ލިއޮނަލް މެސީއާއި ކްރިސްޓިއާނޯ ރޮނާލްޑޯގެ ސިލްސިލާ ނިންމާލާ، ލޫކާ މޮޑްރިޗް ބެލޮންޑިއޯ ކާމިޔާބުކޮށްފިއެވެ.

ފްރާންސްގެ ޒަމާންވީ ނޫހަކުން ދޭ ބެލޮންޑިއޯގެ އެވޯޑަކީ ދުނިޔޭގެ ފުޓުބޯޅައިގެ އެންމެ ޝަރަފުވެރި އެވޯޑެވެ.

މޮޑްރިޗަށް ބެލޮންޑިއޯ ލިބުނުކަން އިއުލާން ކޮށްފައިވާ އިރު، އޭނާ ވެފައި ވަނީ 2007 ވަނަ އަހަރު، ބްރެޒިލްގެ ކަކާއަށްފަހު، ރޮނާލްޑޯއާއި މެސީ ނޫން އެހެން ކުޅުންތެރިޔަކަށް ބެލޮންޑިއޯ ހޯދި ފުރަތަމަ ކުޅުންތެރިޔާއަށެވެ. މިދިޔަ 10 އަހަރުވެސް ބެލޮންޑިއޯގެ މަގާމު ހޯދީ މެސީއާއ ރޮނާލްޑޯއެވެ. އޭގެ ތެރެއިން ކޮންމެ ކުޅުންތެރިޔަކު ވަނީ ފަސް ފަހަރަށް ބެލޮންޑިއޯ ކާމިޔާބު ކޮށްފައެވެ.

އުމުރުން 33 އަހަރުން މޮޑްރިޗް ވަނީ މިދިޔަ ސީޒަންގެ ޗެމްޕިއަންސް ލީގު، ރެއާލް މެޑްރިޑާއެކު އުފުލާލައި، ކްރޮއޭޝިއާއާއެކު ވޯލްޑް ކަޕްގެ ފައިނަލަށް ދަތުރު ކޮށްފައެވެ. އަދި ވޯލްޑް ކަޕްގެ ރަން ބޯޅަވެސް ހޯދީ މޮޑްރިޗެވެ.

މި ފަހަރުގެ ބެލޮންޑިއޯ ވޯޓުގައި ދެވަނައަށް ދިޔައީ ޔުވެންޓަސްގެ ތަރި ރޮނާލްޑޯއެވެ. ގްރީޒްމަންއަށް ތިންވަނަ ލިބުނު އިރު، ޒުވާން ހުނަރުވެރިޔާ ކިލިއަން އެމްބާޕޭއަށް ލިބުނީ ހަތަރު ވަނައެވެ. މެސީއަށް ނިންމާލަން ޖެހުނީ ފަސްވަނައިގައެވެ.

އެވޯޑަށްފަހު މޮޑްރިޗް ބުނެފައި ވަނީ މިދިޔަ އަހަރަކީ ކެރިއަރުގައި ހާއްސަ އަހަރެއް ކަމަށާއި، މިދިޔަ ބައެއް އަހަރުތަކުގައި މެސީއާއި ރޮނާލްޑޯ ނޫން އެހެން ކުޅުންތެރިންނަށް އެވޯޑު ހައްގު ކަމަށެވެ. އަދި ރޮނާލްޑޯއާއި މެސީގެ ޑޮމިނޭޝަން ނިންމާލެވުމުން އުފާކުރާ ކަމަށާއި، ކުރިއަށް އޮތް ތަނުގައިވެސް ބެލޮންޑިއޯގެ ހައްގުވެރިންނަށް އެ މަގާމު އިންސާފުން ލިބޭނެ ކަމަށް އުންމީދު ކުރާ ކަމަށްވެސް މޮޑްރިޗް ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޜެކަޓިޝް

    ޅޯބި ސޮރެއް. ކޮންގުރާ!!!!