އާސެނަލާއި މެންޗެސްޓާ ޔުނައިޓެޑް ރޭ ކުޅުނު ލީގު މެޗު ނިމުނީ 2-2ގެ ނަތީޖާއަކުން އެއްވަރު ވެގެންނެވެ.

ރޭގެ މެޗަށް ނުކުތް އިރު، އާސެނަލް އޮތީ ރަނގަޅު ފޯމެއްގައެވެ. އެއާ ހިލާފަށް މެންޗެސްޓާ ޔުނައިޓެޑަށް މި ސީޒަން ވެފައި ވަނީ ބޮލު ރިހުމަކަށެވެ. ހާއްސަކޮށް ޓީމުގެ ކޯޗު ހޯޒޭ މޮރީނިއޯއާ ދެމެދު ސަޕޯޓަރުންގެ ގިނަ ހިތްހަމަ ނުޖެހުންތަކެއް ހުރި އިރު، ޓީމުގެ މުހިއްމު ބައެއް ކުޅުންތެރިންނާވެސް މޮރީނިއޯ ވަނީ މައްސަލަތަކެއް ޖެހިފައެވެ.

މޮރީނިއޯއަށް ބޮޑު ޕްރެޝަރަކާއެކު ރޭގެ މެޗަށް ނުކުމެ، މެންޗެސްޓާ ޔުނައިޓެޑްގެ ކުޅުންތެރިން ދެއްކި ކުޅުމަށް މޮރީނިއޯ ވަނީ ތައުރީފް ކޮށްފައެވެ.

" ކުޅުންތެރިން ތިބީ އުނދަގޫ ހާލަތެއްގައި. ހާއްސަކޮށް ޑިފެންސް ލައިންގައި ތިބި ކުޅުންތެރިންގެ ކުޅުމަށް ބަލާލުމުން އެނގޭނެ ފިޓްނަސް ލެވެލްވެސް ރަނގަޅު ނޫން ކަން. އެހެންވެ ބެންޗުންވެސް ތިބީ މާޔޫސް ކަމުގައި. ޑިފެންސަށް ބޯޅައެއް ދާ އިރު، ބެންޗުން ނުތަވަސްވާނެ. އެކަމަކު ރޭގެ މެޗުގައި ކުޅުންތެރިން ކުރި ހިތްވަރު ވަރަށް ރަނގަޅަށް ފާހަގަވާނެ،" މޮރީނިއޯ ބުންޏެވެ.

މޮރީނިއޯ ބުނެފައި ވަނީ ރޭގެ މެޗަކީ މި ސީޒަންގެ އެހެން މެޗުތަކާ ވަރަށް ބޮޑަށް ތަފާތު މެޗެއް ކަމަށާއި، ޔުނައިޓެޑްގެ ފަރާތުން ވަރުގަދަ ރޫހެއް ފެނިގެން ދިޔަ ކަމަށެވެ.

"މި ޓީމުގެ ކުޅުންތެރިންނަކީ ކުރީގެ ރޯއީ ކީންއާއި ނެސްތުރޫއީއާއި ވިޑިޗް ފަދަ ކުޅުންތެރިންނެއް ނޫން. އެކަމަށް އަހަރެން ދެބަސް ވަން. މި ޓީމަށް ވަގުތު ބޭނުންވޭ. މި ޓީމުގެ ކޮންމެ ކުޅުންތެރިއަކަށްވެސް ވަގުތު ބޭނުންވޭ،" މޮރީނިއޯ ބުންޏެވެ.

ރޭގެ މެޗަށްފަހު އާސެނަލްގެ ކޯޗު އުނައި އެމަރީ ބުނެފައި ވަނީ އާސެނަލްއަށް ކުރަން އޮތް އެންމެ މުހިއްމު ކަމަކީ އެޓޭކާއި ޑިފެންސްގެ ބެލެންސް ހިފެހެއްޓުން ކަމަށާއި، ޑިފެންސްގެ ފެންވަރު ރަނގަޅު ކުރަން ޖެހޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު