އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލިވަޕޫލާއި މެންޗެސްޓާ ޔުނައިޓެޑް ވާދަކުރި މެޗު، ލިވަޕޫލުން ކާމިޔާބުކުރީ 3-1ގެ ނަތީޖާއަކުންނެވެ.

ރޭގެ މެޗުން ބަލިވެ، ޔުނައިޓެޑަށް ގަދަ ހަތަރެއްގެ އުންމީދުވެސް ފަނޑުވެފައިވާ އިރު، މި ސީޒަން ފެށުނީއްސުރެ، އެޓީމުގެ ކޯޗު ހޯޒޭ މޮރީނިއޯއާ މެދު ސަޕޯޓަރުން ވަނީ ނުރުހުން ފާޅުކޮށްފައެވެ. ހާއްސަކޮށް، ރެކޯޑު އަދަދަކަށް ކްލަބަށް ގެނައި ފްރާންސްގެ މިޑްފީލްޑަރު ޕައުލް ޕޮގްބާއަށް ފުރުސަތު ނުދިނުމަކީ ސަޕޯޓަރުން މާޔޫސްވާ އެއް ސަބަބެވެ.

ލިވަޕޫލް އަތުން ރޭ ބަލިވި މެޗުގައިވެސް ޕޮގްބާ އެއްވެސް ގޮތަކަށް ފެނިފައި ނުވާ އިރު، އޭނާ ބެންޗު ކުރުމާ ގުޅޭގޮތުން ނޫސްވެރިޔަކު މޮރީނިއޯއަށް ކުރި ސުވާލަށް އޭނާ ދިނީ ވަޅޯ ޖަވާބެކެވެ.

" ޕޮގްބާ ފުރަތަމަ 11ގައި ހިމަނަން އެއްވެސް ވިސްނުމެއް ނުގެންގުޅެން. އަހަރެން ހިތްހަމަ ޖެހޭ މަޓިޗް، މާޓާ އަދި ހެރޭރާއާއެކު ކުޅެން. ލިންގާޑުވެސް މެދަށް ކުޅޭނެ،" ޕޮގްބާ ފުރަތަމަ 11އަށް ނާރުވާ ސަބަބާ ގުޅޭގޮތުން މޮރީނިއޯ ބުންޏެވެ.

މެންޗެސްޓާ ޔުނައިޓެޑްގެ ފަރިތަކުރުންތަކުގައިވެސް މޮރީނިއޯއާ ޕޮގްބާއާ ދެމެދު ދެބަސްވުންތަކެއް ހިނގާފައިވާކަން މީޑިއާތަކުން މީގެކުރިން ހާމަކޮށްފައިވާ އިރު، މޮރީނިއޯ ބުނެފައި ވަނީ ޕޮގްބާއަކީ ޓީމަށް ހުރި "ވައިރަސް"އެއް ކަމަށެވެ.

ޔުނައިޓެޑުން މި ސީޒަންގައި ދަށް ނަތީޖާތަކެއް ހޯދަމުންދާ އިރު، އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ ޓީމުގެ ފޯވަޑް ރޮމެލޫ ލުކާކޫގެ ދަށް ކުޅުމެވެ. ރޭގެ މެޗުގައިވެސް އޭނާއަށް މާބޮޑު ތަފާތެއް ދެއްކިފައިނުވި ނަމަވެސް، މޯރިނިއޯ ބުނީ ލުކާކޫގެ ކުޅުމާ މެދު ހިތްހަމަ ޖެހޭ ކަމަށެވެ.

 

ކިޔުންތެރިންގެ ހިޔާލު