އަންނަ އަހަރުން ފެށިގެން އަންހެން އަދި ފިރިހެން ކުޅިވަރު އެތުލީޓުންނަށްވެސް ހަމަހަމަކޮށް މުސާރަ ދޭން ސަރުކާރުން ނިންމައިފިއެވެ.

ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ އެތުލީޓުންނަށް ޖިންސް ތަފާތު ކުރުމެއް ނެތި މަހު މުސާރަ ދިނުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށާއި، ސްޕޯޓްސް ކައުންސިލްގެ ލަފަޔާއެކު އަންނަ އަހަރު އެކަން ކުރަން ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

މީގެ ކުރިން ފިރިހެން ކުޅުންތެރިންނަށް އަންހެން ކުޅުންތެރިންނަށްވުރެ މުސާރު ބޮޑުކޮށް ދެމުން އައި އައުމަށް ނިމުން ގެންނަން ސަރުކާރުން ނިންމާފައިވާ އިރު، ރައީސް ސޯލިހްގެ ވެރިކަމުގެ ފުރަތަމަ 100 އަށް އަމާޒުކޮށްގެން އިއުލާން ކުރި ކުޅިވަރުގެ ވައުދުތަކުގެ ތެރެއިން އިތުރު ވައުދެއްވެސް ދާދިފަހުން ވަނީ ފުއްދަވާފައެވެ.

އެގޮތުން ގައުމީ ކުޅިވަރު ހުރިހާ އެސޯސިއޭޝަނަކަށް 500،000 ރުފިޔާގެ ބަޖެޓު ދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެވަޑައިގެންނެވި ވައުދު ވަނީ ފުއްދަވައި ދެއްވާފައެވެ.

ކުޅިވަރުގެ ދާއިރާ އިން ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރަން ރާވާފައިވާ އެހެން ކަންކަމަށް ބަލާއިރު މުޅި ރާއްޖޭގެ ކުޅިވަރު އޯޑިޓެއް ހެދުމާއި، މޫދު ކުޅިވަރުގެ ކޮންވެންޝަނެއް ބޭއްވުމާއި، ކުޅިވަރާއި ކަސްރަތަށް އަހުލުވެރިކުރުވުމަށާއި ރޫފަ ރަނގަޅު މުޖުތަމައެއް ބިނާކުރުމަށް ކޮންމެ ރަށެއްގައި ހުނަރު ލިބިފައިވާ ސްޕޯޓްސް ކައުންސިލަރެއް ހަމަޖެއްސުންވެސް ހިމެނެއެވެ.