ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯއާއި، އާޖެންޓީނާގެ ލިއޮނަލް މެސީގެ ވާދަވެރި ކަމަކީ ފުޓުބޯޅައިގައި މިހާތަނަށް އުފެދުނު އެންމެ ބޮޑު ވާދަވެރިކަމެވެ. ފެންވަރުގެ ގޮތުންނާއި، ޓްރޮފީގެ ގޮތުންވެސް އަޅާ ކިޔާލަން އުނދަގޫ ދެ ނަމެކެވެ.

އެ ދެކުޅުންތެރިންވެސް، އެއް ކުޅުންތެރިޔަކު އަނެއް ކުޅުންތެރިޔަކާ ގުޅޭ ގޮތުން މީޑިއާގައި އެއްޗެކޭ ބުނަނީ މަދު ފަހަރެއްގައެވެ. އެއީ އިހުތިރާމާ، އުސޫލުތަކުގައިވެސް ހިފެހެއްޓުމުގެ ވިސްނުން، ދެ ކުޅުންތެރިންގެ ގައިގައިވެސް ހުންނާތީ ކަމަށް ވެދާނެއެވެ.

ކޮންމެއަކަސް، މިފަހަރު މިއޮތީ ރޮނާލްޑޯގެ ފަރާތުން މެސީއަށް ހުށަހެޅި ޗެލެންޖެކެވެ. ޒަމާން ގަނޑެއް ވަންދެން ރޮނާލްޑޯ، ރެއާލްއަށް ކުޅުމަށްފަހު މި ސީޒަންގައި ޔުވެންޓަސްއަށް ބަދަލުވެފައިވާ އިރު، އިޓަލީ ލީގަކީ، ޔޫރަޕްގެ އެންމެ ގަދަ ފަސް ލީގުގެ ތެރެއިން ރޮނާލްޑޯ ކުޅޭ ތިންވަނަ ލީގެވެ.

އިނގިރޭސި ވިލާތުގައި ޔުނައިޓެޑާއެކު އެތަކެއް ކާމިޔާބީތަކެއް ހޯދުމަށްފަހު ރެއާލްއާއެކުވެސް ރޮނާލްޑޯ ހޭދަކުރީ ރަން ދުވަސްތަކެކެވެ. މި ސީޒަންގައި ޔުވެންޓަސްގެ މިސްރާބުވެސް ހުރީ ކާމިޔާބަށެވެ. ރޮނާލްޑޯގެ އެންމެ ބޮޑު ވާދަވެރިޔާ މެސީ، އެއާ މުޅިން ތަފާތެވެ. އޭނާގެ ކެރިއަރު އެއްކޮށް ހޭދަކޮށްލަނީ ސްޕެނިޝް ލީގުގެ ބާސެލޯނާއެވެ.

"އަހަރެން އުންމީދު ކުރަނީ، އަހަރެން ގަބޫލުކުރި ގޮތަށް، މެސީވެސް ޗެލެންޖު ގަބޫލުކުރަން. އިޓަލީގެ ލީގަށް އަންނަން،" މެސީއާ ގުޅިގެން ނޫސްވެރިއަކު ސުވާލު ކުރުމުން އިޓަލީގެ މީޑިއާއަށް ރޮނާލްޑޯ ބުންޏެވެ.

ރޮނާލްޑޯ ކުރެން މެސީ ހަނދާންވޭތޯ، މިސްވޭތޯ އެހުމުން ބުނީ، އޭނާ މެސީ މަތިން މިސްވާ ވަރަށްވުރެ ބޮޑަށް މެސީ އޭނާ މަތިން މިސްވާނެ ކަމަށެވެ. ވާދަވެރިކަން ދެމެހެއްޓުމަށް މެސީ ބޭނުންވާނީ ރޮނާލްޑޯ ކަމަށެވެ. ރޮނާލްޑޯ ބުނީ އޭނާގެ ސްޓައިލަކީ ރިސްކް، ނަގައިގެން ޗެލެންޖުތަކާ ކުރިމަތި ލުން ކަމަށާއި، މެސީއަކީ އެ ވިސްނުމުގެ މީހެއް ނޫން ކަމަށެވެ.

އެހެން ނަމަވެސް، މެސީ ބާސާގައި ހުންނަ ކަމަށްވާނަމަ އެއީވެސް އިހުތިރާމް ކުރަން ޖެހޭ ކަމެއް ކަމަށް ބުނަމުން ރޮނާލްޑޯ ބުނީ ޔުވެންޓަސްއަށް ދިއުމަކީ ނެގި ބޮޑު ރިސްކެއް ކަމަށާއި، އުމުރުން 33ގައި، އުމުރަށް ނުބަލާ ނެގި ރިސްކް ވަރަށް ކާމިޔާބު ކަމަށެވެ.

ރޮނާލްޑޯއާއި މެސީ، ޖެހިޖެހިގެން 10 ފަހަރަށް ބެލޮންޑިއޯ ހޯދާފައިވާ އިރު، ކޮންމެ ކުޅުންތެރިޔަކު ވަނީ ފަސް ފަހަރު ހޯދާފައެވެ. އެ ދެ ކުޅުންތެރިންގެވެސް ބެލޮންޑިއޯ ސިލްސިލާ ނިމުމަކަށް ގެނުވީ މި އަހަރު ލޫކާ މޮޑްރިޗެވެ.