އޭއެފްސީ ކަޕްގެ ގުރޫޕް ސްޓޭޖްގައި މިއަދު ހަވީރު އިންޑިޔާގެ އައިޒަވަލް އެފްސީ އާއި ދެކޮޅަށް ނިކުންނަ އިރު ޖެހިލުންވާ އެއްވެސް ޓީމެއް ނެތްކަމަށް ނިއުރޭޑިއަންޓުގެ ކޯޗް އޮސްކާ ބުނެފިއެވެ.

މި މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އޮސްކާ ބުނީ ""އަހަންނަށް ފޮރުވޭކަށެއް ނެތް، މުޅި ޓީމު ވެސް އަހަރެން ވެސް މިހުރީ ވަރަށް ހިތްހަމަ ޖެހިފައި. އެއީ ވަރަށް ރަނގަޅު ފޯމެއްގައި ޓީމު މިއޮތީ. ރަނގަޅު ކުޅުމެއް ދައްކައި ނަތީޖާ ނެރެގެން މި ރަނގަޅު ވަގުތު ދަންމާލަން ބޭނުން. އަހަރެމެން އެއްވެސް ޓީމެއް ދެކެ ޖެހިލުމެއް ނުވޭ. މި މުބާރާތުގައި ކުރިއަށްދެވޭނީ ވަދާވެރިއަކަށް ވެގެން،" ކަމަށެވެ.

މިއަދު ހަވީރު ހަތަރެއް ޖަހާއިރު މި މެޗު ކުޅުމަށް ހަމަޖެހިފައިވާއިރު ރަށުން ބޭރުގައި ބަންގްލަދޭޝްގެ އަބާހަނި ލިމިޓެޑް ޑާކާ އާއި ދެކޮޅަށް ކުޅުނު މެޗް ކާމިޔާބުކޮށް ނިއުރޭޑިއަންޓް މިހާރުވެސް އޮތީ 3 ޕޮއިންޓާ އެކު އެޓީމު ނިސްބަތްވާ ގުރޫޕް އީ ގެ އެއްވަނައިގައެވެ.

އިންޑިޔާގެ ޓީމުތަކަށް ވެސް ކޯޗުކަން ކޮށްދީފައިވާ އޮސްކާ ބުނީ އޭނާއަށް އައިޒަވަލް ޓީމް ރަނގަޅަށް އެނގޭ ކަމަށާއި މި މެޗަކީ ނިއު އަށް އުނދަގޫ މެޗަކަށް ވާނެ ކަމަށެވެ. ނަމަވެސް އަމިއްލަ ދަނޑުގައި އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅޭތީ އާއި މޫސުމާއި ދަނޑުގެ ހާލަތަށް ނިއު ހޭނިފައިވާތީ އެއީ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ކަމަށް އޮސްކާ ބުންޏެވެ.

އޮސްކާ އިތުރަށް ބުނީ އެނާ ގަބޫލް ކުރާ ގޮތުގައި ގިނަ މީހުންގެ ބުނުންތަކާއި ހިލާފަށް މިގުރޫޕްގެ ފޭވަރިޓަކީ ނިއު ރޭޑިޔަންޓް ކަމަށެވެ.

"ބެންގަލޫރަކީ ބޮޑު ބަޖަޓެއް އޮތް ޓީމެއް. ވަރަށް ބޮޑު ތަފާތެއް އޮތް ޓީމެއް. އެ މީހުންގެ ވިސްނުމުގައި އެއީ ފޭވަރިޓުން. އެކަމަކު އަހަރެންގެ ނަޒަރުގައި އަހަރެމެންގެ ޓީމަކީ ފޭވަރިޓުން. އެއީ މި ޓީމުގެ ކޮންފިޑެންސާއި ދައްކާ ކުޅުމުން،" އޮސްކާ ބުންޏެވެ.