ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓަރ ޔުނައިޓެޑް އެއްވަރުވިއިރު، މެންޗެސްޓަރ ސިޓީ ކުޅުނު މެޗު ކާމިޔާބުކޮށް ލީގުގެ އެއްވަނައިގައި އެޓީމުން ފަސް ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ.

ރޭގެ މޮޅާއެކު ލީގުގެ އެއްވަނައިގައި ސިޓީ އޮތީ 38 ޕޮއިންޓާ އެކުއެވެ. ދެވަނައިގައި ސިޓީ އަށް ވުރެ އެއް މެޗު މަދުންކުޅެ 33 ޕޮއިންޓާ އެކު ލިވަޕޫލް އޮތްއިރު މެންޗެސްޓަރ ޔުނައިޓެޑް އޮތީ 22 ޕޮއިންޓާ އެކު ލީގުގެ ހަތްވަނައިގައެވެ.

ސިޓީ ރޭ މޮޅުވީ ލީގުގެ 9 ވަނައިގައި އޮތް ބޯންމަތްއާ ބައްދަލުކޮށް 1-3 އިންނެވެ.

އަނިޔާގެ ސަބަބުން ރޭގެ މެޗުގައި ސިޓީގެ ފޯވާޑް ސާޖިއޯ އަގުއެރޯ ކުޅެފައިނުވާއިރު، މެޗުގެ 16 ވަނަ މިނެޓްގައި ބަނާޑޯ ސިލްވާ ވަނީ ސިޓީ އަށް ލީޑު ނަގާދީފައެވެ. ނަމަވެސް ފުރަތަމަ ހާފްގެ ފަހު މިނެޓްގައި ވިލްސަން ވަނީ ގޯލެއް ކާމިޔާބުކޮށް ބޯންމަތަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

ދެ ޓީމު ވެސް އެއްވަރެއްގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު ދެވަނަ ހާފްގެ ކުރީކޮޅު ރަހީމް ސްޓާލިން ވަނީ ސިޓީ އަށް އަލުން ލީޑު ނަގާދީފައެވެ. އަދި މި މެޗުން ސިޓީ އަށް ތިން ޕޮއިންޓު ކަށަވަރުކޮށްދިން ގޯލު މެޗުގެ 79 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ގުންޑޮގާންއެވެ.

މެންޗެސްޓަރ ޔުނައިޓެޑް ރޭ އެއްވަރުވީ ލީގުގެ 18 ވަނައިގައި އޮތް ސައުތްހެމްޓަންއާ ބައްދަލުކޮށް 2-2 އިންނެވެ.

ސައުތްހެމްޓަންގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ 20 މިނެޓްތެރޭ، ސައުތްހެމްޓަން އިން ވަނީ ދެ ގޯލުގެ ލީޑެއް ނަގާދީފައެވެ. އެގޮތުން ސައުތްހެމްޓަންގެ ފުރަތަމަ ގޯލު މެޗުގެ 13 ވަނަ މިނެޓްގައި އާމްސްޓްރޯންގް ކާމިޔާބުކޮށްދިންއިރު އެޓީމަށް ލިބުނު ހިލޭޖެހުމަކުން ދެވަނަ ގޯލު ކާމިޔާބުކޮށްްދިނީ ސެޑްރިކްއެވެ.

ނަމަވެސް ފުރަތަމަ ހާފް ނިމުމުގެ ކުރިން ރޮމެލޫ ލުކާކޫ އާއި ހެރޭރާގެ ގޯލުތަކުން ޔުނައިޓެޑުން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. ނަމަވެސް ދެވަނަ ހާފްގައި ގޯލެއް ކާމިޔާބުކުރަން މާ ރަނގަޅު ފުރުސަތެއް ދެ ޓީމުން ކުރެ ޓީމަށް ވެސް ލިބިފައެއް ނުވެއެވެ. އެގޮތުން މި ހާފުގައި ސައުތްހެމްޓަންގެ ގޯލާއި އަމާޒުކޮށް ޔުނައިޓެޑް ފޮނުވާލެވުނީ އެންމެ ހަމަލާއެކެވެ.

ރޭގެ މެޗާއެކު ލީގުގައި އެންމެފަހުން ކުޅުނު ތިން މެޗުން ވެސް ޔުނައިޓެޑަށް ވަނީ މޮޅެއް ހޯދޭގޮތް ނުވެފައެވެ.