އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލާ އެވަޓަން ވާދަކުރި މެޗުގެ ފަހު މިނެޓުގައި ލިވަޕޫލުން މޮޅުވި ގޯލް ޖެހުމާއެކު، ލިވަޕޫލް ކޯޗު ޔާގަން ކްލަޮޕް ދުވެފައި ދަނޑު މައްޗަށް އަރާ އުފާ ފާޅުކުރުމުން އެކަމަށް ޖަވާބު ދާރީ ވުމަށް އިނގިރޭސި އެފްއޭއިން މުހުލަތެއް ދީފިއެވެ.

އެވަޓަންއާ ދެކޮޅަށް ލިވަޕޫލުން ރޭ ކުޅުނު ޑާބީ، ލިވަޕޫލުން ކާމިޔާބުކުރީ 1-0ގެ ނަތީޖާއަކުންނެވެ.

މެޗުގެ ފަހު މިނެޓުގައި އޮރީގީ ގޯލް ޖެހުމާއެކު ކްލޮޕް ވަނީ މެޗު ނުނިމެނީސް، ދަނޑަށް ދުވެފައި އަރައިގެން ގޮސް، ލިވަޕޫލް ކީޕަރު އެލިސަން ބެކާގެ ގައިގައި ބައްދާ، އުފާ ފާޅުކޮށްފައެވެ.

ކްލޮޕަށް ކުރެވުނު ކަންތަކަށް ރޭގެ މެޗަށްފަހު އޭނާ މާފަށް އެދިފައިވީ ނަމަވެސް، އިނގިރޭސި އެފްއޭއިން ބުނެފައި ވަނީ އަންނަ ބުރާސްފަތި ދުވަހުގެ ކުރިން ކްލޮޕު ޖަވާބުދާރީ ވާން ޖެހޭނެ ކަމަށެވެ. އަދި އެކަމަށް އެކަށޭނެ ފިޔަވަޅު އަޅާނެ ކަމަށްވެސް އެފްއޭއިން ބުނެފައި ވެއެވެ.

ރޭގެ މެޗަށްފަހު ކްލޮޕް ބުނެފައި ވަނީ ދަނޑު މައްޗަށް އޭނާއަށް އެރެވުނީ އުފާވެރިކަން ބޮޑުވެގެން ކަމަށެވެ. އަދި އެއްވެސް މީހަކަށް އިހުތިރާމް ކުޑަ ކުރެވިފައިވާނަމަ އެކަމަށް މާފަށް އެދޭ ކަމަށެވެ. ކްލޮޕްގެ އުފާ ފާޅުކުރަމާ ގުޅޭގޮތުން އެވަޓަންގެ ކޯޗު، މާކަސް ސިލްވާ ބުނެފައި ވަނީ، އޭނާ ނަމަވެސް އުފާ ފާޅުކުރާނީ އެގޮތަށް ކަމަށެވެ. ކްލޮޕްގެ އުފާ ފާޅުކުރުމަކީ އޭނާއަށް އިހުތިރާމް ކުޑަވި ކަމެއް ނޫން ކަމަށެވެ.