ދެހާސް އެކާވީސް ވަނަ އަހަރުން ފެށިގެން ޔޫރޮޕާ ލީގުގެ ދެވަނަ މުބާރާތެއް، "ޔޫރޮޕާ ލީގު 2"ގެ ނަމުގައި ތައާރަފް ކުރަން ޔޫއެފާއިން ނިންމައިފިއެވެ.

ޔޫއެފާއިން ހާމަކޮށްފައިވާ ގޮތުގައި ޔޫރޮޕާ ލީގެގެ ދެވަނަ މުބާރާތެއް ތައާރަފް ކުރާނީ 32 ޓީމާއެކުގައެވެ. ގްރޫޕް ސްޓޭޖުގެ އިތުރުން ގަދަ 16އާ ދޭތެރޭ އިތުރުން ޕްލޭ އޮފް ކުޅޭ ގޮތަށް މުބާރާތުގެ ފޯމެޓް ބައްޓަން ކުރަމުންދާ ކަމަށްވެސް ޔޫއެފާއިން ބުނެފައިވެއެވެ.

ޔޫއެފާއިން ބުނެފައިވާ ގޮތުގައި ޔޫރޮޕާ ލީގުގެ ދެވަނަ މުބާރާތްވެސް ކުޅޭނީ ޔޫރޮޕާ ލީގާއެކު އެކުއެކީގައި، ޔޫރޮޕްގެ މެޗުތައް އޮންނަ ހަފްތާގެ ބުރާސްފަތި ދުވަހުގައި ކަމަށެވެ.

ކޮންމެ ގައުމަކުންވެސް ޔޫރޮޕާ ލީގަށް ކޮލިފައި ނުވާ ޓީމުތަކަށް ހާއްސަކޮށް ޔޫރޮޕާ ލީގުގެ ދެވަނަ މުބާރާތެއް ޔޫއެފާއިން ފަށަން ތައްޔާރުުވާ އިރު، އިނގިރޭސި ޕްރިމިއާ ލީގުގެ ހަތްވަނަ ޓީމަށް އެ މުބާރާތުގެ ފުރުސަތު ލިބޭނެއެވެ. އަދި އަނެއް ޖާގަތަށް ބަހާނީ ކުދި ގައުމުތަކުގެ ލީގުތަކަށްވެސް ފުރުސަތު ދޭ ގޮތަށް ކަމަށް ޔޫއެފާއިން ބުނެފައިވެއެވެ.

" ޔޫރޮޕާ ލީގުގެ ދެވަނަ މުބާރާތެއްގެ ސަބަބުން ޔޫއެފާގެ މަގުސަދު ހާސިލް ކުރުމަށް ފަސޭހަވޭ. ގިނަ ކްލަބުތަކަކަށް ޔޫރޮޕް ލެވެލްގައި ކުޅުމަށް ފުރުސަތު ފަހުވެގެންދޭ،" ޔޫއެފާގެ ރައީސް އެލެކްސެންޑްރާ ކެފަރިން ބުނެފައިވެއެވެ.

ޔޫރޮޕާ ލީގު 2އެއްގެ ޗެމްޕިއަން ޓީމަށް ޖެހިގެން އަންނަ އަހަރު ޔޫރޮޕާގެ ލީގުގެ ޖާގައެއް ޔަގީންވާނެ ކަމަށްވެސް ޔޫއެފާއިން ބުނެފައިވެއެވެ. އަދި އެ މުބާރާތާއެކު ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގުގެ އެއްވެސް ޝެޑިއުލަކަށް، ފޯމެޓަކަށް ބަދަލުނުވާނެ ކަމަށްވެސް ޔޫއެފާއިން ބުނެފައިވެއެވެ.