އަންގި ބާލާ، ރިޓަޔާ ކުރުމުގެ ވިސްނުން އަދި ނުގެންގުޅޭ ކަމަށާއި، އަންނަ ސީޒަންގައިވެސް ފުރަތަމަ ޑިވިޝަންގެ ކްލަބަކުން ފެންނާނެ ކަމަށް، ރާއްޖޭގެ ލެޖެންޑްރީ ގޯލްކީޕަރު އިމްރާން މުހައްމަދު (އިންމަ) ބުނެފިއެވެ.

ނިމި ދިޔަ ސީޒަންގައިވެސް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން އިންމަ ފެނިފައިވާ އިރު، އޭނާ އެ ކްލަބުން ވަކި ކުރީ ސީޒަން ނިމެން ދަނިކޮށެވެ. ނިއުއިން އިންމަ ވަކިކޮށްފައި ވަނީ ކްލަބަށް އެކަށީގެންވާ ހިދުމަތް އިންމަގެ ފަރާތުން ނުލިބޭ ކަމަށް ބުނެއެވެ. އެހެން ނަމަވެސް، އެކަން ހިނގާ ދިޔައީ ނިއުއިން އިންމައަށް މުސާރަ ނުދޭތީ އޭނާ އެފްއޭއެމްއަށް މައްސަލަ ޖެއްސުމާއެކުގައެވެ.

ނިއުގެ ގިނަ ކުޅުންތެރިންތަކަކަށް މުސާރައިގެ މައްސަލަ ދިމާވެފައިވާ އިރު، ނިއުއިން އިންމަ ޓީމުން ކަނޑާލުމާއެކު ގިނަ ބައެއްގެ ފާޑުކިޔުން ވަނީ ކްލަބަށް އަމާޒުނެފައެވެ. އެއީ ރާއްޖޭގެ ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި އިންމައަކީ ރާއްޖޭގެ އެންމެ ޕްރޮފެޝަނަލް އަދި އެންމެ އިހުތިރާމް ބޮޑު ކުޅުންތެރިޔާއަށްވެސް ވާތީއެވެ.

ސަތާރަ އަހަރު ދުވަހު ރާއްޖޭގެ ގައުމީ ޓީމުގެ ގޯލް ބެލެހެއްޓުމަށްފަހު އިންމަ ގައުމީ ޓީމުން ރިޓަޔާ ކުރީ 2016 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގައެވެ. ގައުމީ ޓީމާއެކު ކާމިޔާބީތަކެއް ހޯދި އިންމަ ވަނީ ރާއްޖޭގެ ކްލަބު ފުޓުބޯޅައިގައި ހުރިހާ ކާމިޔާބީއެއް ހޯދައިފައެވެ.

އިންމަ އިއްޔެ ކުރި ޓްވީޓެއްގައި އޭނާ ބުނެފައި ވަނީ ކޮންމެ ހާލެއްގައިވެސް ޓާގެޓްތައް ހާސިލްކުރުމަށް މަސައްކަތް ކުރާނެ ކަމަށާއި، އަންނަ ސީޒަންގައިވެސް ފުރަތަމަ ޑިވިޝަންގެ ކްލަބަކުން ފެންނާނެ ކަމަށެވެ.

"ވަގުތު"އަށް ވާހަކަ ދައްކަމުން އިންމަ ބުނީ ކުޅޭނެ ވަކި ކްލަބެއް އަދި ނުނިންމާ ކަމަށާއި، އެހެން ނަމަވެސް މިހާރުވެސް ދަނީ އަންނަ ސީޒަނަށް ތައްޔާރުވަމުން ކަމަށެވެ. އަދި ގައުމީ ޓީމުން ރިޓަޔާ ކުރި ނަމަވެސް، ކްލަބު ފުޓުބޯޅައިން ރިޓަޔާ ކުރާނީ ބޭނުންވާ ޓާގެޓްތަކެއް ހާސިލް ކުރުމަށް ފަހުގައި ކަމަށްވެސް އިންމަ ބުންޏެވެ.

އިންމައަކީ ރާއްޖެ ދުތް އެންމެ މޮޅު އަދި އެންމެ ޕްރޮފެޝަނަލް އެއް ފުޓުބޯޅަ ކުޅުންތެރިޔާއެވެ. އަބަދުވެސް ފުޓުބޯޅަ ކުރިއެރުވުމަށް ލޯބިކުރާ ކުޅުންތެރިޔެއްގެ ގޮތުގައި އެންމެ ފެނިގެންދާ އިރު، އޭނާ ވަނީ އަމިއްލަ ރަށް އދ މަހިބަދޫގެ އިތުރުން ރާއްޖޭގެ ފުޓުބޯޅައަށް ބޮޑެތި ހިދުމަތްތަކެއް ކޮށްދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނަޖްވާ

    ލެޖެންޑްރީ އިސްޕޯޓްސް މަނުންނޯ، އެކަމު ބިހުރޯޒު ކަމަނާ މިސްކިތް ބުޑުގަ ހުންނަނީ ސިގިރޭޓް ބޯން އަބަދު!