އިޓާލިއަން ލީގުގައި ރޭ ކްރިސްޓިއާނޯ ރޮނާލްޑޯގެ ގޯލަކާއެކު، ފިއޮރެންޓީނާގެ މައްޗަށް 3-0 އިން ޔުވެންޓަސް އިން ކުރި ހޯދައިފިއެވެ.

ރޭގެ މޮޅާއެކު ޔުވެންޓަސް ލީގުގެ އެއްވަނައިގައި މިހާރު އޮތީ 40 ޕޮއިންޓާ އެކުއެވެ. ދެވަނައިގައި ޔުވެންޓަސް އަށް ވުރެ އެއް މެޗު މަދުންކުޅެ 29 ޕޮއިންޓާ އެކު އޮތީ ނަޕޯލީއެވެ. އަދި ރޭގެ މެޗުން ބަލިވި ފިއޮރެންޓީނާ އޮތީ 18 ޕޮއިންޓާ އެކު ލީގުގެ 12 ވަނައިގައެވެ.

ފިއޮރެންޓީނާގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ 31 ވަނަ މިނެޓްގައި ބެންޓަންކޫރް ވަނީ ޔުވެންޓަސް އަށް ލީޑު ނަގާދީފައެވެ. ޔުވެންޓަސްގެ ދެވަނަ ގޯލު މެޗުގެ 69 ވަނަ މިނެޓްގައި ކިއެލީނީ ކާމިޔާބުކޮށްދިންއިރު، މިއީ ފާއިތުވި 18 މަސް ދުވަހުގެތެރޭ އޭނާ ކާމިޔާބުކުރި ފުރަތަމަ ގޯލުވެސް މެއެވެ.

ޔުވެންޓަސްގެ ތިންވަނަ ގޯލު މެޗުގެ 79 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީ އަކުން ކާމިޔާބުކޮށްދިނީ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. މި ގޯލާއެކު ރޮނާލްޑޯ ވަނީ އިޓާލިއަން ލީގުގެ ފުރަތަމަ 14 މެޗުގައި 10 ގޯލު ކާމިޔާބުކުރި ޔުވެންޓަސްގެ ފުރަތަމަ ކުޅުންތެރިޔާ އަށް ވެގެން ގޮސްފައެވެ.

ރޮނާލްޑޯ ޔުވެންޓަސް އަށް ބަދަލުވީ މިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާގައި ރެއާލް މެޑްރިޑުން 99 މިލިއަން ޕައުންޑުގެ އަގަކަށެވެ.

ލީގުގެ އެއްވަނައިގައި 11 ޕޮއިންޓުގެ ލީޑެއް ޔުވެންޓަސް އިން ނަގާފައިވާއިރު، މި ލީޑު ކުޑަ ކުރުމަށް ލީގުގެ ދެވަނައިގައި އޮތް ނަޕޯލީން މިރޭ ނިކުންނާނީ އެޓަލާންޓާއާ ދެކޮޅަށެވެ.