ފްރާންސްގެ ސްޓޭޑް ފްރާންސް ކައިސް ރަގްބީ ޓީމުގެ ޒުވާން ކުޅުންތެރިޔާ، ނިކޮލަސް ޗައުވީންގެ ހަނދާން އާކުރުމަށް ޔޫރަޕްގެ ބޮޑެތި ރަގްބީ ލީގުތަކުގެ ހުރިހާ ކްލަބުތަކުންވެސް މި ހަފްތާގައި ކުޅޭ މެޗުތައް ފެށުމުގެ ކުރިން މިނެޓެއްގެ ސްކޫތެއް ގެނައުމަށް ނިންމައިފިއެވެ.

އުމުރުން 18 އަހަރުގެ ޗައުވީން މަރުވެފައި ވަނީ ދަނޑުމަތީގައި ލިބުނު އަނިޔާއެއްގައި ކަރު ބިންދައިގެން ގޮސްގެންނެވެ. ބޯޑޯއާ ދެކޮޅަށް އާދީއްތަ ދުވަހު ކުޅުނު މެޗުގައި ޗައުވީންގެ ކަރު ބިންދައިގެން ގޮސް، ހޮސްޕިޓަލަށް ގެންދިޔުމާއެކު ޑޮކްޓަރުން ވަނީ ވަގުތުން ސާޖަރީވެސް ހަދާފައެވެ.

ސާޖަރީއަށްފަހު ފަރުވާ ދެމުން ދަނިކޮށް، ޗައުވީން މަރުވެފައި ވަނީ ބުދަ ދުވަހުއެވެ.

ޔޫރަޕިއަން ޕްރޮފެޝަނަލް ކްލަބު ރަގްބީން ބުނެފައި ވަނީ ޗެމްޕިއަންސް ކަޕް، ޗެލެންޖު ކަޕްގެ އިތުރުން ކޮންޓިނެންޓަލް ޝީލްޑް މެޗުތަކުގައިވެސް ކުޅޭ ހުރިހާ މެޗެއްގައި ހަމަ ހިމޭން ކަމުގެ ސުކޫތެއް ގެންނަން ނިންމާފައިވާ ކަމަށެވެ. ޗައުވީންގެ މަރާ ގުޅިގެން ސްޓޭޑް ފްރާންސްއިން ވަނީ އެންމެފަހުން އެޓީމު ކުޅުނު ރަގްބީ މެޗުގެ ޓިކެޓް، ހުރިހާ ސަޕޯޓަރުންނަށް ހިލޭ ކޮށްދީފައެވެ.

ޗައުވީން އަކީ ރަގްބީގައި ލިބުނު އަނިޔާތަކުގެ ސަބަބުން މިއަހަރު މަރުވި ދެވަނަ ކުޅުންތެރިޔާއެވެ. އެގޮތުން މިދިޔަ އޯގަސްޓް މަހުގައި ސްޓޭޓް އޮރިލާކޯސްގެ 21 އަހަރުގެ ކުޅުންތެރިޔަކު ވަނީ މަރުވެފައެވެ. އެ ކުޅުންތެރިޔާ މަރުވީ ދަނޑުމަތީގައި ލިބުނު އަނިޔާއަށް ފަރުވާ ދިނުމަށް ޑްރެސިން ރޫމަށް ވެއްދިފަހުންނެވެ.

ކިޔުންތެރިންގެ ހިޔާލު