2022 ވަނަ އަހަރު ގަތަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕްގެ ފައިނަލް، އަދި ހުޅުވާ މެޗުވެސް ކުޅޭނެ ލުސައިލް ސްޓޭޑިއަމްގެ ޑިޒައިން މިއަދު ދައްކާލައިފިއެވެ.

ޖުމްލަ 80،000 މީހުންގެ ޖާގަ ލިބޭ އެ ސްޓޭޑިއަމް ގަތަރުގައި 2022 ވަނަ އަހަރު އޮންނަ ވޯލްޑް ކަޕްގައި ބޭނުންކުރާނެ އެންމެ ބޮޑު ސްޓޭޑިއަމްއެވެ. ސްޓޭޑިއަމް ބިނާ ކުރުމަށް ނިންމާފައި ވަނީ ގަތަރުގެ ވެރިރަށް ދޯހާއާ 15 ކިލޯމީޓަރު ދުރުގައެވެ.

ގަތަރުގައި ބާއްވާ ވޯލްޑް ކަޕް ވެގެންދާނީ އަރަބި ފަސްގަނޑުގައި ބާއްވާ ފުރަތަމަ ވޯލްޑް ކަޕަށެވެ. ގަތަރުގެ ފިނިހޫނުމިނަށް ބަލައި، ފީފާއިން ވަނީ އެ ވޯލްޑް ކަޕަކީ ފިނި މޫސުމުގެ ވޯލްޑް ކަޕަކަށްވެސް ބަދަލުކޮށްފައެވެ. އެގޮތުން ވޯލްޑް ކަޕް އޮންނާނީ 2022 ވަނަ އަހަރު ނޮވެންބަރު މަހުގައެވެ.

"އަށް އަހަރު ވެއްޖެ ވޯލްޑް ކަޕްގެ ބޮޑު ކާމިޔާބުވީ ފަހުން. އެ ދުވަހުން ފެށިގެންވެސް މި ބުނަނީ ފެންނާނީ ތަފާތު ކަންތައްތަކެއް ކަމަށް. މިއަދު މި ދައްކާލެވުނު ތަފާތު ޑިޒައިނާއެކު، އެ އަމާޒަށް ޑެލިވާ ކޮށްދެވޭކަމަށް ގަބޫލުކުރަން،" ވޯލްޑް ކަޕްގެ ކަންތައްތައް އިންތިޒާމް ކުރުމަށް އެންމެ އިސްކޮށް މަސައްކަތް ކުރާ ފަރާތްތަކުގެ ޖެނެރަލް ސެކްރެޓަރީ ހަސަން އަލް ތަވާދީ ބުންޏެވެ.

ތަވާދީ ބުނެފައި ވަނީ ލުސައިލް ސްޓޭޑިއަމްއަކީ އެގައުމުގެ މުސްތަގުބަލާ ގުޅިފައިވާ ސަރަހައްދެއްގައި ބިނާ ކުރެވޭނެ ސްޓޭޑިއަމްއެއް ކަމަށާއި، އެ ސްޓޭޑިއަމްއަކީ ސިޓީގެ ހިތް ކަމަށެވެ. އަދި ވޯލްޑް ކަޕަށްފަހު ސްޓޭޑިއަމް ބޭނުންކުރާނީ މަލްޓިޕާޕޯސް ކޮމިއުނިޓީ ލެބެއްގެ ގޮތުގައި ކަމަށްވެސް ތަވާދީ ބުންޏެވެ.

ގަތަރުގެ ވޯލްޑް ކަޕަށް އިމާރާތް ކުރާ ސްޓޭޑިއަމްތަކުގެ މަސައްކަތު ގެންގުޅޭ، ބިދޭސީންނާ މެދު ކުންފުނިތަކުން ކަންތައް ކުރާ ގޮތާ މެދު އެމްނެސްޓީންވެސް ކަންބޮޑު ފާޅުކޮށްފައިވެއެވެ.