ތުލުސްދޫގެ އެންމެ އަގުބޮޑު ފުޓުބޯޅަ މުބާރާތް، މިއެޓް ފުޓްސަލް ކަޕްގެ ޗެމްޕިއަންކަން ކަންމަތީ އެފްސީން ހޯދައިފިއެވެ.

ރޭ ކުޅުނު ފައިނަލް މެޗުގައި ކަންމަތި އެފްސީން ހިންމަފުށި ބަލިކުރީ 4-3ގެ ނަތީޖާއަކުންނެވެ.

ފޯރިގަދަކޮށް ރޭ ފެނިގެންދިޔަ މެޗުގެފުރިހަމަ ވަގުތު ހަމަވި އިރު، ދެޓީމު އޮތީ 2-2ގެ ނަތީޖާއަކުން އެއްވަރުވެފައެވެ.

ހިންމަފުށީގެ ދެ ގޯލް އަތުސަން އިބްރާހީމް ކާމިޔާބުކޮށްދިން އިރު، ކަންމަތީ އެފްސީގެ ގޯލްތައް ކާމިޔާބުކޮށްދިނީ އަލީ ހާފިޒާއިން މުއީޒް ދާއޫދެވެ.

ޕެނެލްޓީގައި އަހުމަދު ޖައިލަމް ޖެހި ފިޔަވާ ހިންމަފުށިން ޖެހި އަނެއް ދެ ޕެނެލްޓީވެސް ނާކާމިޔާބުވެފައިވާ އިރު، ކަންމަތީ އެފްސީގެ ހަމްޒާ މުހައްމަދު (ހަމްޕު)އާއި އާދަމް އަޒްމީން ޖެހި ޕެނެލްޓީވެސް ކާމިޔާބު ކުރިއެވެ.

ރޭގެ ފައިނަލް މެޗަށްފަހު މުބާރާތުގެ އެކިިއެކި މަގާމުތަކަށް ހޮވުނު ފަރާތްތަކުގެ އަގު ވަޒަން ކޮށްފައިވާ އިރު، ފެއާ ޕްލޭ ކުޅުންތެރިންއަކަށް ހޮވުނީ ބޮޅު ކޮމިއުނިޓީގެ އަބްދުﷲ އަތީކެވެ. މުބާރާތުގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔަކަށް ކަންމަތި އެފްސީގެ އަލީ ހާފިޒް ހޮވުނު އިރު، އޭނާއަކީ މުޅި މުބާރާތުގެވެސް އެންމެ މޮޅު ކުޅުންތެރިޔާއެވެ.

މުބާރާތުގެ ޓޮޕް ފައިވް:

އިބްރާހީމް މަނިކް / ހިންމަފުށި

އަލީ ހާފިޒް / ކަންމަތި އެފްސީ

ރީހާން މުހައްމަދު / އެޕޮކަލިޕްސް

އަހުމަދު ޝިފާއު މުއާޒް / ބްލެކް އީގަލްސް

އަހުމަދު ޖައިލަމް / ހިންމަފުށި

މުބާރާތުގެ ފެއާ ޕްލޭ ޓީމަކަށް އެޕޮކަލިޕްސް ހޮވުނު އިރު، މުބާރާތުގައި ރާއްޖޭގެ އެންމެ މަތީ ފަންތީގެ ކުޅުންތެރިން ރޭގެ ފައިނަލް މެޗުންވެސް ފެނިގެން ގޮސްފައިވެއެވެ. އެގޮތުން ކަންމަތީ އެފްސީންވެސް ހަމްޕުގެ އިތުރުން ނާއިޒް ހަސަން (ދާދު)ވެސް ފެނިގެން ގޮސްފައިވެއެވެ.

ރޭގެ ފައިނަލް މެޗު ޝަރަފުވެރި ކޮށްދެއްވީ ކްލަބު ގްރީން ސްޓްރީޓްސް ކޯޗު، އަދި ރާއްޖޭގެ ފުޓުބޯޅައިގެ އެންމެ ވަރުގަދަ އެއް ޝަހުސިއްޔަތު އަލީ ސުޒޭނެވެ.

މިއަހަރުގެ މިއެޓް ފުޓްސަލް ފިއެސްޓާ ހުވާލެވިފައި ވަނީ ތުލުސްދޫ ދާއިރާގެ ރަށްތަކަށާއި އެ ދާއިރާގެ ރިސޯޓު ތަކަށެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް ދޭން ކަނޑައަޅާފައި ވަނީ 25000 ރުފިޔާގެ ފައިސާގެ އިނާމެކެވެ.

ކިޔުންތެރިންގެ ހިޔާލު