ދިހަ އަހަރު ބަޔާން މިއުނިކްގައި ހޭދަކުރުމަށްފަހު، ނެދަލޭންޑްގެ ފޯވަޑް އާރުޔެން ރޮބެން އެ ކްލަބު ދޫކޮށްލަން ނިންމައިފިއެވެ.

އުމުރުން 34 އަހަރުގެ ރޮބެން، ބަޔާން ދޫކޮށްލާނެކަން އޭނާ އިއުލާން ކޮށްފައިވާ އިރު، މިހާތަނަށް ބުންޑަސް ލީގާގެ 198 މެޗުގައި ރޮބެން ވަނީ 98 ގޯލް ބަޔާންއަށް ކާމިޔާބުކޮށްދީފައެވެ.

" އަހަރެން ބުނާނީ މިއީ ބަޔާންއަށް ކުޅޭނެ ފަހު އަހަރޭ. އެކަމަކު އަހަރެން ރިޓަޔާ ކުރަނީކީ ނޫން،" ރޮބެން ބުންޏެވެ.

ރޮބެން ބުނެފައި ވަނީ މިހާ ހިސާބުން ބަޔާން އަދި އޭނާވެސް އެހެން މިސްރާބަކަށް ދާން ޖެހޭ ކަމަށާއި، ބަޔާންއާއެކު އޭނާ ހޭދަކުރި ދުވަސްތަކަކީ އުފާވެރި އަދި ކާމިޔާބު ދުވަސްތަކެއް ކަމަށެވެ.

ރޮބެންއަކީ ކްލަބުގެ ކެރިއަރުގެ އިތުރުން ބައިނަލްއަގުވާމީ ގޮތުން ގައުމީ ޓީމާއެކުވެސް ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާ ކުޅުންތެރިއެކެވެ. އޭނާ ވަނީ 2010 ވަނަ އަހަރުގެ ވޯލްޑް ކަޕް ފައިނަލްގައިވެސް ނެދަލޭންޑްސްއާއެކު ކުޅެފައެވެ. ސްޕެއިންއާ ދެކޮޅަށް ފައިނަލްގައި ކުޅެ ބަލިވި ނަމަވެސް އެ އަހަރުގެ ވޯލްޑް ކަޕްގައި ރޮބެންގެ މޮޅު ކުޅުމެއް ފެނިފައިވެއެވެ.

ކްލަބު ފުޓުބޯޅައިގައި ރޮބެން ވަނީ ގްރޮނިންގެން، ޕީއެސްވީގެ އިތުރުން ޗެލްސީއާއި ރެއާލް މެޑްރިޑްގައިވެސް ވިދާލާފައެވެ. ރޮބެން ބަޔާންއާ ގުޅުނީ 2009 ވަނަ އަހަރުގައެވެ. ބަޔާންއާއެކު ރޮބެން ވަނީ ޔޫރަޕްގެ ޗެމްޕިއަންކަންވެސް ހޯދައިފައެވެ.