ލިވަޕޫލުން ވާދަވެރި މެންޗެސްޓާ ޔުނައިޓެޑް 3-1ގެ ނަތީޖާއަކުން ބަލިކޮށްފިއެވެ.

ލިވަޕޫލްގެ ދަނޑު، އެންފީލްޑްގައި މިރޭ ކުޅުނު މެޗުގައި ލިވަޕޫލްގެ ޒެރްދާން ޝެގީރީ ދެ ގޯލް ޖެހި އިރު، މެޗު އެންމެ ހާއްސަވީ ދިވެހި ؛ލިވަޕޫލް ސަޕޯޓަރުންނަށެވެ.

ރާއްޖޭގައި އުޅޭ ލިވަޕޫލް ސަޕޯޓަރުންގެ ވައިބާ ގްރޫޕް މެދުވެރިކޮށް،، ކުރީގެ ރައީސް އަލް އުސްތާޒު މައުމޫން އަބްދުލް ގައްޔޫމް މިރޭގެ މެޗަށް ބޮޑު ދައުވަތެއް ދެއްވިއެވެ. އަބަދެސް ލިވަޕޫލްގެ "ޑައި ހާޑް ފޭން"އެއްގެ ގޮތުގައި ފާހަގަކޮށްލެވޭ މައުމޫން، ހުރިހާ ސަޕޯޓަރުންނަށް ދައުވަތު ދެއްވީ އެމަނިކުފާނާއެކު މިރޭގެ މެޗު ސޯލްޓް ކެފޭގައި ބެލުމަށެވެ.

ގިނަ އަދަދެއްގެ ލިވަޕޫލް ސަޕޯޓަރުން، ކްލަބުގެ ޖާޒީގައި މިރޭގެ މެޗު ބެލުމަށް ސޯލްޓަށް ގޮސްފައިވާ އިރު، މެޗުގެ ނަތީޖާވެސް ނުކުތީ އެންމެ ހިތްހަމަ ޖެހޭނެ ގޮތަށެވެ.

މިރޭގެ މެޗުގެ 24 ވަނަ މިނެޓުގައި ފަބީނިއޯ ދިން ބޯޅައަކުން ސަޑިއޯ މާނޭ، ލިވަޕޫލަށް ގޯލް ހުޅުވާލަ ދިނެވެ. ލީގުގެ އެއްވަނައިގައި ލިވަޕޫލަށް ލިބިފައި އޮތް ލީޑު ދެމެހެއްޓުމަށް އެޓީމުން ކެތް މަދުވެފައި އޮތްކަން ފެނިގެންދިޔައެވެ.

މިރޭގެ މެޗުގެ ތެރެއިން ---

މިރޭގެ މެޗުން މޮޅުވެ ލިވަޕޫލް ވަނީ އަނެއްކާވެސް ތާވަލުގެ އެއްވަނައަށް ޖެހިލައިފައެވެ. ދެވަނައިގައި އޮތް ސިޓީއަށްވުރެ ޕޮއިންޓެއް އިތުރަށް ހޯދައިގެންނެވެ.

މާނޭގެ ގޯލަށް މާ ގިނައިރެއް ނުވެ، ލިވަޕޫލްގެ އިތުބާރު ގޯލްކީޕަރު އެލިސަން ބެކާގެ ގޯހެއްގެ ބޭނުން ހިފާ، ޔުނައިޓެޑުން ނަތީޖާ ހަމަހަމަ ކުރިއެވެ. ވާރޭ ތެރޭގައި މިރޭގެ މެޗު ކުޅެމުންދިޔަ އިރު، ލުކާކޫ ނަގައިދިން ހުރަސް، އެލިސަންގެ އަތު ތެރެއިން ކައްސާލައިގެން ގޮސް ފައިގައި ޖެހިފައި ވެއްޓުމުން، ބޯޅަ ގޯލަށް ވައްދާލީ ލިންގާޑެވެ.

މެޗުގެ ބޮޑު ބައިގައި ޔުނައިޓެޑުން ވަރުގަދައަށް ޑިފެންސް ކުރަމުންދިޔަ އިރު، އެޓޭކެއްގެ ބޭނުން ނުހިފި، ލިވަޕޫލް ދިޔައީ މާޔޫސް ވަމުންނެވެ. މެޗު ނިމެން 20 މިނެޓަށް ވެފައި ވަނިކޮށް، ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް، އޭނާގެ އެންމެފަހުގެ ހަތިޔާރު ބޭނުން ކުރިއެވެ.

ޝަގީރީ ދަނޑު މައްޗަށް ނެރުމާއެކު ތަފާތު ދެއްކިއެވެ. މެޗުގެ 73 އަދި 80 ވަނަ މިނެޓުގައި ޝަގީރީ ދެ ގޯލް ޖެހި އިރު، އޭނާގެ ދެ ގޯލުގައިވެސް ނަސީބު އެހީތެރިވިއެވެ. ފުރަތަމަ ގޯލް، ގޯލްގެ ކައިރީގައި ހުރި ޑިފެންޑަރެއްގެ ގައިގައި ޖެހުނު އިރު، ދެވަނަ ގޯލަށް ޝަގީރީ ޖެހި ބޯޅަވެސް ގޯލް ތެރެއަށް ވަނީ ޔުނައިޓެޑްގެ ޑިފެންޑަރު ބެއިލީ ފައިގައި ޖެހިފައެވެ.

މިރޭގެ މެޗުވެސް ޕޮގްބާއަށް ނިންމާލަން ޖެހުނީ ބެންޗުގައި އިނދެގެންނެވެ. މެޗުން ބަލިވެ، ޔުނައިޓެޑް ހަވަނައިގައި އޮތް އިރު، ވުލްވްސް ވަނީ އެޓީމާ ޕޮއިންޓެއް ގާތަށް ޖެހިލައިފައެވެ. މިރޭގެ ބަލި، ވެގެންދާނީ މޮރީނިއޯއަށް ބޮޑު ޕްރެޝަރަކަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މުހައްމަދު

    މުސްކުޅިފުޅުވީމާވެސް މިބޭފުޅާގެ ވިސްނުން މިހުންނަނީ ދުނިޔޭގެ އުފަލާ މަޖަލުގާ ރެއާދުވާލުގެ ހޭދަކޮށްލުން. މިއުމުރުގެ މީހުންގެފަރާތުން މިކަހަލަ ދުނިޔެވީ ހުތުރު އަމަލުތަކެއް ނުފެނޭ. މީނާއަދިވެސް މިއުޅެނީ ވެރިކަމުގެ ދަހިވެތިކަމުގާ. ލަދުން ބޯހަލާކު....
    މީނާޔަށް ކޮންމެވެސް ބަޔަކު ކައުންސިލިން ދީބަލަ.

  2. ވަރަށްފޫހިވޭ

    ސިޔާސީ ގޮތުން ކުޅިވަރުބަލަނީވެސް.ޒުވާނުންގެ ރުހުންހޯދަން ފުޓްބޯޅަ ބެލުންވެސް ސިޔާސީ. ތަންފުކެ ބޮޑުވަރުދޯތީ. މަރުމަތީގަވެސް ބަލާތި ސިޔާސީ ސްޓަންޓެ ޖައްސޭތޯ. ނުދޭނަން ވޯޓެ. ކިތައްމެވަރަކަށް ފުޓްބޯޅަކުޅުނަސް.