ފީފާ ކައުންސިލް އިންތިހާބުގައި ވާދަކުރުމަށް އެފްއޭއެމްގައި ކުރިން މަސައްކަތް ކުރުމުގެ އިތުރުން ރާއްޖޭގެ އަންހެން ފުޓުބޯޅަ ތަރައްގީ ކުރުމަށް ގިނަ ހިދުމަތްތަކެއް ކޮށްދީފައިވާ މާޔަން މުހައްމަދުގެ ނަން އެފްއޭއެމްއިން ހުށަހަޅައިފިއެވެ.

މާޔަންގެ ނަން ފީފާ ކައުސިލަށް ހުށަހަޅާފައި ވަނީ 37 މެމްބަރުގެ ފީފާ ކައުސިލުން އޭޝިއާއަށް ލިބޭ ހަތް ޖާގައިގެ ތެރޭގައި ހިމެނޭ އަންހެން މެމްބަރުގެ ގޮތުގައެވެ.

ހަތަރު އަހަރުގެ ދައުރަކަށް ފީފާގެ ކައުސިލް އިންތިހާބުކުރެވޭ އިރު، އެއީ ދުނިޔޭގެ ފުޓުބޯޅައިގެ އެންމެ މަތީ ކައުންސިލެވެ. ފީފާގެ ބޮޑެތި ނިންމުންތައް އެ ކައުސިލް މެދުވެރިކޮށް ނިންމާ އިރު، އެ ކައުސިލްގެ ޗެއާމަނަކީ އަބަދުވެސް ފީފާގެ ރައީސެވެ. މި ދައުރުގެ ކައުސިލްގެ ޗެއާ ކުރާނީ ފީފާގެ މިހާރު ރައީސް، ޖިއާނީ އިންފެންޓީނޯއެވެ.

ގައުމީ އަންހެން ޓީމަށްވެސް ކުޅުނު މާޔަން ވަނީ އެފްއޭއެމްގެ ވިމަންސް ފުޓުބޯޅަ ޑިވަލޮޕްމަންޓް އޮފިސަރެއްގެ ގޮތުގައިވެސް މަސައްކަތް ކޮށްފައެވެ. އަދި އޭއެފްސީ ވިމަންސް ނޭޝަނަލް ޓީމު ކޮމިޓީއަށްވެސް މާޔަން ވަނީ 2014 ވަނަ އަހަރު އިންތިހާބުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ށަނަރަ

    ރައީސް އިބޫގެ ކޮއްކޮއެއް

  2. ސަޅި

    އިބޫ ކޮއްކޮއަކަސް ވަރިހަމަ. މާޔަންއަކީ ދިވެހި އަންހެން ފުޓުބޯޅައިގެ އެއް މޭސްތިރި. މީތި ރަނގަޅު. ހެސްކިޔާފަ ކޮރަޕްޓް މީހުން ލޯ އަޅާތަނެއްމީ. މާޔަން އަކީ ހިތްތިރި މީހެއް. އެހެންވީމަ އަހަންނަށް މީތި ސަޅި.