ޕްރިމިއާ ލީގުގައި ރޭ ކުޅުނު ލަންޑަން ޑާބީގައި އާސެނަލްއިން ފަހަތުން އަރާ ޓޮޓެންހަމް ބަލިކޮށް، ބަލިނުވެ 19 މެޗު ހަމަކޮށްފިއެވެ.

އެމިރޭޓްސް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗު އާސެނަލްއިން ކާމިޔާބުކުރީ 4-2ގެ ނަތީޖާއަކުންނެވެ. ފޯރިގަދަ މެޗުގައި ރަތް ކާޑެއްވެސް ފެނިފައިވެއެވެ. މެޗުގެ 85 ވަނަ މިނެޓުގައި ރަތް ކާޑު ދައްކާފައި ވަނީ ޓޮޓެންހަމްގެ ޑިފެންޑަރު ވަޓޮންގަންއަށެވެ.

ރޭގެ މެޗު ވަރުގަދައަށް ފެށި އާސެނަލްއަށް ނަސީބު އެޅީ 10 ވަނަ މިނެޓުގައި ޕެނެލްޓީއެއް ލިބުމުންނެވެ. އާސެނަލްއަށް ލިބުނު ޕެނެލްޓީ ކާމިޔާބުކޮށް އެޓީމަށް ލީޑު ނަގައިދިނީ ޕިއާ އެމްރިކް އަބަމަޔާންއެވެ.

އާސެނަލުން މެޗުގައި ލީޑު ނެގި ނަމަވެސް، އެޓީމަށް ފުރަތަމަ ހާފް ނިންމާލަން ޖެހުނީ 2-1ގެ ނަތީޖާއަކުން ފަހަތުގައި އޮވެގެންނެވެ. ކުޅުމުގެ އޮއެވަރު އާސެނަލްގެ އަތުގައި އޮތް ނަމަވެސް، މެޗުގެ 30 ވަނަ މިނެޓުގައި ޓޮޓެންހަމްއިން ނަތީޖާ ހަމަހަމަ ކުރިއެވެ.

ކްރިސްޓިއަން އެރިކްސަންގެ ހިލޭ ޖެހުމެއް ގޯލަށް ވައްދާލީ ޑިފެންޑަރު އެރިކް ޑަޔާއެވެ. އޭގެ ހަތަރު މިނެޓްފަހުން ޓޮޓެންހަމްއިން ލީޑުވެސް ނެގިއެވެ. އާސެނަލްގެ އޭރިއާ ތެރެއިން ޑިފެންޑަރު ހޯލިޑިންގްސް، ޓޮޓެންހަމްގެ ފޯވަޑް ސޮންއަށް ކުރި ފައުލަކަށް ރެފްރީ ދިން ޕެނެލްޓީ ކާމިޔާބުކުރީ ހެރީ ކޭންއެވެ.

ދެވަނަ ހާފަށް އާސެނަލް ނުކުތީ ބަދަލުތަކާއެކުގައެވެ. ކޯޗު އުނައި އެމަރީ ވަނީ ދެވަނަ ހާފަށް އާސެނަލްގެ ފްރާންސް ފޯވަޑް އެލެކްސެންޑްރާ ލަކަޒެޓާއި މިޑްފީލްޑަރު އޭރޮން ރަމްސީވެސް ކުޅެން ނެރެފައެވެ.

އާސެނަލްއަށް ދެވަނަ ހާފްގައި ގެނައި ބަދަލުތަކުގެ ނަތީޖާ ވަރަށް ފޮންޏެވެ. 56 ވަނަ މިނެޓުގައި ރަމްސީ ތަނަވަސްކޮށްދިން ފުރުސަތާއެކު އަބަމަޔާންގެ އޭނާގެ ދެވަނަ ގޯލް ކާމިޔާކޮށް، އާސެނަލްއަށް ނަތީޖާ ހަމަހަމަ ކޮށްދިނެވެ. އަދި 74 ވަނަ މިނެޓު ލަކަޒެޓް ވަނީ އާސެނަލްއަށް ލީޑުވެސް ނަގައިދީފައެވެ.

މެޗުގައި އާސެނަލްގެ ހަތަރުވަނަ ގޯލް ޖަހައިދިނީ، މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދު ލޫކަސް ޓޮރޭރާއެވެ. ރޭގެ މެޗުން މޮޅުވެ އާސެނަލް ވަނީ ޓޮޓެންހަމްއާ ޕޮއިންޓްގެ ގޮތުން ހަމަހަމަކޮށް، ގޯލްގެ ތަފާތުން ގަދަ ހަތަރަކަށްވެސް އަރާފައެވެ. އެ ދެޓީމަށްވެސް 30 ޕޮއިންޓް ލިބިފައިވާ އިރު، އާސެނަލް ހަތަރުވަނައިގައި އޮތީ ފައިދާ ހަތަރު ގޯލްގެ ތަފާތުންނެވެ.

އާސެނަލްގެ ކޯޗު ކަމުގައި ގިނަ ދުވަސްތަކެއް ހޭދަކުރި އާސެން ވެންގާ މި ސީޒަނަށް ޓީމު ދޫކޮށްލުމުން އެޓީމާ ހަވާލުވީ ކުރިން ޕީއެސްޖީގައި ހުރި އުނައި އެމަރީއެވެ. އޭނާއާއެކު އާސެނަލްއިން މި ސީޒަންގައި ތަފާތު ކުޅުމެއް ދައްކަމުންދާކަން ފާހަގަކޮށްލެވެއެވެ. ހާއްސަކޮށް އާސެނަލްއަށް ކުރިން ދިމާވާ ޑިފެންސް މައްސަލަތަކަށް މިހާރު ހައްލު ހޯދެމުންދާކަން ފާހަގަކޮށްލެވެއެވެ.