގެ ގޮތުގައި ޓީސީ އޮތް އޮތުން، އެ ވިސްނުން ބަދަލުކޮށް، މީހުންނަށް ޓީސީއަކީ އެއީ ނޫންކަން ދައްކަން ކުޅިިވަރުގެ ވިސްނުމެއް ކްލަބަށް ގެނައީ. އޭގެ ތެރެއިން ގޮސް ބައިބަލާއަށްވެސް ޓީސީ ވަދެގެން ދިޔައީ. 2007 ވަނަ އަހަރު އައި ވިސްނުމެއް ފުޓުބޯޅައިގައި ޓީސީ ވާދަކުރަން ފެށުމަކީ. އޭރު ދެން ޓީސީގެ އިސް ސަފުގައި އުޅުނު އެންމެންވެސް ސްކޫލް ނިމި، އޭރު ކުޅެލަންވެގެން ތިންވަނަ ޑިވިޝަންގައި ވާދަކުރަން ފެށީ ޓީސީން،" ޑޭވް ވިދާޅުވިއެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގު 2018ގައި ޓީސީ އާއި އީގަލްސް ބައްދަލުކުރި މެޗް - ވަގުތު އިމޭޖްސް: އަޝްހާދު އަބްދުﷲ

ޓީސީގެ ފުޓުބޯޅަ ހަޔާތް ރަސްމީކޮށް ފެށުނީ 2013 ވަނަ އަހަރުގައެވެ. އެ އަހަރުގެ ތިންވަނަ ޑިވިޝަންގެ ރަނަރަޕްގެ ގޮތުގައި ޓީސީ ދެވަނަ ޑިވިޝަނަށް ދިޔަ އިރު، 2014 ވަނަ އަހަރުގެ ދެވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ޓީސީން ހޯދިއެވެ.

ދެވަނަ ޑިވިޝަންގެ ރަނަރަޕް ކަމާއެކު ޓީސީން ފުރަތަމަ ޑިވިޝަންގެ ރެލިގޭޝަން ޕްލޭ އޯފްގައި ވާދަކޮށް ފުރަތަމަ ޑިވިޝަނަށް އައީ 2015 ވަނަ އަހަރުގައެވެ. އޭގެ ފަހުން ޓީސީން ކުރިއަރަމުން އައިސް، އެޓީމު ވަނީ ދެ އަހަރެއްގެ ތެރޭގައި ރާއްޖޭގެ ހުރިހާ ތަށްޓަކަށްވެސް ވާދަކުރާ ޓީމަކަށް ވެފައެވެ. ހާއްސަކޮށް ކްލަބުގެ ތާރީހުގައި އެންމެ ބޮޑު އެއް ކާމިޔާބީއަކީ ބަންގްލަދޭޝްގެ އިންވިޓޭޝަނަލް މުބާރާތެއް ކަމަށްވާ ޝެއިޚް ކަމާލް އިންޓަނޭޝަނަލް ކަޕް ކާމިޔާބުކޮށް، ރާއްޖޭގެ ނަމަށް ޝަރަފު ގެނެސްދިނުމެވެ.

އޭގެ ޖެހިގެން އައި އަހަރު ޓީސީން ވަނީ ރާއްޖޭގެ އަސްދަނޑިން ބޭރުވެ، އޭއެފްސީ ކަޕްގައިވެސް ކުޅެފައެވެ. ޓީމުގެ މިސްރާބު ހުރީ ކާމިޔާބަކަށްފަހު ކާމިޔާބީއަކާ ދިމާއަށެވެ. މިއަހަރުގެ މާލޭ ލީގަށްފަހު ޓީސީން ޕްރިމިއާ ލީގަށް ނުކުތީ ސީދާ ތަށްޓަށެވެ. ރާއްޖޭ ލީގުގެ ވިނިން ފެކްޓާތަކެއް އެޓީމުން ފެންނަން ފެއްޓިއެވެ. ހާއްސަކޮށް ރާއްޖެ ދުތް އެންމެ ކާމިޔާބު ފުޓުބޯޅަ ކުޅުންތެރިޔާ، އަލީ އަޝްފާގު (ދަގަނޑޭ) ޓީމަށް ދިޔުމަކީ އޭގެ އަސްލެވެ.

މިހާތަނަށް ފަސް ކްލަބަކާއެކު ރާއްޖޭގެ ފުރަތަމަ ޑިވިޝަން ނަގާފައިވާ ދަގަނޑޭގެ ހުނަރާ ތަޖުރިބާ އޭނާ ދައްކާލި ހިސާބުންވެސް ޓީސީން ރާއްޖޭގެ ފުޓުބޯޅައިގެ ރަސްކަމަށް ކުރަމުން އައި އުންމީދުތަކުގައި ކުލަ ޖެހިލިއެވެ.

" ޓީސީ ފެށުނީއްސުރެން ދެ ވަނައިގައި ކޮންމެ އަހަރަކު ހިފަހައްޓަމުން އައިސް މި އަހަރު ހަމައެކަނި އެ މަދުވާއެތި އެ އިންގްރީޑިއަންޓްސް އިތުރުކޮށްލެވުނީ. އެއީ އަލީ އަޝްފާގު. އޭނާގެ އެޑިޝަންއާ އެއްކޮށޭ ބުނެލަންޖެހޭނީ ޓީމު ކާމިޔާބު މި ހޯދީ،" ރޭގެ މެޗަށްފަހު ޓީސީގެ ކޯޗު ނިޒާމްބެ ބުންޏެވެ.

