ކ. ތުލުސްދޫގައި ބާއްވާ އެންމެ އަގުބޮޑު ފުޓްސަލް މުބާރާތް، މަލްޓި ޔޫތް އެސޯސިއޭޝަން އޮފް ތުލުސްދޫ (މިއެޓް) ފުޓްސަލް ފިއެސްޓާގެ ފައިނަލްގައި ކ. ހިންމުފުއްޓާ ދެކޮޅަށް ކަންމަތި އެފްސީ ނުކުންނަން ޖެހިއްޖެއެވެ.

މުބާރާތުގެ ސެމީ ފައިނަލްގެ މެޗުތައް ރޭ ކުޅުނު އިރު، ހިންމަފުށި އެފްސީ ސެމީގައި ވާދަކުރީ ބޮޅު ކޮމިއުނިޓީއާއެވެ. އެ މެޗު ހިންމަފުށިން ކާމިޔާބު ކުރީ 6-1ގެ ނަތީޖާއިންނެވެ. ކަންމަތި އެފްސީ ފައިނަލަށް ދަތުރު ކުރީ 8-4ގެ ނަތީޖާއިން ބްލެކް އީގަލްސް ބަލިކޮށްގެންނެވެ.

ފައިނަލް މެޗު މާދަމާ ރޭ އޮންނަ އިރު، ދެޓީމުގެ ސަޕޯޓަރުންވެސް ދަނީ ފޯރިއާއެކު ތައްޔާރުވަމުންނެވެ. ހާއްސަކޮށް ހިންމަފުށީގެ ސަޕޯޓަރުން މާދަމާރެއަށް ތުލުސްދުއަށް ދިޔުމުގެ މަސައްކަތްވެސް މިހާރު ވަނީ ފަށާފައެވެ.

ޖުމްލަ ހަތް ޓީމަކާއެކު މިއަހަރު ކުރިއަށްދާ މުބާރާތް ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށްދާ އިރު، ގްރޫޕް އޭގައި ހިމެނެނީ ހަތަރު ޓީމެވެ. ގްރޫޕް ބީގައި ތިން ޓީމެވެ. ޑިސެންބަރު އެއްވަނަ ދުވަހު މުބާރާތް ފަށާފައިވާ އިރު، މިއަހަރުގެ މިއެޓް ފުޓްސަލް ފިއެސްޓާ ހުވާލެވިފައި ވަނީ ތުލުސްދޫ ދާއިރާގެ ރަށްތަކަށާއި އެ ދާއިރާގެ ރިސޯޓު ތަކަށެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް ދޭން ކަނޑައަޅާފައި ވަނީ 25000 ރުފިޔާގެ ފައިސާގެ އިނާމެކެވެ.

މިޔެޓް ފުޓްސަލް ކަޕަކީ ތުލުސްދޫގެ އެންމެ އަގުބޮޑު މުބާރާތެވެ.

ކިޔުންތެރިންގެ ހިޔާލު