އިނގިރޭސި ޕްރިމިއާ ލީގުގައި ވަޓްފޯޑްގެ މައްޗަށް ކުރި ހޯދާ، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ފަސް ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ.

ސިޓީއަށްވުރެ އެއް މެޗު މަދުން ކުޅެ، ލިވަޕޫލުން ތާވަލުގެ ދެވަނައިގައި އޮތީ 36 ޕޮއިންޓާއެކުގައެވެ. ސިޓީއަށް 15 މެޗުން ލިބިފައި ވަނީ 41 ޕޮއިންޓެވެ. މިހާތަނަށް މި ސީޒަންގައި ސިޓީން ކުޅުނު 15 މެޗުން 13 މެޗުން މޮޅުވެފައިވާ އިރު، އެޓީމު އަދި ބަލިވެފައެއް ނުވެއެވެ. ރޭގެ މެޗުން ސިޓީ މޮޅުވީ 2-1ގެ ނަތީޖާއަކުންނެވެ.

ރޭގެ މެޗު ވަރުގަދަކޮށް ފެށީ ސިޓީންނެވެ. އެ ޓީމުން ހަމަލާއަކަށްފަހު ހަމަލާއެއް އުފައްދަމުން ދިޔައީ މެޗު ފުލް ކޮންޓްރޯލްގައި ކުޅެމުންނެވެ. އާންމުކޮށް މި ސީޒަންގައި ސިިޓީގެ ފަރާތުން ފެންނަ ޓީމު ރޮޓޭޝަން ވަރަށް ބޮޑަށް ފާހަގަކޮށްލެވުނެވެ.

ފޯމުގައި ހުރި ރަހީމް ސްޓާލިންނާއި ސާޖިއޯ އަގުއޭރޯވެސް މެޗު ފެށީ ބެންޗުންނެވެ.

ސިޓީން ކުރިއަށް ޖެހި ކުޅެމުންދިޔަ އިރު، މެޗުގެ ފުރަތަމަ ހާފްގައި ވަޓްފޯޑުގެ ގޯލްކީޕަރު ފްރޭޒާ ފޯސްޓާގެ ކުޅުން ފާހަގަކޮށްލެވުނެވެ. އެގޮތުން އޭނާ ވަނީ މެޗުގެ ކުރީކޮޅުގައި ލެރޮއި ސާނޭ ހުސްކޮށް އަރާ ފޮނުވާލި ހަމަލާގެ އިތުރުން ރިޔާދު މަހަރޭޒް ފޮނުވާލި ހަމަލާވެސް ދިފާއުކޮށްފައެވެ.

އޭގެ އިތުރުން ޑޭވިޑް ސިލްވާއާއި ގެބްރިއަލް ޖެސޫސްއަށްވެސް ފުރަތަމަ ހާފްގައި ފުރުސަތުތައް ލިބި ބޭކާރުވި އިރު، ސިޓީން މެޗުގެ ލީޑު ނެގީ ހާފް ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށެވެ. ސިޓީއަށް ލީޑު ނަގައިދިނީ ސާނޭއެވެ. މަހަރޭޒްގެ ހުރަސް ސާނޭ ގޯލަށް ވައްދާލީ ފަސޭހަ ކަމާއެކު މެއިންނެވެ.

ދެވަނަ ހާފަށް ނުކުމެވެސް ސިޓީން މެޗު ޑޮމިނޭޓް ކުރިއެވެ. ދެވަނަ ހާފްގެ ކުރީކޮޅުގައި، 51 ވަނަ މިނެޓުގައި މަހަރޭޒްގެ ގޯލާއެކު ސިޓީން ލީޑުވެސް ފުޅާކުރިއެވެ. ދެވަނަ ހާފްގައިވެސް ސިޓީން ވަރުގަދަ ކުޅުމެއް ދައްކަމުން ދިޔަ ނަމަވެސް މެޗު ނިމެން ދަނިކޮށް އެޓީމަށް ސިހުން ގެނުވީ 85 ވަނަ މިނެޓުގައި ޑަކޯރޭ ޖެހި ގޯލުންނެވެ.

އެ ގޯލާއެކު ވަޓްފޯޑުން ކުޑަ އުންމީދެއް ގެނައި ނަމަވެސް، ސިޓީން ފަސޭހަކަމާއެކު ތިން ޕޮއިންޓް ނެގިއެވެ.