ނިޒާމްބެ އަށްވެސް ރޭގެ ކާމިޔާބީ އެތައް ގޮތަކުން ހާއްސައެވެ. ޓީސީއަކީ ނިޒާމްބެގެ ޕްރޮޑަކްޓެކެވެ. ކޯޗިން ތަޖުރިބާގެ އިތުރުން ކްލަބެއް ހިންގުމުގެ ތަޖުރިބާވެސް ޓީސީގެ ތެރެއިން ނިޒާމްބެއަށް ލިބިފައިވާ އިރު، ޓީސީއަކީ އޭނާގެ ފުރިހަމަ އުފެއްދުމެކޭވެސް ބުނެވިދާނެއެވެ. ޓީސީއަށް ފުރަތަމަ ޑިވިޝަންގެ ފުރަތަމަ ތަށްޓަކީވެސް ނިޒާމްބެގެ ފެށުމެވެ. ނިޒާމްބެ އަށްވެސް ރާއްޖެގޭ ފުރަތަމަ ޑިވިޝަންގެ ފުރަތަމަ ތަށްޓެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގު 2018ގައި ޓީސީ އާއި އީގަލްސް ބައްދަލުކުރި މެޗް - ވަގުތު އިމޭޖްސް: އަޝްހާދު އަބްދުﷲ

ކުރިމަގަށް ވިސްނަންވި ހިސާބަކީ މިއީއެވެ. ދިވެހި ކްލަބުތަކަށް ވަމުންދާ ގޮތްތަކަށް ބަލާ، ޓީސީން ކުރިއަށް ފިޔަވަޅެއް އަޅަން ޖެހޭ ހިސާބަކީވެސް މިއީއެވެ. ކާމިޔާބު ތަކުރާރުކޮށް، ކާމިޔާބު ދެމެހެއްޓުމަކި މިއަދު ދިވެހި ފުޓުބޯޅައިގައި އެންމެ މަދު އެއް މަންޒަރެވެ. އެހެންކަމުން، ލީގު ތަށްޓަކާއެކު ޓީސީގެ ޒިންމާއަކީ ކާމިޔާބު ދެމެހެއްޓުމެވެ. އެ ހިސާބަށް ޓީސީން ވިސްނާނެކަންވެސް ޔަގީނެވެ.

ކާމިޔާބީ ދެމެހެއްޓުމުގެ ވިސްނުން ޓީސީން ގެންގުޅޭ ގޮތާ ބެހޭ ގޮތުން ސީޒަންގެ މެދުތެރެއިން، ކްލަބުގެ އެއް ފައުންޑާ ޑޭވް ކައިރިން އަހާލުމުން، އޭނާ ވިދާޅުވީ، ޓީސީއަކީ އަބަދުވެސް ދުރަށް ވިސްނާ ކްލަބެއް ކަމަށެވެ. ވިސްނުން ހުރީ ވިޔަފާރީގެ ތެރެއިން ޓީމުގެ މާލީ ހަރުދަނާ ކަން ގެނެސް، ކްލަބަކީ އަބަދުވެސް ފުދުންތެރި ކްލަބަކަށް ހެެދުމުގެ ވިސްނުން ކަމަށެވެ.

އަދި ޓީސީ، ޓީސީއަށް ވުމުގައި އެންމެ މުހިއްމު ރޯލެއް އަދާކުރާ، ޓީސީގެ ގުޅުން، ލޯބި، އެކުވެރިކަމާ، އަޅާލުން ކްލަބުގައި އަބަދުވެސް ދެމެހެއްޓުމަކީ ޓީސީގެ ކާމިޔާބީ ދެމެހެއްޓުމުގެ ފިލޯސަފީއެވެ. ޓީސީގެ ވިސްނުން ރާއްޖެއިން ބޭރަށް ނެރެ، ސަރަހައްދީ ކާމިޔާބަށް މިސްރާބު ޖަހާފައިވާ އިރު، ރޭ އެ ކްލަބު ވެފައި ވަނީ ރާއްޖޭގެ ލީގު ކާމިޔާބު ކުރި ހަ ކްލަބުގެ ތެރެއިން އެއް ކްލަބަށެވެ. މާލޭގެ ގޯޅި ގަނޑަކުން ރާއްޖޭގެ ޗެމްޕިއަންކަމަށް ކުރީ ބުރަ، އަދި ކާމިޔާބު ދަތުރެކެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޖޭޑު

    މަރުހަބާ ޓީސީ ... ސާބަހޭ ދަގޭ....

    1
    1
  2. އިޔާ

    ތީ 2013 ވަނައަހަރު ނުކިއްސަރު ގޮތަކަށް ލިބުނު ލާރިގަނޑެއްގެ ނަތީޖާ.

    2
    1
  3. ާުއިޔާޔާ

    ލާރި އޮވެގެނ އުޅުނީ ނިއު އެއްނު ?

    1
    1