ޔުވެންޓަސްގެ ތަރި ރޮނާލްޑޯ ---

ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިއުނިކަށް ކްރިސްޓިއާނޯ ރޮނާލްޑޯގެ ސޮއި ހޯދުމަށް ފުރުސަތު ލިބުނު ނަމަވެސް، އެޓީމުން އެކަން ނުކުރީ ރޮނާލްޑޯގެ އަގާއި އޭނާގެ އުމުރު ނުބައްދަލުވުމުން ކަމަށް ކްލަބުގެ ރައީސް އުލީ ހޮއިނޭސް ބުނެފިއެވެ.

ގިނަ އަހަރުތަކެއް ވަންދެން ރެއާލް މެޑްރިޑަށް ކުޅުމަށްފަހު ރޮނާލްޑޯ އެ ކްލަބު ދޫކޮށްލީ ނިމިދިޔަ ޓްރާންސްފާ ސީޒަންގައެވެ. 110 މިލިއަން ޑޮލަރުގެ ޓްރާންސްފާ ފީއަކަށް ރޮނާލްޑޯ ޔުވެންޓަސްއަށް ބަދަލުވެފައިވާ އިރު، އޭނާގެ އުމުރުން މިހާރު 33 އަހަރެވެ.

ރެއާލްއާއެކު ގިނަ ކާމިޔާބީތަކެއް ހޯދުމަށްފަހު ރޮނާލްޑޯ ޔުވެންޓަސްއަށް ބަދަލުވެފައިވާ އިރު، އޭނާއަށް ޔުވެންޓަސްގައި އެ ކުޅުން ނުދެއްކޭނެ ކަމަށް ގިނަ ބަޔަކު ދެކެމުންދިޔައެވެ. ހާއްސަކޮށް މީޑިއާތަކުން އެކަން ވަރަށް ބޮޑަށް ފާހަގަކުރިއެވެ. އެހެން ނަމަވެސް ޔުވެންޓަސްއާއެކުވެސް ރޮނާލްޑޯ އަންނަނީ ތަފާތު މޮޅު ކުޅުމެއް ދައްކަމުންނެވެ. މިހާތަނަށް އޭނާ ވަނީ ލީގުގައި 14 ގޯލް ޖަހައިފައެވެ.

ޔުވެންޓަސްއަށް ދިއުމުގެ ކުރިން ރޮނާލްޑޯގެ ސޮއި ހޯދުމުގ ފުރުސަތު ބަޔާންއަށްވެސް ލިބުނު ކަމަށް ކްލަބުން ބުނެފައިވާ އިރު، އެ ކްލަބުން ބުނެފައި ވަނީ ރޮނާލްޑޯއަށް ރެއާލްއިން ބޭނުންވި އަގާއި ރޮނާލްޑޯ މިހާރު ހުރި އުމުރާ ނުބައްދަލު ކަމަށެވެ.

" ރޮނާލްޑޯގެ އުމުރުން މިހާރު 33 އަހަރު. އޭނާއަށް އެބަ ދޭން ޖެހޭ 100 މިލިއަން ޕައުންޑުގެ ޓްރާންސްފާ ފީއެއް. އެ އަގުގައި އަހަރެމެން ރޮނާލްޑޯ ގެންނާނީ އޭނާގެ އުމުރުން 24 އަހަރު ނަމަ." ބަޔާންގެ ޗީފް ބުނެފައިވެއެވެ.

ރޮނާލްޑޯއާއެކު ޔުވެންޓަސްއިން ޗެމްޕިއަންސް ލީގު ނެގުމަށް މިސްރާބު ޖަހާފައިވާ އިރު، ރޮނާލްޑޯ ނެތްތަން ރެއާލްގެ ޓީމުން އަންނަނީ ފެންނަމުންނެވެ. އެގޮތުން ޗެމްޕިއަންސް ލީގާއި ސްޕެނިޝް ލީގުގައިވެސް ރެއާލްގެ ފަރާތުން ފެންނަނީ ދަށް ކުޅުމެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. 33 އަހަރުވިއެއް ކަމަކު ކުޅެލަނީ 20 އަހަރުގެ މީހެއްހެން. ބަޔާން ގެ ރައީސް ތިހުރީ މޮޔަވެފަ.