ސްޕެނިޝް ލަލީގާގައި ރޭ ކުޅުނު މެޗުގައި ވިލަރެއާލް ބަލިކޮށް، ބާސެލޯނާއިން ލީގު ތާވަލުގެ އެއްވަނައަށް ޖެހިލައިފިއެވެ.

ބާސާގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗުން ބާސާ މޮޅުވީ 2-0ގެ ނަތީޖާއަކުންނެވެ.

މެޗުގެ ކުރީކޮޅުގައި ވިލަރެއާލްއިން ވަނީ ބާސާއަށް ނުރައްކާ ކޮށްފައެވެ. ޖެރާޑް މޮރޭނޯގެ ހަމަލާ ބާސާގެ ގޯލްގެ ދަނޑިއަށް އަމާޒުވި ނަމަވެސް، އެޓީމަށް ލީޑު ނުނެގުމުގެ ފައިދާ ބާސާއިން ނެގިއެވެ. މެޗުގެ 36 ވަނަ މިނެޓުގައި ބާސާއަށް ލީޑު ނަގައިދިނީ ޖެރާޑް ޕީކޭއެވެ.

އޮސްމާން ޑެމްބޭލޭގެ ހުރަސް ޕީކޭ ގޯލަށް ވައްދާލި ހުހަށް އޮވެގެންނެވެ. ރޭގެ މެޗަށް ބާސާއިން ނުކުތް އިރު، އެޓީމަށް އަނިޔާގެ ގިނަ މައްސަލަތަކެއް ވަނީ ކުރިމަތިވެފައެވެ. ހާއްސަކޮށް ބާސާ ރޭގެ މެޗަށް ނުކުތީ ފުރަތަމަ 11އަށް ގިނަ ބަދަލުތަކާވެސް އެކުގައެވެ.

ދެވަނަ ހާފްގައި ބާސާގެ ޒުވާން ކުޅުންތެރިޔާ ކާލެސް އެލީނާ ވަނީ އެޓީމަށް ނަތީޖާ ފުޅާކޮށްދީފައެވެ. އަދި ދެވަނަ ހާފްގައި މެސީގެ ނުރައްކާތެރި ހަމަލާއެއްވެސް ފާހަގަކޮށްލެވުނެވެ.

އެންމެ ފަހުން ބާސާއިން ލީގުގައި ކުޅުނު ފަސް މެޗުގެ ތެރެއިން މޮޅުވީ ދެ މެޗުންނެވެ. މިހާތަނަށް ލީގުގައި ކުޅުނު 14 މެޗުން ބާސާއަށް 28 ޕޮއިންޓް ލިބިފައިވާ އިރު، ސެވިއްޔާ ދެވަނައިގައި އޮތީ 26 ޕޮއިންޓާއެކުގައެވެ. ބާސާއާ އެންމެ ވާދަވެރި ރެއާލް އޮތީ 23 ޕޮއިންޓާއެކު ފަސްވަނައިގައެވެ.

ރޭ އަލާވޭސްއާ ދެކޮޅަށް ސެވިއްޔާއިން ކުޅުނު މެޗުން މޮޅުވެ، ސެވިއްޔާއަށް އެއްވަނައަށް އެރެވެން އޮތް ނަމަވެސް، އެ މެޗު ނިމުނީ 1-1ގެ ނަތީޖާއަކުން އެއްވަރު ވެގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މާތިލަ

    އޮސްމާން ޑެމްބޭލޭގެ ހުރަސް ޕީކޭ ގޯލަށް ވައްދާލި ހުހަށް އޮވެގެންނެވެ. މިއީ ރަނގަޅު ގޮތެއްނޫން
    ރަނަގަޅު ގޮތަކީ އޮސްމާން ޑެމްބޭލޭގެ ހުރަސް ޕީކޭ ގޯލަށް ވައްދާލި ހުހަށް ހުރެގެންނޭ ބުނުން
    ހުހަށް އޮތުމެކޭ ނުކިޔާނެ ހުހަށް ހުރުމޭ ކިޔާނީ

    • މީހާ

      ރަދީފެއް ހަދަން ވީއެއްނުއް