ބާސެލޯނާގެ ތަރި، ލިއޮނަލް މެސީ ރިޓަޔާކުރުމުގެ ކުރިން، ޕްރި ސީޒަންގައި އެޓީމު އިންޑިއާއަށް ގެންދެވޭނެ ކަމުގެ ބޮޑު އުންމީދެއް އެބައޮތް ކަމަށް ބާސާގެ އޭސިއާ ޕެސިފިކް ޑިރެކްޓާ ޖެނެރަލް ޖޯޑީ ކޭމްޕްސް ބުނެފިއެވެ.

މިދިޔަ ހޫނު މޫސުމުގައި ލަލީގާގެ ކްލަބެއް ކަމަށްވާ ގިރޯނާއިން އިންޑިއާގެ ކޮޗިންގައި އެކުވެރިކަމުގެ މެޗެއް ކުޅެފައިވާ އިރު، ޖޯޑީ ބުނެފައި ވަނީ ވަރަށް އަވަސް މުސްތަގުބަލެއްގައި އިންޑިއާގެ ކުޅުންތެރިޔަކު ލަލީގާއިން ފެނުން ގާތް ކަމަށެވެ.

އިންޑިއާއަށް ބާސާ ގެންދިޔުމާ މެދު ޖޯޑީ ބުނީ އެގައުމަކީ މިހާރު އޭޝިއާގެ އެންމެ ވަރުގަދަ އެއް ކުޅުންތެރިންގެ މާކެޓް ކަމަށާއި، ހޮންކޮންގާއި އިންޑިއާ ފަދަ ގައުމުތަކަށް ޕްރި ސީޒަންގައި ދިޔުމަށް ބާސާއިން ވަރަށް ބޮޑަށް ވިސްނުން ގެންގުޅޭ ކަމަށެވެ.

ޖޯޑީ އިތުރަށް ބުނީ އެގައުމަށް މިހާރުވެސް ފުޓުބޯޅައިގެ ތަރިން ގެނެވޭ ކަމަށާއި، ބާސާ ގެންދާނެ ވަކި އަހަރެއް ބުނަން ދަތި ކަމަށެވެ. އެހެން ނަމަވެސް ބާސާގެ ތަރި، ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ފަސް ފަހަރު ހޯދާފައިވާ މެސީ ރިޓަޔާ ކުރުމުގެ ކުރިން އެކަން ކުރުމަށް ވިސްނާ ކަމަށްވެސް ޖޯޑީ ފާހަގަކުރިއެވެ.

ބާސެލޯނާގެ ލެޖެންޑުންގެ ޓީމެއް، މިދިޔަ ސެޕްޓެންބަރު މަހު އިންޑިއާގެ ކޮލްކަތާއަށް ގޮސްފައިވާ އިރު، އެ ޓީމުން ވަނީ މޯހަން ބަގާންގެ ލެޖެންޑުންގެ ޓީމަކާ އެކުވެރިކަމުގެ މެޗެއްވެސް ކުޅެފައެވެ.

އިންޑިއާގެ ފުޓުބޯޅައާއި ލަލީގާ ގުޅުވުމަށް އެގައުމުން ބޮޑެތި މަސައްކަތްތަކެއް ކުރަމުންދާ އިރު، ސްޕެއިންގެ ޓޮޕް ޑިވިޝަންތަކުގެ 18 ކްލަބެއްގެ އޮފިޝަލުން ވަނީ މިދިޔަ އަހަރުވެސް އިންޑިއާގެ ފުޓުބޯޅައިގެ ޓީމަކާ ބައްދަލުކޮށްފައެވެ. އެ ބައްދަލުވުންތަކުގައި ސްޕެއިންގެ ކުޅުންތެރިން އިންޑިއާގައި ކުޅުވުމަށާއި، އިންޑިއާގެ ކުޅުންތެރިންނަށް ސްޕެއިންގެ އެކަޑެމީތަކުން ފުރުސަތު ހޯދައިދިނުމާ ގުޅޭ ވާހަކަތައް ދެކެވިފައިވެއެވެ.

އޭގެ އިތުރުންވެސް ކްލަބުތަކުން ޕްރި ސީޒަންގައި އިންޑިއާއަށް ގެންދިޔުމަށްވެސް އެ ބައްދަލުވުންތައް ބާރު އަޅާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު