ޖަރުމަނު ލީގުގެ ކްލަބެއް ކަމަށްވާ ސްޓަޓްގާޓްގެ ކެޕްޓަން، ކްރިސްޓިއަން ގެންޓްނާގެ ބައްޕަ، ހާބާޓް ގެންޓްނާ ކުއްލި ގޮތަކަށް މަރުވެއްޖެއެވެ.

ބީބީސީން ބުނެފައި ވަނީ އިއްޔެ ސްޓަޓްގާޓުން ހާތާ ބާލިންނާ ދެކޮޅަށް ކުޅުނު މެޗު ބެލުމަށް ގެންޓްނާގެ ބައްޕަ ސްޓޭޑިއަމްއަށް ގޮސް އިންދާ މަރުވީ ކުއްލި އަކަށް ކަމަށެވެ. އަދި އިއްޔެގެ މެޗުން ސްޓަޓްގާޓް 2-1ގެ ނަތީޖާއަކުން މޮޅުވި އިރު، ކެޕްޓަންގެ ބައްޕަ މަރުވި ހަބަރު އޭނާއަށް ލިބުނީ މެޗު ނިމުނު ފަހުން ކަމަށްވެސް ސްޓަޓްގާޓުން ބުނެފައިވެއެވެ.

ކެޕްޓަން ގެންޓްނާގެ ބައްޕަ މަރުވުމާ ގުޅިގެން ކްލަބުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ކެޕްޓަނަށް އުނދަގޫ ދަނޑިވަޅުގައި ކްލަބުގެ ހުރިހާ މެމްބަރުންނާއި ސަޕޯޓަރުންވެސް އޭނާގެ ހިތާމައިގައި ބައިވެރިވާ ކަމަށެވެ. އަދި އެ ކްލަބުގެ ކެޕްޓަނެއްގެ ހައިސިއްޔަތުން ގެންޓްނާ ކުރާ މަސައްކަތަށް އަބަދުވެސް ފަހުރުވެރިވާ ކަމަށްވެސް ކްލަބުން ބުނެފައިވެއެވެ.

ގެންޓްނާގެ ބައްޕަ މަރުވުމާ ގުޅިގެން ހާތާ ބާލިންއިންވެސް ވަނީ ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި ބުނެފައި ވަނީ ކްލަބުގެ ހުރިހާ އެންމެވެސް ތިބީ ސްޓަޓްގާޓްގެ ކެޕްޓަން ގެންޓްނާއާއި އޭނާގެ އާއިލާއާ އެކުގައި ކަމަށެވެ. އޭނާގެ ހިތާމައިގައި ހާތާ ބާލިންއިން ފުރިހަމައަށް ބައިވެރިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު