އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑުން ފަސޭހަކަމާއެކު ފުލްހަމް ބަލިކުރި އިރު، ފަހު ދިހަ މިނެޓުގައި ލޫކާސް ޓޮރޭރާ ޖެހި ގޯލާއެކު އާސެނަލުން ހަޑަލްސްފީލްޑް މައްޗަށް ކުރި ހޯދައިފިއެވެ.

ޔުނައިޓެޑުން ފުލްހަމް ކައިރީ މޮޅުވީ 4-1ގެ ނަތީޖާއަކުންނެވެ. އާސެނަލުން 1-0ގެ ނަތީޖާއަކުން މެޗު ނިންމާލި އިރު، އެޓީމު ވަނީ 34 ޕޮއިންޓާއެކު ލީގު ތާވަލުގައި ޓޮޓެންހަމްގެ ކުރިއަށް ޖެހިލައިފައެވެ. އެހެން ނަމަވެސް ޓޮޓެންހަމް އާސެނަލްއަށްވުރެ މެޗެއް މަދެވެ.

އެމިރޭޓްސް ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގައި ހަޑަލްސްފީލްޑުން ވަރުގަދައަށް ޑިފެންސް ކުރި އިރު، އާސެނަލްއިން އާންމުކޮށް އުފައްދާ ހަލުވި އެޓޭކްތައް ފުރިހަމަ ކުރުމަށް އެޓީމަށް އުނދަގޫތަކެއް ދިމާވިއެވެ. މާ ގިނަ ފުރުސަތުތަކެއް ފުރަތަމަ ހާފްގައި އާސެނަލްއިން ތަނަސް ކޮށްފައެއް ނުވެއެވެ.

ދެވަނަ ހާފްގައިވެސް އާސެނަލަށް ހަޑަލްސްފީލްޑްގެ ޑިފެންސް ފޫއަޅުވާލަން އުނދަގޫތަކެއް ދިމާވި ނަމަވެސް މެޗުގެ 83 ވަނަ މިނެޓުގައި އާސެނަލްއިން ލީޑު ނެގިއެވެ. ޕިއޭ އެމްރިކް އަބަމަޔާންގް އޭރިއާ ތެރެއިން މަތިމަތިން ނަގައިދިން ޗިޕް ހުރަސް، ހިތްގައިމު "ބައިސްކަލް ކިކް"އަކާއެކު ނިންމާލީ ޓޮރޭރާއެވެ.

އެންމެފަހުން އާސެނަލް ކުޅުނު 21 މެޗުގައިވެސް އެޓީމު ބަލިވެފައިނުވާ އިރު، ކޯޗު އުނައި އެމަރީގެ ފުރަތަމަ ސީޒަންގައިވެސް އާސެނަލްގެ ފަރާތުން ތަފާތު ފެންނަމުން ދެއެވެ.

މެންޗެސްޓާ ޔުނައިޓެޑަށް މިރޭ ހޯދުނު މޮޅަކީ މި ސީޒަންގައި އެޓީމަށް ލިބުނު އެންމެ ބޮޑު މޮޅެވެ. ސީޒަން ފެށުނީއްސުރެ ބޮޑު ޕްރެޝަރެއްގައި އޮތް މެންޗެސްޓާ ޔުނައިޓެޑް މިރޭގެ މެޗުން މޮޅުވި ނަމަވެސް އެޓީމު އޮތީ ލީގު ތާވަލުގެ ހަވަނައިގައެވެ. ހަތްވަނައިގައި އޮތް އެވަޓަންއަށްވުރެ މެޗެއް އިތުރަށް ކުޅުނު އިރު، 16 މެޗުން ޔުނައިޓެޑަށް ލިބެނީ 26 ޕޮއިންޓެވެ.

މިރޭގެ މެޗު ޔުނައިޓެޑުން ފެށީ ވަރުގަދަ ކޮށެވެ. ފުލްހަމްގެ ކަނާތް ފަރާތު އަރިމަތިން، މެންޗެސްޓާ ޔުނައިޓެޑްގެ ފުލްބެކް، އެޝްލީ ޔަންގު އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ބާރު ހަމަލާ އަމާޒުކޮށްލީ ގޯލްގެ ދުރު ކަމަށެވެ.

ކުރީކޮޅުގައި ލީޑު ނަގައިގެން ހިތްވަރާއެކު ކުޅެމުންދިޔަ ޔުނައިޓެޑުން މެޗުގެ 28 ވަނަ މިނެޓުގައި ލީޑު ފުޅާކުރިއެވެ. މާކަސް ރަޝްފޯޑާއި ހުއާން މަޓާގެ ރަނގަޅު ކޮންބިނޭޝަން ޕާހަކުން ދެވަނަ ގޯލް ކާމިޔާބުކޮށްދިނީ މަޓާއެވެ. ހާފް ނިމުމުގެ ތިން މިނެޓް ކުރިން މަޓާގެ ޕާހަކުން ރޮމެލޫ ލުކާކޫގެ ފަސޭހަ ނިންމާލުމަކާއެކު ޔުނައިޓެޑުން ތިންވަނަ ގޯލެއްވެސް ޖެހިއެވެ.

ދެވަނަ ހާފްގެ 67 ވަނަ މިނެޓުގައި ފުލްހަމްއަށް ލިބުނު ޕެނެލްޓީއަކުން ކަމަރާ ގޯލެއް ޖެހި ނަމަވެސް، މެޗަށް އަނބުރާ ވަނުމަށް ފުލްހަމް ކުރަމުންދިޔަ މަސައްކަތަށް ބުރު އެރީ 68 މިނެޓުގައި ޒަމްބޯ އަންގޫޒާއަށް ދެއްކި ރަތްކާޑާއެކު ގައެވެ.

މެޗު ނިމެން 10 ވަރަކަށް މިނެޓަށް ވެފައި ވަނިކޮށް، ރަޝްފޯޑުގެ ގޯލެއްވެސް ފެނިގެން ދިޔަ އިރު، މިއީ މި ސީޒަންގެ ލީގުގައި ތިން ގޯލްގެ ތަފާތަކުން ޔުނައިޓެޑް މޮޅުވި ފުރަތަމަ މެޗެވެ.