އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ސިޓީން އެވަޓަންއާ ދެކޮޅަށް ކުޅުނު މެޗު، 3-1ގެ ނަތީޖާއަކުން ކާމިޔާބުކޮށްފިއެވެ.

މިރޭގެ މެޗުން މޮޅުވެ، ސިޓީ ވަނީ އަނެއްކާވެސް ލީގު ތާވަލުގެ އެއްވަނައަށް ޖެހިލައިފައެވެ. މިދިޔަ ހަފްތާގައި އެޓީމުން ޗެލްސީއާ ދެކޮޅަށް ކުޅުނު މެޗުން ބަލިވެ، ލިވަޕޫލް ކުޅުނު މެޗުން އެޓީމު މޮޅުވުމާއެކު ލިވަޕޫލުން ތާވަލުގެ އެއްވަނައަށް ޖެހިލިއެވެ.

މިރޭގެ މެޗަށްފަހު ސިޓީއަށް ލިބެނީ 17 މެޗުން 44 ޕޮއިންޓެވެ. އެޓީމަށްވުރެ މެޗެއް މަދުން ކުޅެ، ލިވަޕޫލަށް ލިބެނީ 42 ޕޮއިންޓެވެ. މާދަމާރޭ މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗު ކާމިޔާބުކޮށްފިނަމަ، އަނެއްކާވެސް އެއްވަނައަށް އަރާނެއެވެ.

މެޗުގެ ކުރީކޮޅުގައި އެވަޓަންއިން ނުރައްކާ ކުރި ނަމަވެސް، 22 ވަނަ މިނެޓުގައި ގެބްރިއަލް ޖީސަސް ވަނީ ސިޓީއަށް ލީޑު ނަގައިދީފައެވެ. އެއީ އޭނާ އޯގަސްޓް މަހަށްފަހު ޖެހި ފުރަތަމަ ގޯލެވެ. ޖީސަސްއަށް އެ ގޯލް ޖެހުމަށް ތަނަވަސްކޮށްދިނީ ރަނގަޅު ފޯމެއްގައި ކުޅެމުން އަންނަ ޖަރުމަނު ވިންގާ، ލެރޮއި ސާނޭއެވެ.

މެޗުގެ ކުރީކޮޅުގައި ލޫކަސް ޑީނިއާގެ ހުރަހަކުން އެވަޓަންގެ ރިޗާލްސަންއަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. އޭނާ ފޮނުވާލި ބޯޅަ ދިޔައީ މަތިން ބޭރަށެވެ.

ދެވަނަ ހާފްގެ ކުރީކޮޅުގައި، މެޗުގެ 50 ވަނަ މިނެޓުގައި އަނެއްކާވެސް ސާނޭއާއި ޖީސަސްގެ ކޮމްބިނޭޝަން ފެނިގެންދިޔައެވެ. ސާނޭގެ ހުރަސް، ބޮލުން ގޯލަށް ވައްދާލާ ޖީސަސް އޭނާގެ ދެވަނަ ގޯލް ކާމިޔާބުކުރިއެވެ.

މެޗުގެ 65 ވަނަ މިނެޓުގައި އެވަޓަންގެ ކެލްވާޓް ލެވިން ގޯލެއް ޖެހި ނަމަވެސް، ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ސިޓީން ނެރުނު ރަހީމް ސްޓާލިން ވަނީ އޭނާގެ ޓީމަށް އަނެއްކާވެސް ދެ ގޯލްގެ ލީޑެއް ނަގައިދީފައެވެ.

ފެނާންޑީނިއޯ މެދުން ދުއްވާލި ބޯޅައަށް ދުވެ، ސްޓާލިން ގޯލް ޖެހީ ބޯޅަ އެއްފަހަރާ ގޯލް ތެރެއަށް ވައްދާލައިގެންނެވެ. މިރޭގެ މެޗުގައި ސިޓީގެ މިޑްފީލްޑަރު ކެވިން ޑިބްރޭނާ ފެނިގެން ގޮސްފައިވާ އިރު، މިރޭގެ މެޗަކީ ނޮވެންބަރު އެއްވަނަ ދުވަހަށްފަހު އޭނާ ކުޅުނު ފުރަތަމަ މެޗެވެ. ގިނަ ދުވަސްތަކެއް ކުޅުމާ ދުރުގައި ހޭދަކުރީ ކަކުލަށް ލިބުނު އަނިޔާގައެވެ.

ކިޔުންތެރިންގެ ހިޔާލު