އަލީ އަޝްފާގް (ދަގަނޑޭ) ގެ ހެޓްރިކާ އެކު 1-3 އިން އިންޑިޔާގެ އައިޒޯލްގެ މައްޗަށް ނިއުރޭޑިއަންޓުން ކުރި ހޯދައިފިއެވެ.

ފުރަތަމަ ހާފްގައި އައިޒޯލްއިން ވަނީ ރަނގަޅަށް ކުޅެ މެޗްގެ 30 ވަނަ މިނިޓްގައި ލަނޑުޖަހާ ލީޑް ނަގާފައެވެ. މި ހާފްގައި ނިއުގެ ފަހަތުން ގިނަ މައްސަލަތަކެއް ފާހަގަ ކުރެވުނެއެވެ. އެގޮތުން އައިޒޯލް ޖެހި ލަނޑުވެސް ޖަހާފައިވަނީ ފަހަތުން ހެދުނު ގޯސްތަކުގެ ސަބަބުންނެވެ.

ނަމަވެސް ނިއުގެ ކުރިޔަށް ކުޅޭ އަޝްފާގު އަދި ސެންޓޭގެ ފަރާތުން ރަނގަޅު ކޮންބިނޭޝަނެއް ފެނި ނިއުގެ ކުރިން ވަނީ ރަނގަޅު ހަމަލާތަކެއް ވެސް އުފައްދާފައެވެ.

ލިބުނު ހުސް ފުރަސަތެއްގައި އައިޒޯލްއަށް އެމީހުން ޖެހި ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ އަންދުރޭ އެވެ. ނަމަވެސް އެހިސާބުން ނިއު އިން ވަނީ މެޗްގެ ކޮންޓްރޯލް ނަގާ ކުޅުން ވަރުގަދަ ކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން އަޝްފާގު ވަނީ ލިލީ ދިން ރީތި މޮޅު ފާހަކުން ނިއުއަށް ނަތީޖާ ހަމަހަމަ ކޮއްދީފައެވެ. މި ގޯލަށްފަހު ސެންޓޭއަށް ވެސް ވަނީ ނަތީޖާ ބަދަލުކޮށްލަން ރަނުގެ ފުރުސަތެއް ލިބިފައެވެ. ނަމަވެސް ސެންޓޭ ގޯލަށް ފޮނުވާލި ބޯޅަ އިދިކޮޅު ޓީމްގެ ކީޕަރ ވަނީ ހުޝިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

ފަހު ހާފް ފަށައިގެންވެސް ނިއުއިންވަނީ ރަނގަޅަށް ކުޅެ އައިޒޯލްގެ ގޯލަށް ނުރައްކާ ކޮށްފައެވެ. ނިއުގެ ކުޅުން ވަރުގަދަ ކުރުންވީ އައިޒޯލް މެޗް ލަސްކުރަން ފެށުމެވެ. މެޗު ލަސްކުރުމުގެ ސަބަބުން ނިއުއަށް ކުޅެން އުދަގޫވި ނަމަވެސް މެޗްގެ 75 ވަނަ މިނިޓްގައި އައިޒޯލްގެ ލަލްރަމުންމާވިއާ އަށް ރަތްކާޑު ދެއްކި ހިސާބުން ނިއު އަށް ވަނީ ފަސޭހަތަކެއް ވެގެން ގޮސްފައެވެ.

އެ ކުޅުންތެރިޔާ ދަނޑުން ބޭލިތާ މާގިނަ އިރުތަކެއް ނުވެ ކޮކީ ހުރަސްކޮށްލި ބޯޅައަކުން އަޝްފާގު ބޮލުން ޖަހައިދިން ހިތްގައިމް ލަޑުން ނިއު ވަނީ ލީޑް ނަގައިފައެވެ. އެއާއެކު ނިއުގެ ކުޅުންވަނީ އިތުރަށް ވަރުގަދަ ކޮށްފައެވެ. ހަމަޖެހިގެން ބޯޅަ ގިނަވަގުތު ހިފަހައްޓައިގެން ކުޅެން ފެށިއެވެ. ނަތީޖާއެއްގެ ގޮތުން މެޗު ނިމެން ފަސް މިނެޓަށް ވެފައިވަނިކޮށް ދަނގަޑޭ ވަނީ ނިއުގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދީ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ.

މި މޮޅާއެކު ގްރޫޕް ސްޓޭޖްގައި ކުޅުނު ދެ މެޗުން މޮޅުވެ ގްރޫޕްގެ އީގެ އެއްވަނައިގައި ވަނީ ނިއުރޭޑިއަންޓެވެ. މި މުބާރާތުގެ މެޗެއްގައި ދެން ނިއުރޭޑިއަންޓް ނިކުންނާނީ މި މަހުގެ 10 ވަނަ ދުވަހު އިންޑިޔާގެ ބެންގަލޫރާއި ދެކޮޅަށެވެ.