އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އާސެނަލާ ދެކޮޅަށް ޓޮޓެންހަމް ކުޅުނު މެޗުގައި، ދަނޑު މައްޗަށް ދޮންކެޔޮ ތޮށި ގަނޑެއް އެއްލި ޓޮޓެންހަމްގެ ސަޕޯޓަރަކު ހައްޔަރު ކޮށްފިއެވެ.

އެމިރެޓްސް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުން އާސެނަލް 4-2ގެ ނަތީޖާއަކުން މޮޅުވި އިރު، ދޮން ކެޔޮ ތޮށި ގަނޑު އެއްލާފައި ވަނީ އަބަމަޔާންގެ ދަވަނަ ގޯލަށްފަހު އަވޭ ސަޕޯޓަރުން ތިބި ދިމާއިންނެވެ. ޓޮޓެންހަމްއިން ބުނެފައި ވަނީ ދަނޑަށް ދޮންކެޔޮ ތޮށި ގަނޑު އެއްލި ސަޕޯޓަރު، އުމުރަށް ސަސްޕެންޑް ކުރާނެ ކަމަށެވެ.

ޓޮޓެންހަމްގެ ސަޕޯޓަރުގެ އިތުރުން އާސެނަލްގެ ދެ ސަޕޯޓަރުންނާއި، ޓޮޓެންހަމްގެ އިތުރު ދެ ސަޕޯޓަރެއްވެސް ރޭ ވަނީ މެޗަށްފަހު ހައްޔަރު ކޮށްފައެވެ. އާންމުކޮށް ޑާބީ މެޗުތަކުގައި ފޯރި ގަދަކޮށް ސަޕޯޓަރުން ފެނިގެންދާ އިރު، ރޭގެ މެޗަށްފަހުވެސް އާންމުންނަށް އުނދަގޫވާނެ ގޮތަށް ދެ ޓީމުގެ ސަޕޯޓަރުންވެސް ވަނީ މަގުތަކުގައި ހައިޖާނު އުފައްދާފައެވެ.

ޓޮޓެންހަމްއިން ބުނެފައި ވަނީ ރޭ ހިނގި ފަދަ އަމަލުތަކަކީ އެ ކްލަބުގެ ސަޕޯޓަރުންގެ ފަރާތުން ބަލައިގަންނާނެ ކަންކަން ނޫން ކަމަށާއި، ކުރިއަށް އޮތް ތަނުގައި އެކަން ކަމަށް ހަރުކަށި އަދަބު ދޭނެ ކަމަށެވެ.

ރޭގެ މެޗުން މޮޅުވެ، އާސެނަލް ވަނީ ބަލިނުވެ 19 މެޗު ހަމަކޮށް، ލީގު ތާވަލުގެ ހަތަރު ވަނައަށް ޖެހިލައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ަްއާރސެނަލް

    4-2 ސްކޯ އަކީ ބުރޯ