ޗައިނާގެ ހަންގޒޯގައި މިމަހު 11 އިން 17 އަށް ކުރިއަށްދާ ފީނާ ވޯލްޑް ސްވިމިން ޗެމްޕިއަންޝިޕްސް (ޝޯރޓް ކޯސް) ގައި، ގައުމީ ފަސް ރެކޯޑެއް އާކޮށްފިއެވެ.

އެ މުބާރާތުގައި 200 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓް 02:26.35 އިން އަދި 200 މީޓަރު ފްރީސްޓައިލް އިވެންޓް 02:09.57 އިން ފުރިހަމަކޮށް، މުބާލް އައްޒާމް އިބްރާހީމް ވަނީ 2017 ވަނަ އަހަރުގެ އޭޝިއަން އިންޑޯ އެންޑް މާޝަލް އާރޓްސް ގޭމްސްގައި އޭނާ ހަދާފައިވާ ޤައުމީ ދެ ރެކޯޑް އާކޮށްފައެވެ.

މީގެ އިތުރުން އަލީ އިމްއާން ވަނީ 100 މީޓަރު ބެކްސްޓްރޯކް އިވެންޓް 01:08.71 އިން އަދި 50 މީޓަރ ބެކްސްޓްރޯކް އިވެންޓް 00:31.16 އިން ފުރިހަމަކޮށް 2017 ވަނަ އަހަރު ފަސްވަނަ އޭޝިއަން އިންޑޯ އެންޑް މާޝަލް އާރޓްސް ގޭމްސްގައި އިމްއާން އައުކޮށްފައިވާ ރެކޯޑްތައް އަލުން އާކޮށްފައެވެ.

އަންހެން ފެތުންތެރިންގެ ތެރެއިން، އައިޝަތު ސައުސަން ވަނީ 2017 ވަނަ އަހަރު ފަސްވަނަ އޭޝިއަން އިންޑޯ އެންޑް މާޝަލް އާރޓްސް ގޭމްސްގައި އާމިނަތު ޝަޖަން އައުކޮށްފައިވާ 100 މީޓަ ބަޓަރފްލައި އިވެންޓްގެ ޤައުމީ ރެކޯރޑް އައުކޮށްފައެވެ. މި ރެކޯރޑް ސައުސަން އައުކޮށްފައިވަނީ 01:23.16 އިން ރޭސް ފުރިހަމަކޮށްގެންނެވެ.

މިހާރު ޗައިނާގައި ކުރިއަށްދާ މުބާރާތުގައި ދިވެހިރާއްޖެ ތަމްޞީލްކުރީ، މުބާލް ޢައްޒާމް އިބްރާޙީމް، ޢަލީ އިމްއާން، އައިޝަތު ސައުސަން އަދި، ހަމްނާ އަޙްމަދެވެ. ކޯޗް އަދި ޓީމް ލީޑަރު އެއްގޮތުގައި ޓީމާއި ޙަވާލުވެގެން ގޮސްފައިވަނީ ޤައުމީ ހެޑްކޯޗު، އިބްރާޙީމް މޫސާއެވެ.

ރާއްޖޭގެ ފެތުންތެރިންނަށް ދިމާވެފައިވާ އެންމެ ބޮޑު ދައްޗަކީ ފަރިތަކުރުމަށް އެކަށޭނެ އިންޑޯ ޕޫލެއް ނެތުމެވެ. އެ މައްސަލައަށް ހައްލު ހޯދުމަށް ސަރުކާރުން އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ރައީސް ސޯލިހްގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި އޮލިމްޕިކް ސްޓޭންޑާޑުގެ ޕޫލެއް ގާއިމް ކުރުން ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު