ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް، ރާއްޖޭގެ އެއް ނަންބަރު ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ)އާ ބައްދަލު ކުރައްވައިފިއެވެ.

މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެންޕަވާމަންޓުން ކޮށްފައިވާ ޓްވީޓެއްގައި ފެންނަ ގޮތުން ދަގަނޑޭގެ އިތުރުނ އަފޭއާވެސް މިނިސްޓަރު ވަނީ ބައްދަލުކޮށްފައެވެ.

ކުރިން ގައުމީ ޓީމުގެ މެނޭޖަރުކަންވެސް ކުރެއްވި މަހުލޫފު، ޔޫތު މިނިސްޓްރީގެ މަގާމާ ހަވާލުވިފަހުން ގިނަ ބަޔަކާ ބައްދަލު ކުރައްވާފައިވާ އިރު، ދަގަނޑޭއާ ބައްދަލު ކޮށްފައި ވަނީ ދާދި ފަހުން އޭނާގެ ގިނަ ވާހަކަތަކެއް މީޑިއާގައި ދެކެވިފައި ވަނިކޮށެވެ. އެގޮތުން ސާފް ޗެމްޕިއަންޝިޕްގެ ކުރިން ރާއްޖެއިން، އޭޝިއަން ކަޕް ކޮލިފިކޭޝަންގައި ބޫޓާނާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން ގައުމީ ކޯޗުމ ޕީޓާ ސެގަޓާ، ދަގަނޑޭއާ ދެމެދު ޖެހުނު މައްސަލައެއްގައި، ދަގަނޑޭ ވަނީ ގައުމީ ޓީމުން ބޭރުކޮށްފައެވެ.

އަދި ސާފް ޗެމްޕިއަންޝިޕް ކުޅެން ދަގަނޑޭ ބޭނުންވި ނަމަވެސް، އޭނާއަށް އެ ފުރުސަތުވެސް ކޯޗު ދީފައެއް ނުވެއެވެ. ދަގަނޑޭގެ މައްސަލައިގައި ކޯޗު އެތައް ގޮތަކަށް ވާހަކަ ދައްކާފައިވާ އިރު، އެފްއޭއެމްއިން ބުނެފައި ވަނީ ދަގަނޑޭ ރިޓަޔާ ކުރުމަށް ފުރުސަތު ދޭނެ ކަމަށެވެ.

އޭގެ ފަހުންވެސް ދަގަނޑޭއަށް ގައުމީ ޓީމަށް ކުޅުމުގެ ފުރުސަތު އަދި ދީފައި ނުވާ އިރު، ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ދަގަނޑޭއާއި މިނިސްޓަރު ބައްދަލު ކުރެއްވި ސަބަބު ހާމަކޮށްފައެއް ނުވެއެވެ.