މި ސީޒަންގެ ޔޫރޮޕާ ލީގާއި ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16އިން ފެށިގެން ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރް) ބޭނުން ކުރުމަށް ޔޫއެފާއިން ނިންމައިފިއެވެ.

ޔޫއެފާއިން ކުރިން ނިންމާފައި އޮތީ އަންނަ ސީޒަނުން ފެށިގެން ޔޫރޮޕްގެ މުބާރާތްތަކުގައި ވީއޭއާރް ބޭނުން ކުރުމަށެވެ. އެހެން ނަމަވެސް، މިއަދު އެ އިދާރާއިން ބުނެފައި ވަނީ މި ސީޒަންގެ ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގުގެ ގަދަ 16އިން ފެށިގެން ވީއޭއާރް ބޭނުން ކުރާނެ ކަމަށެވެ.

އަންނަ އަހަރުގެ ނޭޝަންސް ލީގާއި ޔޫރޯ 21 އަހަރުން ދަށުގެ މުބާރާތުގައިވެސް ވީއޭއާރް ބޭނުން ކުރުމަށް ޔޫއެފާއިން ނިންމާފައިވާ އިރު، ޕްރިމިއާ ލީގުގައިވެސް 2019 ވަނަ އަހަރު ސީޒަނުން ފެށިގެން ވީއޭއާރް ބޭނުން ކުރާނެއެވެ.

" ވީއޭއާރް ބޭނުންކުރަން އަހަރެމެން ތައްޔާރު. ކުރިއަށް އޮތް ތަނުގައި ރެފްރީންގެ ނިންމުންތައް ވަރަށް ބޮޑަށް ފަސޭހަވެގެން ދާނެ ކަމަށް މި ބަލަނީ،" ޗެމްޕިއަންސް ލީގުގައި ވީއޭއާރް ބޭނުން ކުރުމާ ގުޅޭ ގޮތުން ޔޫއެފާ ރައީސް އެލެކްސެންޑްރާ ކެފަރިން ބުންޏެވެ.

މިއަހަރު ނޮކްއައުޓް ސްޓޭޖުން ފެށިގެން ވީއޭއާރް ބޭނުން ކުރި ނަމަވެސް، އަންނަ އަހަރުން ފެށިގެން ޕްލޭ އޯފް ބުރާ ހިސާބުން ޔޫރަޕްގެ މުބާރާތްތަކުގައި ވީއޭއާރް ބޭނުން ކުރާނެއެވެ. އޭގެ އިތުރުން ޔޫއެފާއިން ބުނެފައި ވަނީ 2020 ވަނަ އަހަރުގެ ޔޫރޯގައި ވީއޭއާރް ބޭނުން ކުރުމަށް ވިސްނާ ކަމަށާއި، އެކަމަށް އަދި ފައިނަލް ގޮތެއް ނުނިންމާ ކަމަށެވެ.

މި އަހަރު ރަޝިއާގައި ބޭއްވި ވޯލްޑް ކަޕްގައިވެސް ކާމިޔާބުކަމާއެކު ވީއޭއާރް ބޭނުން ކޮށްފައިވާ އިރު، ވޯލްޑް ކަޕްގައި ވީއޭއާރް ބޭނުން ކުރުމުން އެކަމަށް ގިނަ ބަޔަކު ތާއީދުވެސް ކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު