މިހާރު ސްރީލަންކާގައި ކުރިއަށްދާ ސައުތް އޭޝިއަން އީ ސްޕޯޓްސް ޗެމްޕިއަންޝިޕް 2018 ގައި ބައިވެރިވުމަށް ރާއްޖޭގެ ޤައުމީ އީ ސްޕޯޓްސް ޓީމު ލަންކާއަށް ފުރައިފިއެވެ.

އޭޝިއާ ސަހަރައްދުގެ އެތަކެއް ގައުމެއް ބައިވާ އެ މުބާރާތުގައި ރާއްޖެ ތަމްސީލް ކުރުމަށް ލަންކާއަށް ގޮސްފައިވަނީ އަޙްޒަމް ޒިޔާދު، ހުސެން ޒިޔާދު އިބްރާހިމް، ނާއިޝް ހަމީދު، އަޙްމަދު އިފްހާމް އަދި އަލީ ޖިދާދުއެވެ.

މޯލްޑިވްސް އީސްޕޯޓްސް އެސޯސިއޭޝަން (މީސާ) އިން މައުލޫމާތުދޭ ގޮތުގައި މުބާރާތުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ އާދިއްތަ ދުވަހުގެ ނިޔަލަށެވެ.

މިމުބާރާތުގައި އީސްޕޯޓްސް ކުޅިވަރުތަކުގެ ތެރެއިން ރާއްޖޭގެ ޓީމު ބައިވެރިވާ ކެޓަގަރީއަކީ ލީގް އޮފް ލެޖެންޑްސް ލޮލް އެވެ.

ރާއްޖޭގެ އެތުލީޓުން ބައިވެރިވާ މިމުބާރާތް އިންތިޒާމްކޮށްފައި ވަނީ ސައުތް އޭޝިއަށް އިލެކްޓްރޯނިކް ސްޕޯޓްސް ފެޑެރޭޝަން އަދި އިންގޭމް އެންޓަޓެއިންމެންޓް އާއި ގުޅިގެންނެވެ.

މިއަހަރުގެ ސައުތް އޭޝިއަން އީސްޕޯޓްސް ޗެމްޕިއަންޝިޕުގައި ބައިވެރިވުމަށް ރާއްޖޭގެ ޓީމެއް ލަންކާއަށް އިއްޔަ ގޮސްފައިވާއިރު ، މިހާރު ޓައިވާނުގެ ކައުހްސިއުންގުގައި ކުރިއަށްދާ 10 ވަނަ އިލެކްޓްރޯނިކް ސްޕޯޓްސް ވޯލްޑް ޗެމްޕިއަންޝިޕް 2018 ގައި ދިވެހި އެތްލީޓެއް ކަމަށްވާ ހަސަން ހިސާން އަޙްމަދު އަންނަނީ ރާއްޖެ ތަމްސީލް ކުރަމުންނެވެ.