އާޖެންޓީނާގެ ތަރި، ލިއޮނަލް މެސީގެ ހިތްގައިމު ދެ ހިލޭ ޖެހުމާއެކު އެސްޕަނިއޯލް ބަލިކޮށް، ބާސެލޯއިން ލަލީގާ ތާވަލުގެ އެއްވަނައިގައި ހަމަޖެހިލައިފިއެވެ.

ރޭ އެސްޕަނިއޯލްގެ ދަނޑުގައި ބާސާއިން ކުޅުނު މެޗުން އެޓީމު މޮޅުވީ 4-0ގެ ނަތީޖާއަކުންނެވެ.

މިހާތަނަށް ލީގުގައި ކުޅުނު 15 މެޗުން 31 ޕޮއިންޓާއެކު ބާސާއިން ލީގުގެ އެއްވަނައިގައި އޮތް އިރު، ދެވަނައިގައި އޮތް ސެވިއްޔާއަށް ލިބެނީ 28 ޕޮއިންޓެވެ.

މެޗުގެ 17 ވަނަ މިނެޓުގައި ބާސާއިން ލީޑު ނެގިއެވެ. އެސްޕަނިއޯލްގެ އޭރިއާ ބޭރުން ލިބުނު ހިލޭ ޖެހުން މެސީ އަމާޒުކޮށްލީ ގޯލްގެ މަތީ ކަނަށެވެ. އޭގެ އިރުކޮޅެއްފަހުން އޮސްމާން ޑެމްބެލޭގެ ހުނަރާއެކު ބާސާއިން ލީޑު ފުޅާކުރި އިރު، ހާފް ނިންމާލީ ހަނި އޭންގަލުން ލުއިޒް ޝުއަރޭޒް ޖެހި ގޯލާ އެކު 3-0ގެ ލީޑެއްގައެވެ.

މެޗުގައި ޝުއަރޭޒްގެ ދެ ހަމަލާއެއް ގޯލްގެ ދަނޑިއަށްވެސް އަމާޒުވި އިރު، ދެވަނަ ހާފްގައި އެސްޕަނިއޯލްއިން ކުޅުން ރަނގަޅު ކުރިއެވެ. އެހެން ނަމަވެސް އެޓީމަށް އޭގެ އެދެވޭ ނަތީޖާއެއް ނުނެރެވުނެވެ. މެޗުގެ 65 ވަނަ މިނެޓުގައި މެސީގެ ޖާދުލާއެކު އަނެއްކާވެސް ބާސާ ގޯލް ޖެހިއެވެ. މި ފަހަރުވެސް ހިތްގައިމު ހިލޭ ޖެހުމެކެވެ.

މިދިޔަ ހަފްތާގައި ސެވިއްޔާއަށް ބާސާ ޖަހާލުމަށް ލިބުނު ފުރުސަތު އެޓީމުން ގެއްލުވާ އިރު، މި ހަފްތާގަވެސް އެޓީމުން ވަނީ ދެ ޕޮއިންޓް ގެއްލުވާލާފައެވެ. މި ހަފްތާގައި ސެވިއްޔާއިން ވެލެންސިއާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ 1-1ގެ ނަތީޖާއަކުން އެއްވަރު ވެގެންނެވެ.

ކިޔުންތެރިންގެ ހިޔާލު