ރޮކް ސްޓްރީޓްސްއިން ތިންވަނަ ޑިވިޝަންގެ ތަށި އުފުލާލީ އިއްޔެ ކުޅުނު ފައިނަލްގައި ސުޕަ ސްޕޯޓްސް ޔުނައިޓެޑް ބަލިކޮށްގެންނެވެ. ކްލަބުގެ ފުޓުބޯޅަ ހަޔާތުގައި އިތުރު ހަރުފަތަކަށް ޖެހިލީއެވެ. ތިންވަނަ ޑިވިޝަނުން ދެވަނަ ޑިވިޝަނަށް ޖެހިލީއެވެ.

އެ ކާމިޔާބީގެ ފަހަތުގައި މުހިއްމު ނަމެއް އެބަހުއްޓެވެ. ރޮކް ސްޓްރީޓްސްގެ ކޯޗު، ފަރުހާދު އިސްމާއިލް (ފަރޭ)އެވެ. ފަރޭގެ ނަމަކީ ދިވެހި ފުޓުބޯޅައަށް އާ ނަމެއް ނޫނެވެ. ފ. ނިލަންދޫއަށް ނިސްބަތްވާ ފަރޭ، ދަނޑު މައްޗަށް ނުކުތްތާ މިހާރު 16 އަހަރުވީއެވެ. ރާއްޖޭގެ އެންމެ މަތީ ފަންތީގެ ކްލަބުތަކުންވެސް ވިދާލި ފަރޭ ވަނީ ގައުމީ ޓީމަށްވެސް ކުޅެފައެވެ.

ފަރޭ އުފާފާޅު ކުރުމުގައި --- ފޮޓޯ/ ފޭސްބުކް

ދާދި ފަހަކާ ޖެހެންދެންވެސް ދަނޑުމަތިން ފެނުނު ފަރޭ، އޭރުވެސް ޕާޓް ޓައިމްކޮށް، ކުރާ ހިތުން ކުރާ ކަމަކީ ކޯޗުކަމެވެ. ފުޓުބޯޅައިގެ އިތުރުން ވޮލީންވެސް ފެންނަ ފަރޭ، ކޯޗުކަންވެސް ކޮށްދެނީ ވަކި ފުޓުބޯޅަ އެކަންޏެއް ނޫނެވެ. ވޮލީގައިވެސް މެއެވެ.

ރޮކް ސްޓްރީޓާއެކު ތަށި އުފުލާލުން ފަރޭއަށް ހާއްސަވީ ތިންވަނަ ޑިވިޝަންގެ ދެވަނަ ތަށްޓެއްގެ ގޮތުގައެވެ. މީގެ ކުރިން އޭނާ ކެޕްޓަންކަން ކުރި، ގްރީން ސްޓްރީޓްވެސް ދެވަނަ ޑިވިޝަނަށް ގެންގޮސްދިނުމުގެ މޭސްތެރިއަކީ ފަރޭއެވެ.

"ކުރިން ގްރީން ސްޓްރީޓްސްއާއެކުވެސް ދެވަނަ ޑިވިޝަނަށް ދިޔައީ ތާޑު ނަގައިގެން. މިއީ ދެން އަބަދުވެސް ކުރާ ހިތްވާ ކަމެއް، ކޯޗުކަން ކުރުމަކީ، ރަށު ޓީމަށްވެސް ކުރިން ކޯޗުކަން ކޮށްދިނިން. އަސްލު ފުރަތަމަ ޑިވިޝަނަށް ކުޅެ ނިންމާފަ ރާއްޖޭގައި ފުޓުބޯޅައިގައި ދެމި ހުރެވެން އޮންނަ ހަމައެކަނި ގޮތަކީ ކޯޗުކަން ކުރުން ކަންނޭނގެ. އެހެންވެ ދެން، ކުރާހިތްވާ ކަމަކަށްވެސް ވީމަ، މިކަމާ މި އުޅެވެނީ،" ފަރޭ "ވަގުތު"އަށް ބުންޏެވެ.

ކޯޗިންގެ ވަކި ލައިސަންސެއް ނެތި، ފަރޭ އެކަން ކުރާ އިރު، މުސްތަގުބަލު އޮތީ ކިހިނެތްތޯވެސް އަހާލެވުނެވެ. އޭނާގެ ޖަވާބުވެސް ވަރަށް ސާފެވެ.

"އަސްލު ހަގީގަތަށް ބުނަންޏާ މީގެ ލައިސަންސެއް ބޭނުމެއް ނުވާނެ. މީގެ މުހިންމީ އެމީހަކަށް އިހުލާސްތެރި މަސައްކަތްތަކެއް ކުރެވުން. ހިތްވަރާއެކު ބުރަ މަސައްކަތް ކުރުން. މިފަހަރު ތަށި ނެގި ޓީމު، ރޮކް ސްޓްރީޓްސްއަކީ ވަރަށް ސަޅި ޓީމެއް. މެނޭޖުމަންޓާ ކުޅުންތެރިންވެސް. ހާޑް ވޯކިން ކުޅުންތެރިން ތިބީމަ ތަށި ނެގުނީ،" ފަރޭ ބުންޏެވެ.

ތިންވަނަ ޑިވިޝަން ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ އެފްއޭއެމް

މުސްތަގުބަލާ މެދު ފަރޭ އަދި ހުރީ ސުވާލު މާކެއްގެ ތެރޭގައެވެ. ރޮކް ސްޓްރީޓްސްއިން ފަރޭއަށް ބޭނުން ގޮތެއް އިހްތިޔާރުކުރުމަށް ފުރުސަތު ދީފައިވެއެވެ. ކޯޗެއްގެ ގޮތުގައި ޓީމުގައި މަޑުކުރުން ނޫނީ، އަނެއްކާވެސް ދަނޑު މައްޗަށް އެރުމެވެ. ދެވަނަ ޑިވިޝަންގައި ރޮކް ސްޓްރީޓް ވާދަކުރާ އިރު، އެ ކްލަބަށް ނުކުޅޭންވި ސަބަބެއްވެސް ނެތް ކަމަށް ފަރޭ ބުންޏެވެ. އެހެން ނަމަވެސް އަދި ނުވިސްނާ ކަމަށް އޭނާ ބުންޏެވެ.

ފަރޭގެ ކޯޗިން ކެރިއަރުގައި މުސްތަގުބަލު އެބައޮތެވެ. ކުޅުންތެރިޔެއްގެ ގޮތުގައި ހޯދި މުހިއްމު ތަޖުރިބާއާއެކު ކެރިއަރު ކާމިޔާބުކުރާނެ ވިސްނުން އެބަހުއްޓެވެ. އަމިއްލައަށް އެކުލަވާލި ޓީމެއް ގޮވައިގެން ނުކުމެ، ތިންވަނަ ޑިވިޝަން ނެގުމަކީ އުނދަގޫ މަސައްކަތެކެވެ.

ފަރޭގެ ވިސްނުންވެސް ހުރީ ރަސްމީކޮށް ކޯޗިންނަށް ނުކުތުމަށެވެ. އެ ވަގުތާއެކު ފަރޭ ފެންނާނީ ކޯޗިން ދާއިރާއިންނެވެ.

ކިޔުންތެރިންގެ ހިޔާލު