މެންޗެސްޓާ ޔުނައިޓެޑްގެ ލެޖެންޑް، ސާ އެލެކްސް ފާގަސަންގެ މެޑިކަލް ރިޕޯޓުތަކެއް ލީކު ކުރަން އުޅުނު މުއައްޒަފުންތަކެއްގެ މައްޗަށް ތަހުގީގު ހިންގަން ފަށައިފިއެވެ.

ސިކުނޑިއަށް ލޭ އެޅުމުން މިދިޔަ މޭ މަހުގެ ތެރޭގައި ސަލްފޯޑް ރޯޔަލް ހޮސްޕިޓަލުގައި ފާގަސަން ވަނީ އެމަޖެންސީ ސާޖަރީއެއް ހަދާފައެވެ.

އެ ހޮސްޕިޓަލުން ހާމަކޮށްފައި ވަނީ ފާގަސަންގެ މެޑިލް ރިޕޯޓުތަކަށް އެކްސެސް ވާން ނުޖެހޭ ބަޔަކު އެކްސަސް ވެފައިވާ ކަމަށާއި، އެކަމުގެ ތަހުގީގު މިހާރު ކުރިއަށްދާ ކަމަށެވެ. ސަންޑޭ ޓައިމްއާ ހަވާލާދީ ބީބީސީގައި ބުނެފައި ވަނީ ރޯޔަލް ހޮސްޕިޓަލުގެ ދެ ޑޮކްޓަރަކާއި، ސީނިއާ ކޮންސަލްޓެއްގެ އިތުރުން ދެ ނަރުހަކާ މިހާރު ސުވާލު ކުރެވިފައިވާ ކަމަށެވެ.

ސަލްފޯޑް ރޯޔަލް ހޮސްޕިޓަލުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ފާގަސަންގެ މެޑިކަލް ރިޕޯޓުތައް ލީކު ކުރުމަށް މަސައްކަތް ކުރި މުއައްޒަފުންނަށް ހަރުކަށި އަދަބު ދޭނެ ކަމަށާއި، ހޮސްޕިޓަލްގެ ފަރާތުން ފާގަސަންގެ އާއިލާއާއި އޭނާއަށް މާފަށް އެދިފައިވާ ކަމަށެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ އެ ހޮސްޕިޓަލުގެ ހުރިހާ ބަލިމީހުންނަކަށްވެސް، މައުލޫމާތުގެ ރައްކާތެރިކަން ޔަގީން ކޮށްދިނުމަކީ ވަރަށް ސީރިއަސްކޮށް ނަގާ ކަމެއް ކަމަށާއި، ކޮންމެ މީހަކަށްވެސް ލިބެން ޖެހޭ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

ފާގަސަންގެ ސާޖަރިއާއަށްފަހު އޭނާގެ ސިއްހީ ހާލު ރަނގަޅުކަމަށްބުނެ، ސަޕޯޓަރުންނަށް ހާއްސަ މެސެޖެއް ދީފައިވާ އިރު، އެ މެސެޖުގައި ހޮސްޕިޓަލްގެ ހުރިހާ ސްޓާފުންނަށް ޝުކުރުވެސް އަދާކޮށްފައިވެއެވެ.

ކުޅުންތެރިޔެއްގެ ގޮތުގައި އަދި ކޯޗެއްގެ ގޮތުގައިވެސް މެންޗެސްޓާ ޔުނައިޓެޑާއެކު މުހިއްމު ކާމިޔާބީތަކެއް ހޯދާފައިވާ ފާގަސަން އަކީ މި ޖީލު ދުތް އެންމެ މޮޅު ކޯޗުންގެ ތެރޭގައި ހިމެނޭ ކޯޗެކެވެ. ހާއްސަކޮށް ފުޓުބޯޅަ ދުނިޔޭގެ ފުރިހަމަ އިހުތިރާމް ލިބިފައިވާ ކޯޗެކެވެ.