އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މާސީ ސައިޑް ޑާބީގައި ފަހު މިނެޓް ގޯލް ޖަހައި، ލިވަޕޫލުން އެވަޓަން މާޔޫސް ކޮށްލައިފިއެވެ.

ޕްރިމިއާ ލީގުގައި ކުޅެވޭ އެންމެ ފޯރިގަދަ އެއް މެޗު ކަމަށްވާ، އެވަޓަންއާއި ލިވަޕޫލްގެ ޑާބީ، ރޭ ނިމުނީ 1-0ގެ ނަތީޖާއަކުންނެވެ.

އިނގިރޭސި ލީގު ތާވަލުގެ އެއްވަނައިގައި 38 ޕޮއިންޓާއެކު މެންޗެސްޓާ ސިޓީ އޮތް އިރު، ރޭގެ މެޗުން މޮޅުވެ ލިވަޕޫލް ވަނީ 36 ޕޮއިންޓާއެކު ލީގު ތާވަލުގައި ސިޓީއާ ގާތަށް ޖެހިލައިފައެވެ. ރޭގެ މެޗަކީ އެކިއެކި މުބާރާތްތަކުގައި ލިވަޕޫލާއި އެވަޓަން ކުރިމަތިލި 232 ވަނަ ފަހަރެވެ.

މެޗުގެ 94 ވަނަ މިނެޓުގައި ލިވަޕޫލުން ގޯލް ޖެހި އިރު، އޭގެ ކުރިން ފެނުނީ ގޯލްކީޕަރުންގެ މެޗެއްގެ ގޮތުގައެވެ. ހާއްސަކޮށް ދެޓީމުގެ ގޯލްކީޕަރުންގެ ފަރާތުންވެސް ރަނގަޅު ސޭވްތަކެއް ފެނިފައިވެއެވެ. މެޗުގެ ކުރީކޮޅުގައި ލިވަޕޫލްގެ ސަޑިއޯ މާނޭއަށް ލިބުނު ހުސް ފުރުސަތު އޭނާ ނާކާމިޔާބުކޮށްލި އިރު، ފުރަތަމަ ހާފްގައި ޒެރްދާން ޝަގީރީ ފޮނުވާލި ހަމަލާ ދިފާއުކުރީ އެވަޓަންގެ ގޯލްކީޕަރު ޖޯޑަން ޕިކްފޯޑެވެ.

ފުރަތަމަ ހާފްގައި ލިވަޕޫލްގެ ބްރެޒިލް ގޯލްކީޕަރު އެލިސަން ބެކާވެސް ވަނީ މޮޅު ސޭވެއް ކޮށްފައެވެ. އަންދްރޭ ގޮމޭޒް، ގޯލް އޭރިއާ ތެރޭގައި ހުރެ ބޮލުން ފޮނުވާލި ހަމަލާ ވެއްޓިގަނެގެން ސޭވް ކުރީ އެލިސަންއެވެ. އޭގެ ފަހުން ގުލްފީ ސިގަޑްސަންގެ ހަމަލާގެ ގޯލްގެ ދަނޑިއަށް އަމާޒުވި އިރު، ޖޯއީ ގޮމޭޒްގެ ހަމަލާއިން ލިވަޕޫލްގެ ގޯލް ދިފާއުކުރީ ގޯލްކީޕަރު އެލިސަންއެވެ.

މިރޭގެ މެޗުގެ ހަމައެކަނި ގޯލް ފަހު މިނެޓުގައި ލިވަޕޫލަށް ކާމިޔާބުކޮށްދިނީ ބެލްޖިއަމް ފޯވަޑް ޑޭވިޑް އޮރީގީއެވެ. މިރޭގެ މެޗަކީ މިއަހަރުގެ އޯގަސްޓުގައި ކުޅުމާ ދުރަށް ދިޔުމަށްފަހު އޮރީގީ ކުޅުނު ފުރަތަމަ މެޗެވެ. އޮރީގީގެ ގޯލަކީ އެވަޓަން ގޯލްކީޕަރު ޕިކްފޯޑަށް ހެދުނު ގޯހަކުން އޭނާ ކާމިޔާބުކުރި ގޯލެކެވެ.

އެންމެފަހުން ލިވަޕޫލާ ދެކޮޅަށް އެވަޓަން ނުކުތް 18 މެޗުންވެސް މޮޅުވީ ލިވަޕޫލެވެ. އަދި މިދިޔަ ގަރުނުގައިވެސް އެވަޓަންއަށް ލިވަޕޫލް ދަނޑުގައި އެޓީމު ބަލިކުރެވިފައެއް ނުވެއެވެ. މިރޭގެ މެޗުން މޮޅުވި ގޯލް ޖެހުމާއެކު ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް ވަނީ އުފާފާޅުކުރުމަށް ދަނޑު މައްޗަށް އަރާފައެވެ.

މެޗަށްފަހު ކްލޮޕް ވަނީ އެކަމަށް މާފަށްވެސް އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު