މެންޗެސްޓާ ސިޓީގެ ތަރި، ރަހީމް ސްޓާލިންނާ ނަސްލީ ގޮތުން ދިމާކުރި ހަތަރު މީހަކު، ޗެލްސީގެ ސްޓެންފާޑް ބްރިޖަށް ނުވަދެވޭ ގޮތަށް އެ ކްލަބުން ސަސްޕެންޑް ކޮށްފިއެވެ.

މެންޗެސްޓާ ސިޓީއާއި ޗެލްސީ ލީގުގައި ކުޅުނު މެޗުގެ ތެރެއިން ޗެލްސީގެ ބައެއް ސަޕޯޓަރުން ސްޓާލިންނާ ނަސްލީ ގޮތުން ދިމާކުރި ކަމަށް ބެލެވިގެން ބަލަމުންދާ މައްސަލައާ ގުޅިގެން ހަތަރު މީހަކު މިއަދު ސަސްޕެންޑް ކޮށްފައިވާ އިރު، ލަންޑަންގެ ފުލުހުން ހިންގަމުންދާ ތަހުގީގަށް ޗެލްސީން ދަނީ ފުރިހަމައަށް އެއްބާރުލުން ދެމުންނެވެ.

އެގޮތުން ޗެލްސީން މިއަދު ނެރުނު ސްޓޭޓްމަންޓެއްގައި ބުނެފައި ވަނީ ނަސްލީ ގޮތުން ކުޅުންތެރިޔަކާ ދިމާކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، އެފަދަ ކަންކަމަށް އަބަދުވެސް ހަރުކަށި އަދަބު ދޭނެ ކަމަށެވެ. އަދި އެކަން ތަހުގީގު ކުރުމަށް ފުލުހުން ހިންގާ އޮޕަރޭޝަންތަކަށް ފުރިހަމައަށް އެއްބާރުލުން ދޭނެ ކަމަށްވެސް ޗެލްސީން މިއަދު ނެރުނު ސްޓޭޓްމަންޓުގައި ބުނެފައިވެއެވެ.

ޗެލްސީން ނެރުނު ސްޓޭޓްމަންޓަށް ސިޓީންވެސް ވަނީ މަރުހަބާ ކިޔާފައެވެ. އެގޮތުން އެޓީމުން ނެރުނު ސްޓޭޓްމަންޓުގައި ބުނެފައި ވަނީ ސްޓާލިންނާއި ސިޓީގެ ފަރާތުންވެސް ޗެލްސީއަށް މަރުހަބާ ކިޔާ ކަމަށާއި، މައްސަލަ ތަހުގީގު ކުރުމަށް ދެ ކްލަބުން އެކުގައި މަސައްކަތް ކުރާނެ ކަމަށެވެ.

އޭގެ އިތުރުންވެސް، މީސް މީޑިއާގައި ދައުރުވާ ވީޑިއޯއަށް ރިއާޔަތް ކޮށް، ސްޓާލިންނާ ނަސްލީ ގޮތުން ދިމާކުރިކަން ޔަގީން ވެފައިވާ މީހުން މިހާރުން މިހާރަށް ޗެލްސީން ސަސްޕެންޑް ކުރުމަކީ، ނަސްލީގޮތުން ތަފާތު ކުރުމަށް އެއްވެސް ޖާގައެއް ނެތްކަން ދައްކުވައިދޭ ކަމެއް ކަމަށްވެސް ސިޓީން ބުނެފައިވެއެވެ.

ސިޓީއާއި ޗެލްސީ ވާދަކުރި މެޗު، 2-0ގެ ނަތީޖާއަކުން ޗެލްސީން ކާމިޔާބު ކުރިއިރު، އެ މެޗަކީ މި ސީޒަންގެ ލީގުގައި ސިޓީ ބަލިވި ފުރަތަމަ މެޗެވެ.