ފީފާ ކްލަބު ވޯލްޑް ކަޕްގެ ސެމީ ފައިނަލްގައި، އެންމެފަހުގެ ޔޫރަޕިއަން ޗެމްޕިއަން ރެއާލް މެޑްރިޑާ ދެކޮޅަށް ނުކުންނާނެ ޓީމަކަށް އޭޝިއާގެ ޗެމްޕިއަން ކަޝިމާ އެންޓްލާސް ވެއްޖެއެވެ.

ފީފާ ކްލަބު ވޯލްޑް ކަޕްގައި ވާދަކުރާ ޔޫރަޕްގެ ޓީމު އަބަދުވެސް ސެމީ ފައިނަލާ ހަމައިން ވާދަކުރާ އިރު، ކަށިމާ ސެމީއަށް ދަތުރުކުރީ މެކްސިކޯގެ ސީޑީ ގުއަޑަލަރާޖާ، 3-2ގެ ނަތީޖާއަކުން ބަލިކޮށްގެންނެވެ.

ޔުނައިޓެޑް އަރަބް އެމިރޭޓްސްގައި ކުރިއަށްދާ ކްލަބު ވޯލްޑް ކަޕްގައި ކަށިމާއާއި ގުއަލަރާޖާ ކުޅުނު މެޗުގެ ކުރީކޮޅުގައި އެންހޭލް ޒަލްޑީވާގެ ގޯލުން ގުއަޑަލަރާޖާ ލީޑު ނެގިއެވެ. އެހެން ނަމަވެސް ޔޯޓާ ނަގާކީ ވަނީ ކަށިމާއަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.

މެޗުގެ 69 ވަނަ މިނެޓުގައި ސާޖީނިއޯ ޖެހި ޕެނެލްޓީއާއެކު ކަށިމާއި ލީޑު ނެގި އިރު، އޭގެ އިރުކޮޅެއްފަހުން ހިރޯކީ އޭބް ޖެހި ގޯލުން ކަށިމާ ލީޑު ފުޅާވެސް ކުރިއެވެ.

ގުއަޑަލަރާޖާގެ ފަހު ގޯލަކީ ކަށިމާ ކުޅުންތެރިއެއްގެ ގައިގައި ޖެހި، ބައިކޮޅަށް ވަން ގޯލެކެވެ.

ރެއާލްއާއި ކަށިމާ ކުޅޭ މެޗު އަންނަ ބުދަ ދުވަހު އޮންނަ އިރު، ސެމީ ފައިނަލް ދެވަނަ މެޗުގައި ވާދަކުރާނީ މުބާރާތް ބާއްވާ ގައުމުގެ އަލް އައިންއާއި ކޮޕާ ލިބާޓަޑޯސްގެ ޗެމްޕިއަން ރިވާ ޕްލޭޓެވެ.

ފީފާ ކްލަބު ވޯލްޑް ކަޕަކީ ކޮންމެ ބައްރެއްގެވެސް ޗެމްޕިއަން ޓީމުތަކުގެ އިތުރުން މުބާރާތް ބާއްވާ ގައުމުގެއްގެ ޗެމްޕިއަން ޓީމު ވާދަކުރާ ކްލަބު މުބާރާތެކެވެ.

ލީގުގައި ރެއާލް ދަށް ފޯމެއްގައި އޮތް ނަމަވެސް، ރޭ ރެއާލް ވަލަކާނޯއާ ދެކޮޅަށް އެޓީމުން ކުޅުނު މެޗުން ވަނީ މޮޅުވެފައެވެ. 1-0ގެ ނަތީޖާއަކުން އެ މެޗުން މޮޅުވި އިރު، ގޯލް ޖެހީ ބެންޒެމާއެވެ.

ކިޔުންތެރިންގެ ހިޔާލު