ޗެމްޕިއަންސް ލީގުގައި ލިއޮނަލް މެސީ ޖެހި 100 ވަނަ ލަނޑާ އެކު ޗެލްސީ 0-3 އިން ބަލިކޮށް މުބާރާތުގެ ކުއާޓާ ފައިނަލުން ބާސެލޯނާ ޖާގަ ހޯދައިފި އެވެ.

ބާސާ ކުއާޓާ އަށް ދަތުރުކުރީ ދެ ލެގުގެ އެގްރިގޭޓުން 1-4 އިން ކުރި ހޯދައިގެންނެވެ. މި ދެ ޓީމު ބައްދަލުކުރި ފުރަތަމަ ލެގުގެ މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.

ބާސާގެ ދަނޑުގައި މިރޭ ކުޅުނު މި މެޗުގެ ތިންވަނަ މިނެޓްގައި ސުއަރޭޒް ދިން ޕާހަކުން މެސީ ވަނީ އެޓީމަށް ލީޑު ނަގާދީފައެވެ. މެސީ މި ގޯލު ކާމިޔާބުކުރީ ޗެލްސީގެ ޕެނަލްޓީއޭރިއާ ތެރެއަށް ވަދެ ފޮނުވާލި ހަމަލާއަކުންނެވެ. އަދި ބާސާ އިން އުފެއްދި ކައުންޓަ އެޓޭކެއްގައި މެސީ ދިން ޕާހަކުން މެޗުގެ 20 ވަނަ މިނެޓްގައި ޑެމްބެލޭ ވަނީ އެޓީމުގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ.

ފުރަތަމަ ހާފް ނިމުމުގެ ކުރިން ގޯލްޖަހާނެ ރަނގަޅު ދެ ތިން ފުރުސަތެއް ޗެލްސީން ވެސް ވަނީ ތަނަވަސްކޮށްފައެވެ. އެގޮތުން އޮލޮންސޯ ފޮނުވާލި ހިލޭޖެހުމެއް ބާސާގެ ގޯލުގެ ހުރަސް ދަނޑި އަށް އަމާޒުވިއިރު އޭނާ ފޮނުވާލި އިތުރު ހަމަލާއެއް ބާސާގެ ކީޕަރު ސްޓޭގަން ވަނީ ދިފާއުކޮށްފައެވެ.

ދެ ގޯލުގެ ލީޑަކާ އެކު ފުރަތަމަ ހާފް ބާސާ އިން ނިންމާލިއިރު ދެވަނަ ހާފްގެ ކުރީކޮޅު ޗެލްސީން ރަނގަޅަށް ކުޅެ ބާސާގެ ގޯލަށް ނުރައްކާ ކުރުމަށް ވެސް މަސައްކަތް ކުރިއެވެ. ނަމަވެސް ބާސާގެ ޑިފެންޑަރުން ވަނީ ޗެލްސީން އުފައްދަން މަސައްކަތް ކުރި ހަމަލާތައް ހުޝިޔާރުކަމާ އެކީ ދިފާއުކޮށްފައެވެ.

ޗެލްސީން ރަނގަޅަށް ކުޅެމުން ދަނިކޮށް ބާސާ އިން ވަނީ ކައުންޓަ އެޓޭކެއްގައި އެޓީމުގެ ތިންވަނަ ގޯލު ކާމިޔާބުކޮށްފައެވެ. މެޗުގެ 63 ވަނަ މިނެޓްގައި މި ގޯލު ވެސް ބާސާ އަށް ކާމިޔާބުކޮށްދިނީ މެސީއެވެ.

މި ގޯލާ އެކު ޗެމްޕިއަންސް ލީގުގައި މެސީ ކާމިޔާބުކުރި ގޯލުގެ އަދަދު މިހާރު ވަނީ 100 އަށް އަރާފައެވެ. އޭނާ އަކީ އެ ޝަރަފް ހޯދި ދެވަނަ ކުޅުންތެރިޔާ އެވެ. މި ޝަރަފު މީގެކުރިން ހޯދާފައިވަނީ ރެއާލް މެޑްރިޑްގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. ރޮނާލްޑޯ މި މުބާރާތުގައި މިހާތަނަށް 117 ގޯލު ކާމިޔާބުކޮށްފައެވެ.

ޗެލްސީގެ މައްޗަށް ބާސާ އިން ކުރި ހޯދިއިރު މިއީ ޗެމްޕިއަންސް ލީގުގެ ކުއާޓާ އަށް ބާސާ ޖެހިޖެހިގެން ދަތުރުކުރި 11 ވަނަ ފަހަރުކަން ފާހަގަކޮށްލެވެއެވެ. ކުއާޓާގައި ބާސާ ބައްދަލުކުރާނެ ޓީމެއް އިނގޭނީ ހުކުރު ދުވަހު ނަގާ ގުރުއަތުލުމުންނެވެ.

 

ކިޔުންތެރިންގެ ހިޔާލު