ބާސެލޯނާގެ އެކަޑެމީ، ލަ މަސިއާއަކީ ދުނިޔޭގެ އެންމެ ވަރުގަދަ އެއް އެކަޑެމީއެވެ. ލިއޮނަލް މެސީގެ އިތުރުން އެންދްރޭސް އިނިއެސްޓާ، ޒަވީ ހެނާންޑޭޒްއާއި ސާޖިއޯ ބުސްކެޓަކީ އެ އެކަޑެމީ ނެރެދިން ތަރިންނެވެ. ޗެމްޕިއަނުންނެވެ.

ލަ މަސިއާއިން ފުރިހަމަ ޖީލެއް ބިނާކުރިތާ އަހަރުތަކެއްވެފައިވާ އިރު، އެ ޖީލުގެ ފޮނި މީރުކަން ބާސާއިން ހޯދަންވެސް ހޯދިއެވެ. ޔޫރަޕްގައި އެޓީމުން ރަސްކަން ކުރީ އެ ކުޅުންތެރިންނާއެކުގައެވެ. އޭގެ ފަހުން ދުނިޔޭގެ ލެވެލްއަށް ލަ މަސީއާގެ ތަފާތު ޕްރޮޑަކްޓެއް އައިސްފައިނުވާ އިރު، ބާސާއަށް އޭގެ އަސަރު ފައިނޭންޝިއަލީ ދަނީ ކުރަމުންނެވެ.

ހާއްސަކޮށް ބޮޑެތި އަގުތަކުގައި ކްލަބަށް ކުޅުންތެރިން ގެނެސްގެން ނޫނީ އެޓީމަށްވެސް މިހާރު ޔޫރަޕްގައި ވާދަކޮށްލުންވެފައި އޮތީ އުނދަގޫ ކަމަކަށެވެ.

ލަ މަސިއާއިން ބާސާއަށް ގެނެސްދިން ގިނަ ކުޅުންތެރިންތަކެއް، މިހާރު ކެރިއަރު ނިންމުމާ ގާތްވެފައިވާ އިރު، ބާސާއަށް ކުރިމަތީގައި އޮތީ އެ ކުޅުންތެރިންގެ ބަދަލު ހޯދުމެވެ. އިނިއެސްޓާއާއި ޒަވީ، މިހާރު ކްލަބު ދޫކޮށްލާފައިވާ އިރު، އެ ދެކުޅުންތެރިން ފޫބެއްދުމަށްވެސް، ސީދާ ބާސާގެ ޕްރޮޑަކްޓެއް ނެރުމަށް ވަނީ އުނދަގޫވެފައެވެ.

އެހެން ނަމަވެސް، ދާދިފަހުން ބާސާއިން ކޮޕާ ޑެލްރޭގައި ކުޅުނު މެޗުގައި، ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ދަނޑު މައްޗަށް ނުކުތް ރިގޭ ޕިއުގާއެކު ސަޕޯޓަރުންނަށް އުންމީދު އާކޮށްދީފިއެވެ. ދެވަނަ އިނިއެސްޓާއެއްގެ ހުނަރު ދަނޑުމަތިން ދައްކުވާލައިފިއެވެ.

އުމުރުން 19 އަހަރުގެ ޕިއުގާއަކީ ސީދާ ލަ މަސިއާގެ ޕްރޮޑަކްޓެކެވެ. ބާސާއަށް އޭނާ ކުޅެދިން ފުރަތަމަ މެޗަކީވެސް ކޮޕާ ޑެލްރޭގައި ބާސާއިން އެންމެފަހުން ކުޅުނު މެޗެވެ. މެޗުގައި ޕިއުގާ އެސިސްޓް ހެދި އިރު، ދަނޑުމަތިން ފައިބައިގެން ދިޔައީ މެޗުގައި އެންމެ ގިނައިން އިދިކޮޅު ޓީމުން ފައުލް ކޮށްފައިވާ ކުޅުންތެރިޔާގެ ގޮތުގައެވެ.

ޒުވާން ޓީމުގައި ފަރިތަކުރަމުންދަނިކޮށް ބާސާގެ ކޯޗުގެ ލޮލިގައި އަޅައިގަނެ، ޕިއުގާއަށް ސީނިއާ ޓީމާއެކު ފަރިތަކުރަން ޗާންސް ދިނެވެ. ފަރިތަކުރުމަށް ދިޔަ ފުރަތަމަ ދުވަހުވެސް މެސީއާއި ލުއިޒް ޝުއަރޭޒް ފަދަ ކުޅުންތެރިން ހައިރާން ކޮށްލި ކަމަށް މީޑިއާތައް ބުނެފައިވާ އިރު، އޭނާގެ ފުރުތަމަ މެޗާ ގުޅިގެން ކޯޗު އާނަސްޓޯ ވަލްވާޑޭވެސް ބުނީ، އެއީ ބާސާގެ މުސްތަގުބަލް ކަމަށެވެ.

ޕިއުގާ ބުނެފައި ވަނީ އޭނާގެ ހުވަފެނީ ކްލަބު، ބާސާގެ ދަނޑުގައި މެޗެއް ކުޅުމަކީ ހަޔާތުގައި ލިބުނު އެންމެ ބޮޑު އުފާ ކަމަށާއި، މެޗަށް އެރި އިރު، ތުރުތުރު ޖަހާ ކަމަށެވެ.

އިސްކޮޅުންވެސް އިނިއެސްޓާއާ އެއްވަރު ޕިއުގާއަށްވެސް ދިމާވާ ދައްޗަކީ ފިޒިކަލް ނެތުމުގެ މައްސަލައެވެ. އެހެން ނަމަވެސް ލަ މަސިއާގެ ތެރެއިން އަންނަ ޓެކްނިކަލީ މޮޅެތި ކުޅުންތެރިންނަށް ފިޒިކަލްއާ ނުލާވެސް އެކަން ވާކަން ސާބިތުކޮށްފައިވެއެވެ. ހާއްސަކޮށް އިނިއެސްޓާ ފަދަ ކުޅުންތެރިންގެ ހުނަރުން އެކަން ޔަގީންވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބާސާ

    އަސްލުވެސް އޮބިނޯވޭ ބާސާ