އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލުން ބަލިނުވެ، ދަމަހައްޓަމުން އައި ރެކޯޑު ނިމުމަކަށް އައި އިރު، ޗެލްސީން ބްރައިޓަން ބަލިކޮށްފިއެވެ.

މިރޭ ސައުތުހެމްޓަންއާ ދެކޮޅަށް އާސެނަލް ކުޅުނު މެޗުން އެޓީމު ބަލިވީ 3-2ގެ ނަތީޖާއަކުންނެވެ.

މިރޭގެ މެޗަށް އާސެނަލް ނުކުތީ 22 މެޗު ބަލިނުވެ ހަމަކޮށް، އެންމެ ރަނގަޅު ފޯމުގައެވެ. އެހެން ނަމަވެސް، ސައުތުހެމްޓަންއަށްވެސް މިރޭގެ މެޗު ހާއްސަވިއެވެ. އެޓީމާ އަލަށް ހަވާލުވި ރަލްފް ހަސަލްހަޓްލްއަށް މިރޭގެ މެޗަކީ ފުރަތަމަ ހޯމް މެޗެވެ.

ގޯލަކަށްފަހު ގޯލެއް ފެނިގެންދިޔަ މިރޭގެ މެޗުގައި ފުރަތަމަ ލީޑު ނެގީވެސް ސައުތުހޭމްޓަންއިންނެވެ. ޑެނީ އިންގްސް ގޯލާއެކު ލީޑު ނަގައިގެން ދަނިކޮށް، ހެންރިކް މިކިތާރިއަން ވަނީ އާސެނަލްއަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.

ހާފް ނިމެން ދަނިކޮށް އަނެއްކާވެސް ޑެނީ އިންގްސް ގޯލެއް ފެނިގެންދިޔައެވެ. އަރިމަތިން އައި ހުރަސް، އޭނާ ބޮލުން ގޯލަށް ވައްދާލީ އާސެނަލްގެ ސެންޓަ ބެކް ކޮޝިއެލްނީ ކައިރިން އަރައެވެ.

އާސެނަލުން ދެވަނަ ހާފަށް ނުކުތީ އެޓޭކިން ބަދަލަކާ އެކުގައެވެ. ލަކަޒެޓާއެކު ނުކުމެ ހަމަލާތައް ވަރުގަދަ ކުރި އިރު، 53 ވަނަ މިނެޓުގައި މިކިތާރިއަން އަނެއްކާވެސް އާސެނަލަށް ނަތީޖާ ހަމަހަމަ ކޮށްދިނެވެ. އޭނާ އޭރިއާ ބޭރުން ފޮނުވާލި ބޯޅަ ގޯލަށް ވަނީީ ޑިފެންޑަރު ފައިގައި ޖެހި މިސްރާބު ބަދަލުވެގެންނެވެ.

ސައުތުހެމްޓަނުން އާސެނަލްގެ އުންމީދުތައް ފުނޑުފުނޑު ކޮށްލީ މެޗުގެ 85 ވަނަ މިނެޓުގައެވެ. ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނުކުތް ޗާލީ އޯސްޓަން ގޯލް ޖެހީ، އާސެނަލް ގޯލްކީޕަރު ލެނޯގެ ގޯހެއްގެ ބޭނުން ހިފައިގެންނެވެ.

އާސެނަލުން ސައުތުހޭމްޓަން އަތްދަށުވި އިރު، ޗެލްސީން ވަނީ ބްރައިޓަން ކައިރިން އަތުން މޮޅުވެފައެވެ. މިރޭގެ މެޗުގައި އެޓީމުގެ ތަރިއަކީ އެޑިން ހަޒާޑެވެ. އޭނާ ވަނީ ގޯލެއް ޖަހައި، ދެވަނަ ގޯލަކަށް ފުރުސަތު ތަނަވަސްކޮށްދީފައެވެ.

މެޗުގެ ކުރީކޮޅުގައި ހަޒާޑް ތިރިތިރިން ނަގައިދިން ރީތި ހުރަހަކުން ޕެޑްރޯ ޗެލްސީއަށް ލީޑު ނަގައިދިނެވެ. އަދި ހާފް ނިމުމުގެ ކުރިން ޗެލްސީން ލީޑު ފުޅާވެސް ކުރިއެވެ. މެދުތެރެއިން ވިލިއަން ދުއްވާލި ބޯޅައާއެކު، ބްރައިޓަންގެ ދެ ޑިފެންޑަރުންވެސް ބީޓް ކޮށްލާފަ ހަޒާޑް ފޮނުވާލި ބޯޅައަށް ބްރައިޓަން ގޯލްކީޕަރަށް ކުރެވޭނެ އެއްވެސް ކަމެއް ނެތެވެ.

ދެވަނަ ހާފްގައި ބްރައިޓަންގެ މާޗު ގޯލެއް ޖަހައި، އެޓީމަށް ހިތްވަރު އާކޮށްދިން ނަމަވެސް، ޗެލްސީން ވަނީ ތިން ޕޮއިންޓް ނަގައިފައެވެ.

އެންމެފަހުން ކުޅުން އަވޭ މެޗުތަކުގައި ޗެލްސީގެ ނަތީޖާތައް އެންމެ ރަނގަޅު ނޫން ނަމަވެސް، މިރޭގެ މޮޅާއެކު އެޓީމު ވަނީ ހަތަރު ވަނައިގައި ހަމަޖެހިލައިފައެވެ. ތިންވަނައިގައި އޮތް ޓޮޓެންހަމްއާ ދެ ޕޮއިންޓަށް ޗެލްސީ ގާތް ކުރި އިރު، ބްރައިޓަން އޮތީ 13 ވަނައިގައެވެ.

ކިޔުންތެރިންގެ ހިޔާލު